މިއަދު ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންގެ ލައިން ބަލަހައްޓަން ތިބި ފުލުހުންނަށް ހަމަލާދީފައިވާތީ އެކަން ކުށްވެރިކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް ނޭޅުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ގޮވާލައިފި އެވެ.

ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ވަނީ "ރައްޔިތުންގެ މަޖިލިސް ސަރަހައްދުގައި މިއަދު ކުރަމުންދާ މުޒާހަރާތަކުގައި ސެކިއުރިޓީ ލައިން ބަލަހައްޓަން ތިބި ފުލުހުންނަށް، އެއްވެ ތިބި މީހުން ގަލާއި އެހެނިހެން ތަކެތި ބޭނުންކޮށް، ފުލުހުންނަށް އަނިޔާވާފަދަ ހަމަލާތައް ދެމުންދާތީ ކޮމިޝަނުން އެކަން ކުށްވެރި ކުރާ" ކަމަށެވެ. އަދި އެކަން ހުއްޓާލުމަށާއި ފުލުހުންގެ ވާޖިބަށް ހުރަސް ނޭޅުމަށް އިލްތިމާސްކުރާ ކަމަށް ވެސް ކޮމިޝަންގެ ބަޔާނުގައި ވެއެވެ.

މުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި މިހާތަށް ފުލުހުން ދައްކާފައިވާ ކެތްތެރިކަން ފާހަކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ގާނޫނާ ގަވައިދުގެ އިމުގެ ތެރޭގައި ތިބުމަށް ކޮމިޝަންގެ ބަޔާނުގައި ގޮވާލާފައި ވެއެވެ.

"... ހަމަ މިހާއެކު މިމުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި މިހާތަނަށް ފުލުހުން ދައްކާފައިވާ ކެތްތެރިކަން ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައި ވެސް ގާނޫނާ ގަވާއިދުގެ އިމުގެ ތެރޭގައި ތިއްބެވުމަށާއި ހާލަތާ ނުގުޅޭ ބާރެއްގެ ބޭނުން ނުކުރުމަށް ފުލުހުންނަށް ގޮވާލަމެވެ،" ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ބަޔާނުގައި ވެއެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް އެމްޑީޕީން މިއަދު ކުރަމުންދާ މުޒާހަރާތަކުގައި ބައެއް ފުލުހުންނަށް ވަނީ އަނިޔާވެފަ އެވެ. އަނިޔާވި ފުލުހުންގެ ތެރެއިން ވަރަށް ގިނަ ފުލުހުންގެ ޒަހަމްތައް ސީރިއަސް ކަމަށް ވެސް ވެއެވެ.