21 Apr 2022, 10:39
"މި ރޭ ތަކުގައި އަރާމު ނިދިި ނަގާލާ ކަންނެތްކަން ފިލުވާލުމަށްފަހު އަޅުކަމުގައި ބާކީ އޮތް ދިހަ ދުވަސް ހޭދަކުރުމަށް ގަދަ އަޅާ މަސައްކަތް ކުރަމާ ހިގާށެވެ. އަނެއްرَمَضَانއާއި މަހަޔަށް ދިރި ތިބެވޭނެކަން އެނގޭނީ ކާކަށް ހެއްޔެވެ؟ މިއީ ތިބާގެ އެންމެ ފަހުގެرَمَضَانކަމުގައި ވެގެން ހިނގައިދާނެއެވެ. ވިދުވަރެއްހާ ހަލުވިކޮށްرَمَضَانގެ ތިންބައިކުޅަ ދެބައި ފާއިތުވެގެން ދިޔައީއެވެ. އެއީ ހަޔާތްވެސް ވޭތުވެގެންދާ ބާރު ދުވެއްޔެވެ. ފަހުން ހިތާމަކުރުމުގެ ކުރިން މި ފަހު ދިހަރޭ ހަމައެކަނި އިބާދާއަށްޓަކާ ހުސްކޮށްލައްވާށެވެ. "
***
ކުއްލިއަކަށް ނަވޫދު އަލްވާގެ ހެދުމުގެ ކަރުވަޅުގައި ހިފެހެއްޓުމުން އަލްވާ އެފަދަ ކަމަކަށް އުއްމީދުނުކޮށް ހުރުމުން އަރިއަޅާނުލީ ހަމަ ކިރިޔާއެވެ. ނަވޫދުގެ މޫނުން އެހާ ފިނި ނަޒަރެއް ލައިލްވެސް ދުވަހަކު ދެކެފައެއްނެތެވެ. އަލްވާގެ މޫނުމައްޗަށް ވެރިވި އިންތިހާ ބިރުވެރިކަން ފެނުމުން އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވާފައި އޭނަ ދުރަށް ޖެހިލިއެވެ.
"ދާކަށް ނުވޭތަ؟" މަސައްކަތަށް އެނބުރި ރުޖޫއަވެ ހަމަޖެހިފައިވާ އަޑަކުން ނަވޫދު އެހިއެވެ. އިތުރު އެއްޗެއް ބުނުމެއްނެތި އަލްވާ ބާރުބާރަށް ހިނގާފައިގޮސް ނުކުތެވެ.
"ކިހިނެއް ތިހެދީ؟" ލައިލް ބުމަ އަރުވައިލިއެވެ. ލައިލް ދަންނަގޮތުން ނަވޫދުއަކީ އަބަދު ހަމަޖެހިފައި ހުންނަ ހިމޭން މަޑުމައިތިރި "ވައިބް"އެއް ފެންނަ މީހަކަށްވެފައި ރުޅިއަންނަން އެނގޭ މީހެއްވެސް ނޫނެވެ. އޭނަ އުޅެނީ ސިއްރުވެރި ދިރިއުޅުމެކެވެ. އަދި އެހެންމިހުންނަށް އޭނަގެ ފަރާތުން ދުވަހަކުވެސް އުދަގުލެއް ފޯރާފައެއްނުވެއެވެ. އެކަމަކު ދެންމެ ނަވޫދުގެ ހުރިހާ ކެތްތެރިކަމެއް ކޮޅުން ލި ސަބަބެއް ލައިލްއަކަށްވެސް ނުވިސްނުނެވެ.
"އެހާ ވަރަށް ނައްޓާވަރުގެ ކޯންޗެއް އެކުއްޖާ ބުނީ؟" ލައިލް އަނެއްކާ ސުވާލުކުރިއެވެ.
"މީހުންގެ ކަންތައްތަކަށް ބޯބާނާ އެކަހަލަ ކުދިން ދުރަށް ފޮނުވައިލެވޭނީ އެކަހަލަ ގޮތަކަށް އެނޫނީ އެމީހުންނަކަށް ނީވޭނެ. އެއީ އެކުއްޖާ މިތަނުން ފޮނުވައިލަންވެގެން ހެދިގޮތެއް އެހެން ނޫންނަމަ އެކުއްޖާގެ އުދަގޫތައް ނުހުއްޓޭނެ..." ނަވޫދު ކޮނޑު އަރުވައިލިއެވެ. ލައިލް ލޯ ހަނިކޮށްލަމުން ޝައްކުން ފުރިފައިވާ ނަޒަރަކުން ނަވޫދުއަށް ބަލަން ހުއްޓެވެ. އެ ކުއްލި ރުޅިގަނޑުގެ ނިވަލުގައި ފުން މާނައެއް ވާކަމުގައި އޭނައަށް އިހުސާސްކުރެވުނެވެ. އޭނަ މަސައްކަތެއް ނެތި ހުހަށް ހުއްޓާ ފެނުމުން ބޮސްގެ ފަރާތުން އިންޒާރެއް އައުމުގެ ކުރިން އޭނަވެސް މަސައްކަށް ރުޖޫއަވިއެވެ.
***
އަލްވާ ވަޑާންގެއިން ނިކުމެގެން ދުވަމުން އައިއިރު މެހެކް އިންތިޒާރުގައި ހުއްޓެވެ." ކުޑަ ދުވަސްވީ ވުޑްވޯކް ފިހާރަގަނޑެއްގައި ކޮން ގަނޑެއް ތިގަންނަނީ؟" މެހެެކް ނޭފަތް ގުރުޑުކޮށްލީ އޭނަ ފޫހިވީވަރު އެންގުމަށެވެ.
"ހަނދާން އެބަހުރިތަ؟ އަހަރެން ވަރަށް ސްޓްރޭންޖް މީހެއްގެ ވާހަކަ ބުނީމެއްނު. މިހާރު އޭނަގެ ބުޅާ ގަންބާލަން އުޅުނީކަން ޔަގީންވެއްޖެ. މިބުނީ....ދެންމެ އޭނަ އަހަރެންގެ ކަރުގައި ހިފާ މަރާނުލީވެސް ހަމަ ކިރިޔާ."
އަލްވާ ފޮނިތޮށި ކާފޫރުލައިގެން ވާހަކަ ހަދައިގެން ދެއްކުމުން މެހެކް ލޮލުތެރޭގައި ކަޅި ހިންގައިލިއެވެ. އަލްވާ ހަދަ ހަދައިގެންނާއި ވީ ވަރަށްވުރެ ބޮޑުކޮށްލައިގެން ދައްކާ ވާހަކަތަކަށް އޭނަވަނީ ހޭނިފައެވެ. ބައެއްފަހަރު އަލްވާ ދައްކާ ވާހަކަތަށް ހަމަޖެހޭހެނެއްވެސް ހިޔެއްނުވެއެވެ. އަދި އަނގަ ތަޅާވަރުން އެހުރިހާ ވާހަކަތަކެއް މެހެކްގެ ހަނދާނުގައި ހަރުލާނީ ކިހިނެއް ހެއްޔެވެ؟
"ހިނގާބަލަ. ބަސް ކަޓާފާނެ.." މެހެކް އަލްވާގެ އަތާއި އަތް ގުޅައިލިއެވެ." ހޫމް ކުރިން ބުނީ ކީކޭ؟ ފޮތެއް ލިޔަން ތިއުޅެނީ؟"
"އާނ ރޯޒްކްލިފުން އެ ވާހަކަ ޗާޕްކޮށްދޭނެ އެމީހުންގެ ފިހާރައިގާ. ގަދައެއް ނޫންތަ؟"
"އެގޮތަށް އާ ލިޔުންތެރިން ކުރި އަރުވަން ތިކުރާ މަސައްކަތަކީ އެމީހުން އާދަޔާ ޚިލާފަށް މުއްސަދިވީމަކަން ޔަގީން. އަދި ރޯޒްކްލިފް ކުންފުނީގެ ވެރިޔާ ހާދަ ދީލަތިމީހެއް ވީމައޭ. ދެރައީ ހުރިހާ ކުންފުނިތަކުގެ ވެރިންނަކީ މުސްކުޅި ކާފައިންނަށްވީމަ. އަދި މެރީޑްވީމަ. އަލްވާ. ކޮންކަހަލަ ފޮތެއް ލިޔަން ތިއުޅެނީ؟"
"އަދި ނުނިންމަން. ހީކުރިވަރަށްވުރެ އުދަގޫ މަސައްކަތެއް. މުޅި ސަމަރގައި ލިޔަންވީ އެއްޗަކާއިމެދު ވިސްނަން ޖެހޭނީ. ހުރިހާ ކިޔުންތެރިންގެ އެންމެ މަގުބޫލު ވާހަކައަށް އެ ވާން ޖެހޭނެ." ގެއަށް ދާން ދެކުދިން ބަހަށް އެރިއިރު އަލްވާ ހުވަފެނީ ގޮތަކަށް ބުނެލިއެވެ.
***
"ސަދަފް...ކުޑަކުޑަކޮށް ހީލަބަލަ...." ފޮޓޯނަގާ މީހާ އެދުނެވެ. އެވަގުތު ލޮލުތެރޭ ކަޅި ހިންގައިލަންވެގެން އޭނަގެ ސިކުނޑި ބާރު އެޅިވަރުން ކެތްވީ ހަމަކިރިޔާއެވެ. އެކަމަކު އޭގެ ބަދަލުގައި އޭނަގެ ފުޅާ ރީތި ހިނިތުންވުން ވިދުވަރެއްފަދައިން އިޝްތިހާރުވީ އެމީހާ ބޭނުންވި ވަރަށްވުރެ ފުރިހަމައަށެވެ. އެކި ތަފާތު ޕޯސްތަކުގައި ސެންޓްފުޅި ހިފައިގެން ހުރެ އޭނަގެ ފޮޓޯ ނެގުމަށްފަހު ހިތްހަމަޖެހޭވަރުވުމުން ފޮޓޯނަގާ މީހާ ބޮޑުވާ އިނގިލިން އިޝާރާތްކުރީ ފޮޓޯ ޝޫޓް ނިމުނުކަން އެންގުމަށެވެ. ސަދަފް ވަގުތުން އޭނަ ލައިގެން ހުރި ހެދުން ބަދަލުކުރަން އަވަސްވެގަތެވެ. އޭނަ ލައިގެން ހުރި ގަޔަށް މާ ބާރު އަދި ކުރު ހެދުމުގެ ސަބަބުން އުދަގޫކަމުން ހުރެވުނީއެއް ނޫނެވެ. އޭނަފަދަ ބޮޑު އަންހެނަކަށް ކުޑަކުއްޖެއްގެ ހެދުން ފެހުމުން ފެޝަން އިންޑަސްޓްރީއަށް ލިބެނީ ކޯންޗެއް ހެއްޔެވެ؟ އޭނަ އާއްމުކޮށް ލައި އުޅޭ ތުނި ސްވެޓަރާއި ސްވެޓްޕޭންޓްސް ލުމުން ހަށިގަނޑަށް މާ ބޮޑަށްވެސް އަރާމުވިއެވެ. އޭނަގެ ރަތް މުށިކުލައިގެ އިސްތަށިގަނޑު ތޮތްޕަކުން ފޮރުވައިލުމަށްފަހު އެ އިމާރާތުން ނިކުމެގެން ދާން ހިނގައިގަތެވެ. އޭނަގެ ސްޓާފުންނަށް އިންތިޒާރުކުރާކަށް ނެހެދިއެވެ. ލޮލުގެ ފެނުން ގެއްލުވާފަދަ އަލިތަކާއި އޮޓޯގްރާފް ހޯދަން ލަވާ ހަޅޭއްތަކާއި ދުރަށް ގޮސް ހަމަ ނޭވާއެއް ލާން އޭނަ ބޭނުންވިއެވެ.
މިއަދު ފޮޓޯ ނެގުމުގެ މަންޒިލަކީ އޭނަގެ ބޭބެ ސުފިޔާން އަލަށް ހުޅުވި ޝަޚުސ ީފޮތް ފިހާރައާއި ކައިރިކަމުގައި އޭނަވަނީ އަހާފައެވެ. އެފޮތް ފިހާރަ ފެނުމުގެ އުއްމީދުގައި އޭނަ ހިނގައިގަތެވެ.
"އޯ. އެހެރީ އެތަން...." ރޯޒް ކްލިފް ބުކްސްޓޯރގެ މާ ސިންގާ ނަން ބޯޑު ފެނުމުން ސަދަފްގެ ލޯ ދިއްލުނެވެ. ބޭބެއާއިމެދު އޭނަ ފަޚުރުވެރިވިއެވެ. އޭނަ ކުރާ ކޮންމެ މަސައްކަތަކުން ކާމިޔާބު ހޯދައެވެ. ސަދަފްއާއި ޚިލާފަށް އޭނަގެ ބޭބެއަކީ ހިތްހެޔޮ ހިތްތިރި ޒުވާނެކެވެ. އޭނަގެ މައިންބަފައިން ފަދައިންނެވެ. އޭނަގެ މުއްސަދިކަމުން އާއްމު ރައްޔިތުންނަށް އެތީތެރިކަން ފޯރުވާ އެހެން މީހުންނަށް އަޅާލައެވެ. ދީލަތި މީހެކެވެ. އެއީ ކީއްވެކަމެއް ސަދަފްއަކަށް ނޭގެއެވެ. އޭނަ މީސްތަކުންނަށް ނަފްރަތުކުރެއެވެ. ބޭބެ ތަފާތީ ކީއްވެހެއްޔެވެ؟ ސަދަފް ފުން ނޭވައެއްލިއެވެ. އޭނަ ސުފިޔާންއައި ހަސަދަވެރިވީހެއްޔެވެ؟ ފޮތް ފިހާރައަށް ވަންނަ ދިމާލުގައި ރީދޫކުލައިގެ ޓޭޕް ދަމާފައި ހުރަސްނުކުރަން ލިޔެވިފައިވާތަން ފެނުނެވެ.
"މިއީ ކްރައިމް ސީންއެއް ނޫނީ...." ސަދަފް އިސް އުފުލާ މައްޗަށް ބަލައިލިއެވެ. މަސައްކަތްކުރާ މީހުން ބޮޑު ސްޓެޗޫއެއް ކޮޅަށް ޖަހަން މަސައްކަތްކުރަމުން ދިޔައެވެ. ސްޓެޗޫއެއް ނަގަން މުޅި ހިސާބު ބަންދުކުރަން ވީ ކިއްވެހެއްޔެވެ؟ އެ ޓޭޕަށް ސަމާލުކަމެއްނުދީ ފޮތްފިހާރައިގެ ދޮރާއި ދިމާލަށް އޭނަ މިސްރާބުޖެހިއެވެ. އޭގެ ފަހުން އޭނަ ހަދާން ހުރީ މީހުން ހަޅޭއްލަވައިގަތްއަޑާއި ތޫނު ތަދަކާއެކު ހަށިގަނޑަށް އައްސިވުމުންނެވެ. އޭގެ ފަހުން އަނދިރިކަން އޭނަ ވަށާލައިފިއެވެ. ވީނުވީއެއް އޭނައަަކަށް ނޭގުނެވެ. އޭނަ ޚަބަރުހުސްވީހެއްޔެވެ؟ އަނބުރައިގަތީބާވައެވެ. ލޯ ހުޅުވައިލެވުމާއެކު ފުރަތަމަވެސް ނަޒަރު ހުއްޓުނީ ކަންބޮޑުވުމުގެ ކުލަތައް ފައުޅުވޭވޭހުރި ކަޅުކުލައިގެ ލޮލަށެވެ. އިރުގެ އަލީގެ ހަރަކާތްތަކުން އެލޮލަށް ކޮފީކުލަވެސް އަރަމުން ދިޔައެވެ.
"އާ ޔޫ އޯލްރައިޓް؟" ނަވޫދު ސަދަފްކައިރީ ކުޑަކަކޫ ޖަހާލައިގެން އިނެވެ. އެކުއްޖާގެ ބޮލުގައި ޖެހުނީ މަތިން ވެއްޓިގެން އައި އޭނަގެ އިސްކުރު ކަށިގަނޑެވެ. ސަދަފް އެސްފިޔަތައް އަވަސްއަވަހަށް ޖަހައިލުމަށްފަހު ތެދުވެ އިށީންއިރު ކޮންމެވެސް ގޮތަކަށް އޭނަ ވެއްޓުނީކަން ޔަގީންވިއެވެ. އަދިވެސް ބޮލަށް އެނބުރުން އަރާފައެވެ. އެވީ ކިހިނެއްހެއްޔެވެ؟ ބޮލުގައި ވިންދުޖަހާގޮތަށްވެސް އެބަ ރިއްސައެވެ.
"މިސް. އެހެރަ ނިޝާން ނުދެކެންތަ؟ މަސައްކަތްކުރާ ސައިޓްތަކަށް ވަދެގަތުމަކީ ނުރައްކާތެރިކަމެއް." ހުމާމް އިޝާރާތްކުރީ ދަމާފައި ހުރި ރީދޫ ޓޭޕަށެވެ.
"ހިނގޭނެތަ؟" އޭނަ ގެ ގާތުގައި ހުރި ޒުވާނާ ސުވާލުކުރިއެވެ."ތެދުވާން މަސައްކަތްކޮށްބަލަ..."
ބަސްއަހާ ކުޑަކުއްޖެއް ފަދައިން އޭނަ ފައި މައްޗަށް ކޮޅަށް ތެދުވުނެވެ. އެންމެ ބޭނުންވީ ވަގުތު އޭނަގެ ސްޓާފުން ކޮބާހެއްޔެވެ؟ އެ އަންހެންކުއްޖާއަށް ހިނގޭކަން އެނގުމުން ނަވޫދުއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
"ކީއްވެ ހިނގޭހެއްޔޭ ތި އެހީ؟ އެކުއްޖާގެ މޫނުން ލޭ އޮހެމުންދާ ތަނެއް ނުފެނޭތަ؟' އެތަނުގައި ހުރި އެހެން މީހަކު އަޑުގަދަކޮށްލިއެވެ. ސަދަފް ލޯ ބޮޑުކޮށްލުމާއެކު މޫނުން އެންމެ ތަދުވަ ތަންކޮޅާއި ދިމާލަށް އަތް ގެންދިޔައެވެ. އެއާއިއެކު އަތް ތިރިއަށް ގެނެސް ބަލައިލުމާއެކު އަރިއަޅައިނުލީ ކިރިޔާއެވެ. އަތުގައި ހުރީ ލެޔެވެ. އެ އިސްކުރުކަށިގަނޑު އޭނަގެ ކަނައަތު ބުމައާއި ދިމާލުން ފަޅައިލީއެވެ.
" އެހެން ތަނެއް ގައި ނުޖެހުނުކަމާއިމެދު ﷲއަށް ހަމްދުކުރަން. އެހެންނޫންނަމަ މާ ނުރައްކާވީސް...." ކަޅުކުލައިގެ ލޮލުގެ ވެރިޔާގެ އެ ޖުމްލައިން ސަދަފް އެސްފިޔަ ޖަހައިލީ އެބުނި އެއްޗެއް އިވުނީ ނުބައިކޮށް ކަމަށް ހީކޮށްފައެވެ. އެންމެ އަގުބޮޑު ތަނަކީ އޭނަގެ މޫނެވެ. އެ ޒުވާނާއަށް އެކަން ނުވިސްނުނީހެއްޔެވެ؟ އެއީ އޭނަގެ މުވައްޒަފުންވެސް ލޯ މުދުނަށް އަރުވައިގެން އޭނައާއި ދިމާލަށް ދުވެފައި އައި ވަގުތުކޮޅެވެ." ހެވަންސް. މޫނަށް ކިހިނެއް ވީތަ؟"
"އެތައް ކޮމާޝަލްސް އެއް ކިއޫގައި މި މަހުގައި އެބައޮތް.."އަނެކަކު ރޮއިގަތެވެ.
"ހޭއި. އަވަހަށް ހަމުގެ ޑޮކްޓަރަށް އެޕޮއިންޓްމެންޓެއް ހަދާބަލަ..."
މިއީ ސަދަފްގެ މުވައްޒަފުންނަށް އޭނަގެ ހާލަތު ފެނުމުން އެމީހުން އުޅެގަންނާނެ ގޮތްކަން ސަދަފްއަށް އެނގުނެވެ. ނަމަވެސް އެ ޖުމްލަތަކުން އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެކަމަކުވެސް އޭނަގެ ހިތަށް ތަސައްލީ ލިބުނީ ނުދަންނަ ބީރައްޓެހިޔާގެ ލަފުޒުތަކުންނެވެ. ސަދަފް އެނބުރި ބަލައިލިއިރު އެ ޒުވާނާ ފެންނާކަށް ނެތެވެ. އޭނަގެ ލޯ ދެން ދަތުރުކުރީ ފޮތުގެ ސްޓެޗޫއަށެވެ. އަދި މިޔަކަނުން ކުޑަކޮށް ހީލެވުނެވެ. އޭނަގެ ބޮލަށް އެރި އެތިފަހަރުން އޭނަ މޮޔަވީބާވައެވެ.
***
ނަވޫދުއަށް އެއީ ކޮން އަންހެންކުއްޖެއްކަން އޮޅުން ފިލީ އެކުއްޖާ އެތަނުން ދިޔަ ފަހުންނެވެ. އެއީ އެ މަޝްހޫރު ސަދަފްއެވެ. ލައިލް އަބަދު މޮޔަވެގެން އެކުއްޖަކު ނަން ކުރާ އަންހެން މޮޑެލްއެވެ. ލައިލް އެތާ ނެތްކަމީ ނަސީބެކެވެ. އޭނައަކީ އެ ކުއްޖާގެ މޮޔަވެފައި ހުންނަ "ފޭން"އެކެވެ. ނަވޫދް ބައިސްކަލަށް އަރައިގެން ނައްޓައިލީ ދޭތެރެއަކުން އުދަރެހާއި ދިމާލަށް ބަލަމުން އިރުއޮއްސުމުގެ ރީތިކުލަތައް ދެކެމުންނެވެ. ހޫނު މޫސުމްގެ ވައި ފިނިވާން ފެށިއެވެ. އޭނަ ބައިސްކަލް ދުއްވަމުން ދިޔައިރު ވައިރޯޅިތައް އޭނަގެ ކަޅު އިސްތަށިގަނޑުގެ ތެރެއިން ވަދެ އިރުއޮއްސޭއިރު އެހުންނަ އޮރެންޖް މުށިކުލައިން އިސްތަށިގަނޑުވެސް ވިދުވަމުން ދިޔައެވެ. ދުއްވާއިރު އޭނަގެ ސިކުނޑި ހުސްވެ އަމާންކަމެއް އިހުސާސްވެއެވެ. އޭނަ ޝަހަރު ފަހަނަޅާ ދިޔަވަރަކަށް ގަސްތައް ގިނަވަމުން ފެހިކަން ގަދަ ވަމުން ދިޔައެވެ. އިމާރާތްތަކުގެ ބަދަލުގައި ވިންޑްމިލްސްތަކާއި ކުދި ކުލަތަކުން ފުރިފައިވާ ކުދި ގެތަަކުން އެ ބޮޑު ބިންތައް ފުރައިލަން ފެށިއެވެ. ޕެޓްރޯލްގެ އެހީގައި ދުއްވާ ކާރުތައް މިހިސާބުގައި ނެތުމުން ވައި ސާފުވެފައި އަރާމެވެ.
ނަވޫދުގެ ގެއާއި އަރާ ހަމަވުމުން އޭނަ ބައިސްކަލްގެ ދުވެލި މަޑުކޮށްލައިފިއެވެ. އެ ދުވަސްވީ ގެއަކީ އެތައް މަރާމާތަށް ބޭނުންވެފައިވާ ކުޑަ އިމާރާތެކެވެ. ހުޅުވިފައިވާ ދޮރު ފެނުމާއެކު ހާސްކަން އޭނަގެ ހަށިގަނޑުގައި ދުވެލިއެވެ. ބައިސްކަލް އެއްފަރާތަށް އެއްލާލާގައި އެތެރެއަށް ދުއްވައިގަނެވުނެވެ.
"ނަމްރާ....." އޭނަ އެ ނަމުން ގޮވާފައި ދޮރުމަތީގައި ހުއްޓުނުއިރު ނޭވާ އުފުރި އަރާފައެވެ. އޭނަ ބޭރަށް ނޭވާއެއް ދޫކޮށްލިއެވެ. އަންހެންކުއްޖާއަށް ގެއްލުމެއްނުވެ ސަލާމަތުން ހުރިތަން ފެނުމުން ހިތަށް ލިބުނީ ބަޔާން ނުކުރެވޭފަދަ ހަމަޖެހުމެކެވެ. ހިމޭން ދިރިއުޅުމަކަށް ބޭނުންވެފައިވާ އިންސާނަކަށް މި ދުވަސް ދައްކުވާދިނީ ހިތަށް ނާރުވާ ކުއްލި ހާދިސާތަކެވެ. އޭނަ ހުރީ ގޮތްހުސްވެފައެވެ. އާއްމުކޮށް ނަމްރާގެ އުކުންތަކުން ސަލާމަތްވިޔަސް މިއަދަކީ އޭނައަށް އެންމެ ރަގަޅު ދުވަހަކަށް ނުވިއެވެ. ނަމްރާ އެއްލައިލި ޕްލާސްޓިކް ޖޯޑު ޖެހުނީ އޭނަގެ ނިތްކުރީގައެވެ.
"ލަސްވެއްޖެ..." ނަމްރާ ހަރުކަށިކަމާއެކު ބުނެލިއެވެ.
"ސޮރީ. މަސައްކަތުގައި ހުއްޓާ ކަމެއް ދިމާވީ.." ނަވޫދު މަޑުމަޑުން ދޮރު ލައްޕާލައިފިއެވެ." ދޮރު ހުޅުވާފައި ހުރީ ކީއްވެތަ؟ ދޮރު ތަޅުލާފައި ބަހައްޓާށޭ ބުނަމެއްނު."
ނަވޫދު އިށީދެލީ ކައުޗްގައެވެ. އަދި ސްވެޓަރެއް ވިޔަން ތަޅުންމަތީގައި އިން ނަމްރާގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. މިއީ ހުސްވަގުތު ދުއްވައިލަން އެކުއްޖާ ފަށައިގަތް އާ މަސައްކަތެވެ. މިކަމަށްވެސް ފޫހިކޮށްލާން ކިހާ ދުވަހެއްވާނެއޭ ނަވޫދުގެ ހިތަށް އެރިއެވެ.
"ބޭރަށް ދިޔައިންތަ؟" ނަވޫދު ހައިރާންކަން ފޮރުވަން މަސައްކަތްކުރިއެވެ. ނަމްރާގެ ފައިތިލައިގާ ހުރީ ވެއްޔެވެ. ނަމްރާ ހެދުމުން ފައިތިލަ ފޮރުވަން މަސައްކަތްކުރިއެވެ."ބޭރަށް ދިޔުމަކީ ރުޅި އަންނަކަމެއް ކަން އެނގެއެއްނު.." ނަމްރާ ޖަވާބު ދިނެވެ.
"ބޭރަށް ގެންދަންވީތަ؟" ނަވޫދު އުއްމީދުން ފުރިގެންވާގޮތަކަށް ސުވާލުކުރިއެވެ. ނަމްރާ ވަގުތުން ކަޅި އަޅައިގަތެވެ.
"ކިތައްފަހަރު ބުނާނީ ދުވަހަކުވެސް ބޭރަށް ނުދާނަމޭ.." އެ ލޮލަށް ވަގުތުން ރުޅިވެރިކަމުގެ ކަރުނަތައް ނިރާލައިފިއެވެ. ނަމްރާގެ ކަޅުލޮލާއި ގަދަ މުށިކުލައިގެ އިސްތަށިގަނޑުގެ ސަބަބުން ކޮންމެވެސް ވަރަކަށް ނަވޫދްއާއި ލޭގެ ގޮތުން ގުޅުމެއް އޮތްކަން ބަލައިލި ކޮންމެ މީހަކަށް ދެގެނަގަނެވޭނެއެވެ. އެހާވެސް ދެމީހުން އެއްގޮތެވެ. އެކަމަކު ނޭގޭނެކަމަކީ އެއީ އެއްމާބަނޑު ދެބެންކަމެވެ. ނަމްރާގެ އިސްތަށިގަނޑު މާބޮޑަށް މުށިކުލައެއްގައި ފެންނައިރު ނަވޫދްގެ އިސްތަށިގަނޑަށް މުށިކުލަ އަރަނީ އިރުގެ އަވި އެޅުމުންނެވެ. ނަމްރާ އެއްފޫޓްވަރަކަށް ކުރުވެފައި ހިމަކޮށް ކުޑަކޮށް ހުންނަ ނާޒުކް ކުއްޖެކެވެ. އަދި ދެމީހުންގެ މިޒާޖުވެސް އެހާ ތަފާތެވެ. ނަވޫދު މަޑުމައިތިރިއިރު ނަމްރާގެ ތޫނު ދުލެއް އޮވެއެވެ. އަދި ބައެއްފަހަރު އެހާ ރުޅިގަދައެވެ. އެކަމަކު ނަމްރާގެ އެ ކަންތައްތަކަށް ނަވޫދު ދުވަހަކު ރުޅިއައިސް ފާޑު ކިޔާ އެއްޗެއް ބުނެފައެއްނެތެވެ. އޭނައަށް އެއްޗެކޭ ބުނެވޭނީ ކިހިނެއްހެއްޔެވެ؟ އެއީ ނުހިނގޭ އަންހެންކުއްޖެކެވެ. ވިހި އަހަރުގެ އެ އަންހެންކުއްޖާ ހައްޔަރުވެފައިވަނީ ކުލައެއް ނެތް އެކަނިވެރި ދުނިޔެއެއްގައެވެ. އެކުއްޖާ އެހެން އުޅޭ ސަބަބު ގަބޫލުކުރެވުނަސް ބައެއްފަހަރު ނަވޫދްއަށްވެސް އުދަގޫވާ ހިސާބަށް މައްސަލަ ބޮޑުކުރެއެވެ. ނަމްރާ ރުޅި އައުމުން އެއްޗެހި އުކުމަށް އަދިވެސް އޭނަ މުޅިއަކުން ނުހޭނެއެވެ. އޭނަވަނީ ބިއްލޫރި އެއްޗެހީގެ ބަދަލުގައި ޕްލާސްޓިކް ތަށްޓާއި ޖޯޑުތައް ގެނެސްފައެވެ. އަދިއެގޮތަށް އެއްލާލާފަދަ ގެއްލުން ހުރި އެއްޗެހި ގެއިން އެއްލާލާ ނޫނީ ފޮރުވާފައެވެ. އެވަރުންވެސް އޭނައަށް ހަމަލާދޭނެ އެއްޗެއް ނަމްރާ ކޮންމެވެސް ގޮތަކަސް ހޯދައެވެ.
ނަމްރާ މި ހާލުގައި އިންނަތާ މިވަނީ ހަތް އަހަރެވެ.އޭނަގެ ފަހަތުން އަޅުވާލައިގެން އައި ފިރިހެނުންތަކުން ސަލާމަތްވާން ދުވެފައި އަންނަނިކޮށް ތޭރަ އަހަރުގެ ނަމްރާގެ ގައިގާ ޖެއްސި ކާރަކުން އޭނަގެ ފައިގެ ދުވަސް ދިޔައީއެވެ. އަންހެންކުއްޖެއްގެ މުޅި ހަޔާތް ބަރުބާދުކުރި މީހުން ހައްޔަރު ނުކުރެވުނުތާ އެމީހުން ފެނުނު ކަމަކަށްވެސް ނުވިއެވެ. އެއީ ގޭންގެއްގެ ކުދި ބަޔަކު ކަމަށް ނިންމާފައި ފުލުހުން އެ ކޭސް ދޫކޮށްލީއެވެ.
ވިހޭތަނުން ޔަތީމްވި އެދެކުދިން ބަލާބޮޑުކުރީ މައިފުށުގެ މާމައެވެ. އެކަމަކު މިއަހަރު ކުރީކޮޅު ލޯބިވާ މާމަވެސް އެކުދިންނާއި އަބަދަށްޓަކާ ވަކިވެގެން ދިޔައީއެވެ. މިހާރު އެދެބެންވަނީ މުޅިން އެކަނިވެރިވެފައެވެ. އާއިލާގެ އެއްވެސް މެމްބަރަކު ހުރީއެއް ނުނެވެ. މަސައްކަތްކުރަމުން ކޮއްކޮއާއި އަޅާލުމަކީ ނަވޫދަށް ފަސޭހަކަމެއް ނޫނެވެ. މަސައްކަތް ކުރާނެ ކުއްޖަކު ހޯދިޔަސް ނަމްރާ ކޮންމެ ފަހަރަކު ދެކޮޅުހަދަނީއެވެ. ބީރައްޓެއްސަކު އޭނައަށް އަޅާލުމަށް ބޭނުން ނުވަނީއެވެ. އޭނައަށް އަމިއްލަ ކަންތައް ވާނެކަމުގައި ނަމްރާވަނީ ބުނެފައެވެ.
ނަވޫދު ގެ ނަޒަރު ހުއްޓިފައިވީ ފޮށިގަނޑެއްގެ ސިފައިގާ ހުރި ޓީވީއަށެވެ. އޭގެ ސްކްރީން ހުރީ ތެޅިފައެވެ. ނަމްރާ އެއްލި އެއްޗަކުން ޖެހި ޓީވީ ހަލާކުވީއެވެ."ބޭރު ދުނިޔެ" އެ ޓީވީއިން ދެކެން އޭނަ ބޭނުންނުވަނީއެވެ.
"ނަމްރާ......"
"ވަޓް؟" ނަމްރާގެ މައުސޫމް ބޮޑު ލޯ ނަވޫދުގެ މޫނަށް ހުއްޓުނެވެ.
"މިތަން ފޫއްސެއް ނޫންތަ؟ މާދަން ބޭރަށް ދަމާ ހިނގާ. އަހަރެންވެސް އޮފްޑޭއެއް ނަގާނީ..........."
"ވޯންޓް ޔޫ ޝަޓަޕް؟"
ނަވޫދު ތުންފަތުގައި އަމިއްލައަށް އިނގިލި ޖައްސައިލަމުން ހިމޭންވިކަން އެންގިއެވެ. ނަމްރާ ގެއިން ބޭރަށް ގެންދަން އުޅުމަކީ ކަނޑުގައިި ރޮގެއް އެޅުންފަދަ ކަމެކެވެ. މާމަ ނިޔާވިފަހުން އަދި ނަމްރާ ގޭގައި އެގޮތަށް ތަޅުލެވިގެން އިނުމުން ކުރިއަށްވުރެ ނަފްސާނީ މައްސަލަ ގޯސްވެ ރުޅިގަދަކަން އިތުރުވީއެވެ.
ނަވޫދު ފެންވަރަން ވަނުމުން ނަމްރާ އޭނަގެ ހަށިގަނޑު ދަމަމުން ކުޑަދޮރާއި ހަމަޔަށް ދިޔައެވެ. އަދި ކިރިޔާ ބޭރު ފެންނަވަރަށް ދޮރުފޮތިގަނޑު ކަހާލައިފިއެވެ. ބޯ ހިއްލައިލަމުން އޭނަގެ ނަޒަރު ކުޑަދޮރުން ބޭރަށް ހުއްޓުނެވެ. ހިތްގައިމު ފެހީގައި އިރުގެ އަލީގައި ވިދާ ދިގު ގަސްތައް މިހާރު ފެންނަނީ ކަޅު ހިޔަނިތައް ފަދައިންނެވެ. ނަމްރާގެ ލޯ އެއަށްވުރެ މައްޗަށް ދަތުރުކުރިއެވެ. ނޭވީ ނޫކުލައިގެ އުދަރެހާއި ފިޔަޖަހަމުންދާ ތަރިތަކެވެ. އުދަރެސް އިތުރަށް ޒީނަތްތެރިކޮށްލައިގެން އިން ވިދާ ހަނދުވެސް އޭނައަށް ފެނުނެވެ. ހަނދާއި ދިމާލަށް މާ ދުރުން އުދެހުމުން ދިޔަ އެންމެ ދޫންޏެއްގެ ހިޔަނިވެސްމެއެވެ. ގަސްތަކުގެ މަތިން ފެންނަނީ ތަފާތު ދުނިޔެއެކެވެ. އެދުނިޔޭގެ ބަޔަކަށްވުމަށް އޭނަގެ ހިތް އެދޭ ދުނިޔެއެވެ. ކާރެއްގެ ހެޑްލައިޓް އަލި އޭނަގެ ލޮލުގައި އަޅައިގަތުމާއެކު ހިތް އަވަސްވެއްޖެއެވެ. ކުއްޖަކު ކާރަށް އަތުނުވާން ދުވަމުން ދިޔައެވެ. ކާރުގެ ދުވެލި އަވަސްކޮށްލިގޮތަށް އެކުއްޖާގެ ގައިގާ ޖައްސާލައިފިއެވެ.
ނުނިމޭ