ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ އއ. ތޮއްޑޫގެ ކޮންމެ ރައްޔިތަކަށް ވެސް 50،000 ރުފިޔާގެ އިނާމެއް ދޭ ގޮތަށް އެ ރަށު ކައުންސިލުން ފާސް ކޮށްފިއެވެ.

އެގޮތަށް ފާސްކުރީ އިއްޔެ ބޭއްވި ކައުންސިލްގެ 36 ވަނަ ޖަލްސާގައި ބައިވެރިވެލެއްވި ކައުންސިލަރުންގެ އިއްތިފާޤުންނެވެ.

ތޮއްޑޫ ކައުންސިލުން ބުނީ އެ ފައިސާ ހަމަޖެއްސުމަށް ނިންމާފައިވަނީ ކެންޕެއިން ވަޢުދުގައިވާ ގޮތުގެ މަތީން ކައުންސިލްގެ ރައީސްގެ ފަރާތުން 25,000 ރުފިޔާ އާއި އަދި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު ބާކީބައި ހަމަޖައްސާ ގޮތަށް ކަމަށެވެ.

ކައުންސިލުން އިތުރަށް ފާސްކޮށްފައިވަނީ އާއްމުކޮށް އިއުލާން ކޮށްގެން ކައުންސިލާއި ގުޅިގެން ހާފިޒް ކުލާހެއް ކުރިއަށް ގެންދަން ޝައުގުވެރިކަން ހުރި ފަރާތްތައް ހޯދައި އެ ފަރާތްތަކާއެކު އެއްބަސްވެވޭ ގޮތެއްގެ މަތީން ކުރިއަށް ދިޔުމަށެވެ.

މީގެ އިތުރުން ތޮއްޑޫ އިނާރާ މިސްކިތް މަރާމާތު ކުރުމަށް ކައުންސިލްގެ ބަޖެޓުން 15،000 ރުފިޔާ ދިނުމަށް ވެސް އިއްޔެ ބޭއްވި ބޭއްވި ކައުންސިލް ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.