11 Apr 2022, 16:12
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ކުރިމަތިލައި ކެމްޕޭނުގައި ރާއްޖޭގެ 115 ރަށަށް ވަޑައިގެންނެވިއްޖެ ކަމަށާއި އެއިން ކޮންމެ ރަށަކުން އެނގިގެންދިޔައީ އެމްޑީޕީ ނުހިނގާކަންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިއްޔެ ކ. ހިންމަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކޮށް ފައްޔާޒު ވިދާޅުވީ އެ ޕާޓީގެ އަތޮޅުތެރޭގައި ދިރިއުޅޭ މެންބަރުން ޕާޓީގެ ހަރަކާތްތަކުން ވަރަށް ބޮޑަށް ބާކީކޮށްލާފައިވާކަމުގެ ޝަކުވާއަކީ ކޮންމެ ރަށަކުން އަޑުއަހަންޖެހުނު ޝަކުވާއެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް 115 ރަށަށް ދެވުނު. ދެވުނު އިރުގައި ކޮންމެ ރަށަކުން ވެސް އަންނަ ކަންބޮޑުވުމަކީ ޕާޓީއަކާ އެއްވެސް ގުޅުމެއް ޕާޓީގެ މެންބަރުންނަކާ ނެތޭ" ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވިގޮތުގައި ރަށްރަށުގެ ގޮފިތަކާއި ޖަގަހަތައް ނުހިނގާކަމުގެ ޝަކުވާއަކީ ވެސް ރަށްރަށުން ވަރަށް ބޮޑަށް އަޑުއިވުނު އަޑުތަކެއް ކަމަށެވެ. އެކަންކަަން ބަދަލުކުރުމަށް އެމްޑީޕީ ހިންގާލަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވަން އޮތްވާހަކަ އަކީ
އަޅުގަނޑަކަށް ނުފެނެޔޭ 2023 ލިބޭތަނެއް ޕާޓީގެ މެންބަރުން އެކްޓިވް ނުވެއެއް@faya_i#ހިންމަފުށި#MDPhingaalanpic.twitter.com/Gz7NMK3vOa— Azmeen (@Azmeen_87)April 10, 2022
ފައްޔާޒު އެހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި އޭނާއަށް ވަރަށް ބޮޮޑަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ހިނގާ ޕާޓީއެއް ކަމަށާއި އެ ޕާޓީ ކުރިއަށް އޮތްތަނުގައި ވެސް ހިނގާނެ ކަމަށާއި އެ ޕާޓީ ޤައުމުން ފަނޑުވެ ނުދާނެ ކަމަށެވެ.
ފައްޔާޒުގެ ކެމްޕޭނުގައި ބޭނުންކުރާ "އެމްޑީޕީ ހިންގާލަން" ސްލޯގަން އަަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީއިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުވީ ވެރިކަން ބަދަލުކޮށްލީ އެމްޑީޕީ ހިންގާލައިގެން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން "ބަޣާވަތަކުން" ވައްޓާލައި އެމްޑީޕީގެ ލީޑަރުން ޖަލަށް ލުމުންވެސް އެނބުރި އައިސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރީ އެމްޑީޕީ ހިނގާތީ ކަމަށެވެ.
ނަޝީދު ވިދާޅުވީ ޕީޕީއެމްއާއި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީ އަދި އިލެކްޝަން ކޮމިޝަން ވެސް ހިނގަނީ އެމްޑީޕީ ހިނގާތީ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރި އެ ޕާޓީ ތެރޭގައި ގަދަވެފައިވާއިރު ގިނަ ބަޔަކު ދެކޭ ގޮތުގައި އެ އިންތިހާބަކީ ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކުރިމަތިލުމެކެވެ.
ފައްޔާޒުގެ ފަހަތުގައި ރައީސް ޞާލިހުގެ ސިޔާސަތުތަކަށް ތާއީދުކުރާ އެމްޑީޕީ މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން ތިބިއިރު އިމްތިޔާޒް ފަހުމީގެ ފަހަތުގައި ތިބީ ރައީސް ނަޝީދުގެ ސީޔަސަތުތަކަށް ތާއީދުކުރައްވާ މެމްބަރުންނެވެ.