ކުޑަކުދިން ރޯދަހިފަން ފަށާއިރު، ބެލެނެވެރިން އެކުދިންނަށް އެހީ ފޯރުކޮށްދިނުމާއި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް ތައްޔާރުވުމަކީ މުހިންމުކަމެކެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ޗައިލްޑް ނިއުޓްރިޝަން ހާއްސަ ކޮންސަލްޓަންޓް ޑރ. ރުކްޝާނާ، ރޯދަމަހު ކުދިން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށާއި ރޯދަހިފުމުގައި ކެއެމުގެ ކަންކަން ބަހައްޓާނެ ގޮތުގެ އިރުޝާދު މި ލިޔުމުގައި ހިއްސާކުރައްވާނެއެވެ.

ރޯދަހިފާ ކުދިންނަށް ކެއުމުގެ ކަންކަން ބަހައްޓަންވީގޮތް

ރޯދައަށް ކުއްޖާއަށް ހުރެވޭނެތޯ ބެލުމަކީ މުހިންމުކަމެކެވެ. ކުއްޖާ ރޯދައަށް ހުރުމުގެ ކުރިން ބެލެނިވެރިން އެކުއްޖާގެ ކެއުމުގެ އާދަތަކާއި، ބަނޑުހައިހޫނުކަން ތަހައްމަލް ކުރެވޭނެވަރާއި، ރޯދައަށް ހުރެ އާންމު ހަރަކާތްކުރެވޭ ވަރު ބަލަންޖެހެއެވެ. ބައެއް ކުދިންނަށް ފުރަތަމަ ދުވަހު ނޫނީ ފުރަތަމަ ދެތިން ދުވަހު އެއްކޮށް އެއްޗެއް ނުކައި ރޯދައަށް ހުރުމަކީ ދަތިކަމަކަށް ވެސް ވުން އެކަށީގެންވެއެވެ. އަށް އަހަރުން ދަށުގެ ކުދިން ރޯދަހިފުމަށް ގަޔާކޮށްދިނުމަށް ރޯދައަށް ބެހެއްޓިދާނެއެވެ. ނަމަވެސް ރޯދައަށް ގަދަކަމުން އެކުދިން ނުބެހެއްޓުމަށް ޑރ. ރުކްޝާނާ އިލްތިމާސްކުރެއެވެ.

ރޯދަހިފާ ކުދިންގެ ކެއުމުގައި ހަމަހަމަކޮށް ކެއުން ތައްޔާރުކުރުން މުހިންމު ވަނީ ނިއުޓްރިޝަނަލް ޑެފިޝަންސީ ފަދަ މައްސަލަތަކުން ދުރުހެލިވުމަށެވެ. ބެލެނެވެރިންނަށް ރޯދަމަހުގައި ކުދިން ރޯދައަށް ބަހައްޓާއިރު ސަމާލުވާންޖެހޭނެ ބައިވަރު ކަންތައް ހިމެނެއެވެ.

ޑރ ރުކްޝާނާ އިލްތިމާސްކުރަނީ ކުދިންނަށް ތިން ކެއުން، ރޯއްދަވިއްލާ އިރު ކެއުން، ރޭގަނޑު ކެއުން، ހާރު، މި ތިން ކެއުން ދިނުމަށެވެ.

ރޯދަހިފާ ކުދިންގެ ކެއުން ތައްޔާރުކުރުމުގައި ވިސްނަންޖެހޭ ކަންތައްތައް

ފެން ބުއިމުގެ މުހިންމުކަން

ރާއްޖޭފަދަ ހޫނު މޫސުން އޮންނަ ގައުމެއްގައި އެންމެ ކުޑަމިނުން ކުޑަކުދިން އެއް ލީޓަރު ފެން ބޯންޖެހޭނެއެވެ. އަދި ފުރާވަރު ކުދިން މަދުވެގެނެ 1.5 ލީޓަރު ފެން ބޯންޖެހޭނެއެވެ. ފެން ބޯންޖެހޭ މިންވަރު ބެހިފައިވާނީ ކޮންމެ ދެ ގަޑިއިރަކު 1-2 ތަށި ދިނުން، އަދި މޭވާ ޖޫސް ފަދަ ބުއިންތައް އެއް ތައްޓަށް މަދުކުރުން މުހިންމެވެ. ކުއްޖާގެ ފެން މަދުވެއްޖެނަމަ ބޮލުގައި ރިއްސައި ވަރުބަލިވާނެއެވެ.

ރޯދަވީއްލާ ގަޑީގައި ކެއުމުގައި ހިމަނަންޖެހޭނީ ކޯއްޗެއްތޯ؟

ރޯދަވީއްލާ ވަގުތު 2-3 ކަދަރު ކެއުން، ކަދުރަކީ އަޔަން އަދި މިނަރަލް ހިމެނޭ އެއްޗެކެވެ.

ރޯދަވީއްލާ ގަޑީގައި ތާޒާ މޭވާ އިން ހަދާފައި ހުންނަ ޖޫސް ދެވިދާނެއެވެ. މީގެން ހަށިގަނޑަށް ބޭނުންވާ ހަކުރާއި، މިނަރަލް އަދި ވިޓަމިން ލބިގެންދާނެއެވެ.

ކުކުޅު ނޫނީ އެހެން މަހަކުން ހަދާފައި ހުންނަ ސޫޕް ނުވަތަ މުގު އަދި ބީންސްއާއި އެކު ޕާސްޓާ ކުއްޖާއަށް ދެވިދާނެއެވެ. ކާބޯހައިޑްރޭޓްސް އަށް މުއްސަނދި ބުރައުން ބްރެޑް ޗީޒް ސޭންޑްވިޗް، ބިސް އަދި ތަރުކާރީގެ ބާވަތްތައްވެސް ހިމެނިދާނެއެވެ.

ރޯދަވީއްލާ ގަޑިއަށް ކުދިން ބޭނުންވާނީ ބަނޑުފުރާ ކެއުމަށެވެ. ނަމަވެސް ކުއްޖާ އަށް ހެޔޮވަރު ވަރަކަށް ކެއުމަށް ބެލެނިވެރިން އިރުޝާދު ދޭންވާނެއެވެ. ކުދިންނަށް ތެލާއި ސަރުބީ އެކުލެވޭ ބާވަތުގެ ކާނާ ދިނުމުން ދުރުހެލިވުމާއި މާގިނައިން ރޯއްދަވިއްލާ ވަގުތު ކެއުމުން ދުރުހެލިވާންޖެހެއެވެ. ފަހަރުގައި ކުޑަކުދިންކަމަށް ވުމުން އެއްފަހަރާ ރޯދަ ވީއްލާގަޑީގައި މާގިނައިން ކާންއުޅެފާނެއެވެ. އެހެންކަމުން އެއްފަހަރާ މާގިނައިން ކެއުމުން ވަރުބަލިކަމާއި، ލޮޑުކަން އިތުރުވެ، މަތިންއެރުމާއި، ގޭހުގެ އުދަނގޫތައް ކުރިމަތިވާގޮތްވެއެވެ.

ރޭގަނޑުގެ ކެއުން

ރޭގަނޑުގެ ކެއުން ރޯދަވީއްލުމުގެ ދެ ގަޑިއިރު ފަހުން ދެވިދާނެއެވެ. ކެއުމުގައި ފުށުގެ ބާވަތްތައް، ޕްރޮޓީންގެ ބާވަތްތައް އަދި މޭވާ އެކުލެވިގެންވާންވާނެއެވެ. ކާބޯހައިޑްރޭޓްސް ހަށިގަނޑަށް ފޯރުކޮށްދިނުމަށް ބަތް، ޕާސްޓާ، ރޮށި އަދި ނޫޑުލްސް ދެވިދާނެއެވެ. ޕްރޮޓީންގެ ގޮތުގައި މަސް ރިހަ، ކުކުޅު، އެހެނިހެން މަސް، މުގު، ބީންސް އަދި ޕީސް ބޭނުން ކުރެވިދާނެ އެވެ. މި ބާވަތަތައް ފިހެގެން ނުވަތަ ސްޓީމް ކޮށްގެން ދެވިދާނެއެވެ. އަދި ޔޯގަޓް، އައިސް ކްރީމް ނުވަތަ ކުއްޖާއަށް ކަމުދާ ފޮނި އެއްޗެއް ކެއުމުގައި ހިމެނިދާނެއެވެ. ކުރިއަށް އޮތް ދުވަހު ރޯދައަށް ހުރުމަށްޓަކައި ރޭގަނޑުގެ ކެއުން ވަރަށް މުހިންމެވެ. ނަމަވެސް ކެއުމަށްޓަކައި ލިބޭ ވަގުތުކޮޅު ވަރަށް ކުޑަވެއެވެ. ބަރު ކެއުމެއް ޑައިޖެސްޓަ ކުރަން އުނދަގޫ ވާނެއެވެ. އެހެންކަމުން ކެއުމަށްފަހު ހިނގާލަން ދިއުން ނުވަތަ ކުޅެން ފުރުސަތު ދިނުން މުހިންމެވެ. މީގެ އިތުރުން ކެއުމަށްފަހު ނިދުން އެހާ ބުއްދިވެރިއެއް ނޫނެވެ.

ހާރު ކެއުން

ހާރަކީ ރޯދައަށް ހުރުމަށް ކާންޖެހޭ އެންމެ މުހިންމު ކެއުމެވެ. ހާރުގަޑީގައި ދޭ ކާތަކެތީގައި ފައިބާއިން މުއްސަނދި ފުށުގެ ބާވަތުގެ ކާނާ ތައްޔާރުކުރާށެވެ. ހާރުގަޑިގައި ހޯލް-ގްރެއިން ކެއުން ކުއްޖާ ހެދި ބޮޑުވުމަށާއި، ސުކޫލް ގަޑީގައި ކިޔަވާ ވަގުތު ފަރުވަތެރިވުމަށް އެހީވެދޭނެއެވެ.

މިގޮތުން ކިރާއިއެކު އޯޓްސް އަދި ނަޓްސް ދެވިދާނެއެވެ. ނުނީ މަލްޓި ގްރެއިން ޕާނާއިއެކު ބިހާ، ޗީޒް ނޫނީ ޕީނަޓް ބަޓާ ވެސް ކުދިންނަށް ދެވިދާނެއެވެ. ހަމައެއާއިއެކު ޔޯގަޓް ނުނީ ސްމޫތީ އަކީ ވެސް މިގަޑީގައި ދިނުން ރަނގަޅު އެއްޗިއްސެވެ.

ތެލާއި ސަރުބީ ގިނަ ތަކެތި އަދި މާގިނައިން ލޮނު ހުންނަ ކާބޯތަކެތި ކުދިންނަށް ނުދޭށެވެ. އޭގެ ސަބަބުން ރޯދައަށް ހުންނަށް ވަގުތު ކަރުހިއްކުން އެކަށީގެންވެއެވެ.

އެހެންކަމުން ދުޅަހެޔޮކަންމަތީ ރޯދަ މަސް ފުރިހަމަކުރުމަށްޓަކައި ކުޑަކުދިން ރޯދައަށް ބަހައްޓާއިރު މައިންބަފައިން މިކަންކަމަށް ސަމާލުކަންދިނުން މުހިންމެވެ.