12 Apr 2022, 12:01
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގައި ދާއިމީ ފުޑް ސްޓޯލްތަކެއް ހަދަން މަޝްވަރާ ކުރަން ފަށައިފިއެވެ.
ހިޔަ ފްލެޓްތައް ކައިރީގައި މިވަގުތު ހުރި ފުޑް ސްޓޯލްތައް ނަގަން އެޗްޑީސީން އަންގާފައި ވަނީ، އެ ސަރަހައްދަކީ ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުންދާ ތަނެއް ކަމަށްވާތީ، ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު ދަށްވެފައި، އެ ތަންތަނުން ދޭ ޚިދުމަތްތަކުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބެމުންދާތީ ކަމަށް އެޗްޑީސީން މީގެ ކުރިން ބުންޏެވެ.
މީގެ އިތުރުން އެ ތަންތަނުގައި ޚިދުމަތް ދެމުން ދަނީވެސް ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގައި، ކަނޑައެޅިފައިވާ އުސޫލުތަކާ ޤަވާއިދާ ޚިލާފަށް ކަމަށް އެޗްޑީސީން ބުންޏެވެ.
އެހެންކަމުން އެތަންތަން ނެގުމަށް މިދިޔަ އާދީއްތައިގެ ނިޔަލަށް މުއްދަތު ދިނުމަށްފަހު ނުނަގާ ހުރި ސްޓޯލްތައް ނެގުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށާފައެވެ.
ނަމަވެސް ސްޓޯލްތައް ހަދާފައިވާ މީހުން އަމިއްލައަށް އެތަންތަން ނެގުމަށް އަދިވެސް އިލްތިމާސް ކުރާ ކަމަށް އެޗްޑީސީން ބުންޏެވެ.
"އަދިވެސް ހަމަ މިކޮޅުން އިލްތިމާސް ކުރަމުން ދަނީ، އެގޮތަށް ހިންގާ ތަންތަން އަމިއްލައަށް ނެގުން،" އެޗްޑީސީން ބުންޏެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ފުޑް ސްޓޯލްތަކުގެ ޑިމާންޑު ބޮޑުކަމުން، އެކަމަށް ހައްލެއް ހޯދައި، ދާއިމީ ހުއްދަތަކެއް ދީގެން، ދާއިމީ ސްޓޯލްތަކެއް ހެދުމާމެދު މަޝްވަރާ ކުރަމުން ދާކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެހެންކަމުން، އެންމެ ރަނގަޅު ގޮތަކީ އެތަނުގައި ދާއިމީ ފުޑް ސްޓޯލްތަކެއް އެޅުންތޯ ނުވަތަ ނޫންތޯ ބަލާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ނަމަވެސް މިވަގުތު ހުރި ސްޓޯލްތައް ހިންގަނީ ސާފުތާހިރުކަމާއި ގައިޑްލައިންތަކާ އެއްގޮތަކަށް ނޫންކަމަށާއި، އެއީ ކޮންސްޓްރަކްޝަން ސައިޓެއް ކަމުން، އެތަނުގައި ހުރި ވަގުތީ ފުޑް ސްޓޯލްތައް ނަގަން އެޗްޑީސީން ވަނީ ތަކުރާރުކޮށް އެދިފައެވެ.