12 Apr 2022, 22:46
ވެޓެރަންސް ލީގުގައި މިއަދު ހަވީރު ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ހުޅުމާލެ ވެޓަރަންސް ކުލަބް މޮޅުވުުމިގެ ސިލްސިލާ ދަމަހައްޓައިފިއވެ.
އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު މި މެޗުން ހުޅުމާލެ ވެޓަރަންސް މޮޅުވީ 5-1 ގެ ބޮޑު ނަތީޖާއަކުންނެވެ.
ހުޅުމާލެ ވެޓެރަންސް އޮތީ ލީގު ތާވަލުގެ އެންމެ ކުރީގައި ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މޯލްޑިވްސް ސޮކަ މޭޓްސް އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ.
މެޗުގައި ހުޅުމާލެ އިން ލީޑު ނަގާފައިވަނީ މުޙައްމަދު ޖަމީލް (ޖަމްބެ) ކާމިޔާބުކުރި ލަނޑުންނެވެ. އެ ޓިމުން ވަނީ ފުރަތަމަ ހާފުގައި އިތުރު ދެ ލަނޑު ޖަހާފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ސުޖާއު (ސުޖާ) އަދި ޢަބްދުﷲ ޝިފާއުއެވެ.
ދެވަނަ ހާފު ފަށައިގެން ޕޮލިސް އިން ވަނީ ލަނޑެއް ޖަހާފައެވެ. މެޗުގައި އެ ޓީމަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު ޖަހައިދިނީ މުހައްމަދު ނާޒިމެވެ. އޭގެ ފަހުން ހުޅުމާލެއިން ވަނި އިތުރު ދެ ލަނޑު ޖަހާފައެވެ. އެއީ އަޙްމަދު ޝާހިދު ޖަހައިދިން ލަނޑާއި، އިސްމާޢީލް މުޙައްމަދު (އިއްސޭ) ޖަހައިދިން ލަނޑެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުޅުމާލެއަށް ފަހު ލަނޑު ޖަހއިދިން އިއްސޭއެވެ.
މި މުބާރާާތަކީ ކުރީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ރަމަޟާން މަހު ކުރިއަށް ގެންދާ މުބާރާތެކެވެ. މި ފަހަރުގެ މުބާރާތް މި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. މި އަހަރުގެ މުބާރާތް އިންތިޒާމް ކުރަނީ އެފްއޭއެމާ ގުޅިގެން ކްލަބް އިވެންޓްސްގެ ފަރާތުންނެވެ.
މުބާރާތް ރޭވިފައިވަނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދަަތުރުކުރާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 30 ވަނަ ދުވަހުއެވެ.