12 Apr 2022, 11:43
ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރެވޭ ކަންކަމުގައި ޚިޔާލު ތަފާތުވުންތައް ހުރިނަމަވެސް، އެހެން މެންބަރުންގެ ބަހުސް ނުހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މެންބަރުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް އުމަރު ހިޔާ ފްލެޓުގެ ފިނިޝިންއާ ގުޅޭ ގޮތުން ހުށަހެޅުއްވި މައްސަލައާމެދު ބަހުސް ކުރުމާ މެދު ވޯޓު ނެގުމުގެ ކުރިން ނަޝީދު ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ މައްސަލަތަކާ މެދުގައި އަމަލުކުރަނީ ގާނޫނު އަސާސީ ތަންދޭ އެންމެ ފުޅާ މިނަށް ކަމަށެވެ.
އެއީ ޑިމޮކްރެސީގެ ހަމަތައް ނެގެހެއްޓުމަށް ޓަކައި މުހިންމު ކަމެއްކަން ނަޝީދު ފާހަގަކުރެއްވިއެވެ.
"ޚާއްޞަކޮށް ޑިމޮކްރެސީ ހަމަތައް ނެގެހެއްޓުމަށާއި އަދި ޚިޔާލު ތަފާތުވުމުގެ ފުރުސަތާއި ބަހުސް ކުރުމުގެ ޖާގަ އެންމެ ފުޅާ މިނުގައި ދިނުމުގެ އުންމީދުގައި،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ބަހުސް ހުއްޓުވުން އެއީ އެ މެންބަރަކު ތާއީދު ކުރައްވާ ގޮތަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ބައެއް މެންބަރުން ދެކިވަޑައިގަތް ނަމަވެސް، ބަހުސްކޮށް ރައްޔިތުންނަށް ކަންކަން އޮޅުން ފިލުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، މެންބަރުންނަށް ވާހަކަދައްކަން ފުރުސަތު ނުދިނުމަށް އެމްޑީޕީގެ ބައެއް މެންބަރުން ނިޒާމީ ނުކުތާ ނަންގަވާތީ، އިދިކޮޅު މެންބަރުންނަށް ބަހުސް ކުރައްވަން ފުރުސަތު ނުލިބެއެވެ.
މިފަހުން އެމްޑީޕީގެ ދެ ފެކްޝަނުގެ މެންބަރުންގެ މެދުގައި ވެސް މިފަދައިން ނިޒާމީ ނުކުތާ ނަންގަވައި ބަހުސް ހުއްޓުވުމުގެ ކަންކަން ފެނިގެން ގޮސްފައިވެއެވެ.