13 Apr 2022, 10:17
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ލެގު ނިމުނުއިރު، އެގްރިގޭޓް ނަތީޖާއިން ވިލަރެއާލްގެ އަތް ދަށުވެ ވަރުގަދަ ބަޔާން މިއުނިކް މުބާރާތުން ކަޓައިފިއެވެ.
ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ބަޔާން ވަނީ ރަށުން ބޭރުގައި 1-0އިން ވިލަރެއާލް އަތުން ބަލިވެފައެވެ. އެެހެންކަމުން އަމިއްލަ ދަނޑުގައި މިރޭ ދެ ގޯލުގެ ތަފާތުން ވިލަރެއާލް ބަލިކުރަން ބަޔާނަށް އޮތީ މަޖުބޫރުވެފައެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގައި އެއްވެސް ލަނޑެއް ފެނިފައެއް ނުވެއެވެ. ދެ ވަނަ ހާފު ފަށައިގެން މެޗުގެ 52 ވަނަ މިނެޓުގައި ރޮބާޓޯ ލެވަންޑޮސްކީ ވަނީ ލަނޑެއް ޖަހައި ބަޔާނަށް ލީޑު ނަގައިދީފައެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ ތޯމަސް މުލާގެ އެހީތެރިކަމާއެކުއެވެ. މި ނަތީޖާއާއެކު އެގްރިގޭޓް ނަތީޖާ ވަނީ 1-1އިން އެއްވަރުވެފައެވެ.
އިތުރު ލަނޑެއް ޖަހައި ބަޔާނުން ސެމީގެ ޖާގަ ހޯދަން މަސައްކަތް ކުރަމުން ދަނިކޮށް، މެޗުގެ 88 ވަަނަ މިނެޓުގައި ވިލަރެއާލުން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށް، އެގްރިގޭޓުން ކުރި ހޯދައި ބަޔާން ސިއްސުވާލާފައެވެ. މި ލަނޑު އެ ޓިމަށް ކާމިޔާބުކޮށްދިނީ ޖެރާޑް މޮރޭނާގެ އެހީތެރިކަމާއެކު ސެމިއުލް ޗުކުވޭޒީއެވެ.
ވިލަރެއާލުން މުބާރާތުގެ ގަދަ އެއް ބާރު ބަޔާން ކަޓުވާލިއިރު، އެ ޓީމުން ވަނީ ގަދަ 16 ބުރުގައި ޔުވެންޓަސްގެ ދަނޑުގައި އެ ޓީމު ބަލިކޮށް މުބާރާތުން ކަޓުވާލާފައެވެ.
މިއީ ވިލަރެއާލުން މި މުބާރާތުގެ ސެމީއަށް ދަތުރުކުރި ދެ ވަނަ ފަހަރެވެ. އެ ޓީމު އެންމެ ފުރަތަމަ ސެެމީއަށް ދިޔައީ 2005 ވަނަ އަހަރެވެ.
ސެމީގައި ވިލަރެއާލް ކުޅެން ޖެހޭނީ މާދަމާ ރޭ ލިވަޕޫލް އާއި ބެންފީކާ ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.