12 Apr 2022, 10:22
ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކޮށްފައިވާއިރު މި މަހުގައި ގިނައިން އަޅުކަމުގައި ހޭދަ ކުރުމަށް އިސްކަން ދޭންޖެހެއެވެ. ފާފަތައް ފުއްސަވައި ދިނުމަށް އެދި ﷲގެ ހަޟުރަތުގައި ދެންނެވުމަށާއި ސަވާބާއި ދަރުމަ ހޯދުމަށް އަޒުމު ކަނޑައަޅައި މަސައްކަތް ކުރަން ޖެހެއެވެ. ރޯދަ މަހަށް ޚާއްޞަކޮށްގެން "ސަން" އިން ގެނެސްދޭ "ޝައިޚުންނާއެކު" މި ހަފުތާގެ ޕްރޮގްރާމްގައި ބަލާލާނީ ރޯދަ ފަރުޟު ކުރެވުނު ގޮތަށެވެ.
ސުވާލު: ރޯދަ ފަރުޟު ކުރެވުނު ގޮތަކީ ކޮބާތޯ؟
ޖަވާބު: ޝައިޚު ޢަލީ ޒައިދު:
"ރަމަޟާން މަހަކީ ވަރަށް ބޮޑު އަޅުކަމެއް. އެއީ ދީނުގެ ފަސް ވަނަ ރުކުން. އަޅުގަނޑުމެން މި ރުކުން އަދާ މިކުރަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަގުވާވެރި ވުމަށްޓަކައި.
އަޅުގަނޑުމެން ރޯދައިގެ ތާރީޚާށް ޖެހިލާއިރުގައި، އެންމެ ފުރަތަމަ އަޅުގަނޑުމެން ވިސްނާލާއިރު އަހުލުކިތާބީންނަށް ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ރޯދަ ފަރުޟު ކުރެއްވިކަން އައިސްފައި އެބައޮތް. ޔަހޫދީންނަށް ވެސް އަދި ނަސާރާއިންނަށް ވެސް ﷲ ތަޢާލާ ރޯދަ ފަރުޟު ކުރެއްވި. ހަމަ އެގޮތަށް އަޅުގަނޑުމެންގެ ދީނުގައި އަޅުގަނޑުމެންނަށް ވެސް ރޯދަ ފަރުޟު ކުރެވިގެން އައިސްފައި މިވަނީ.
ކީރިތި ރަސޫލާ ޞައްލައްﷲޢަލައިހި ވަސައްލަމަ ވަޑައިގަތް ދުވަސްވަރަކީ ޖާހިލިއްޔަ ޒަމާނުގެ ދުވަސްވަރު. އެ ދުވަސްވަރަކީ ވަރަށް ނުބައި އާދަތަކާ އެއްޗެހި ފެތުރިފައި އޮތް ދުވަސްވަރަކަށް ވާތީވެ ދީނީ އެކިއެކި ޝިއާރުތައް ގާއިމު ކުރުމަށްޓަކައި މަރުހަލާތަކެއް ބޭނުންވި. މިސާލަކަށް ރަލަށް ބެލި ކަމަށް ވިޔަސް އޭރުގެ މުޖުތަމައުއަކީ ގާތްގަނޑަކަށް ދަންނަވަނީ ކަމަށްވާނަމަ 90 ޕަސެންޓް މީހުން ރާ ބޮއެ އުޅުނު ދުވަސްވަރެއް. އެހެންވީމައި ރާވެސް ހަރާމް ކުރެއްވުނީ 10 އަހަރުގެ މުއްދަތަކުން ތިން މަރުހަލާއަކުން.
އެހެންވީމައި ރަމަޟާން މަހުގެ ރޯދަ ވެސް އައިސްފައި މިވަނީ ތިން މަރުހަލާއަކުން ފަރުޟުވެގެން އައިސްފައި. ރޯދައިގެ ތާރީޚަށް ބަލާއިރު އަރަބިންގެ ތެރޭގައި އޮންނަ އާދައެއް އެއީ އާޝޫރާ ދުވަހު ރޯދަ ހިފުން. ކީރިތި ރަސޫލާ ޞައްލައްﷲޢަލައިހި ވަސައްލަމަ ވެސް ހިޖުރައިގެ ކުރިއަށް ވެސް މައްކާގައި އުޅުއްވިއިރު ވެސް އާޝޫރާ ދުވަހު ރޯދަ ހިއްޕަވައި އުޅުއްވާ ކަމަށްވޭ. ދެން އޭގެ ފަހުން ރަސޫލާ ޞައްލައްﷲޢަލައިހި ވަސައްލަމަ ހިޖުރައަށް ވަޑައިގަންނަވަނީ. އޭގެ ފަހުން އެކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ މަދީނާގެ މުޖުތަމައުއިން މީހުން އާޝޫރާ ދުވަހު ރޯދަ ހިފާތަން. ދެން ހަދީޘް ކުރައްވަނީ މި މީހުން ކޮން ދުވަހުކުހޭ މި ރޯދަ ހިފަނީ. އެ ހިނދުގައި ދެންނެވެނީ ޔަހޫދީން އެ ހިފަނީ ﷲ، މޫސާގެފާނު ފިރުއައުނުގެ ނުބައިކަމުން ސަލާމަތް ކުރެއްވި ދުވަހުއޭ. ޝުކުރު އަދާ ކުރެއްވުމުގެ ގޮތުން. އެ ހިނދުގައި ރަސޫލާ ޞައްލައްﷲޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވަނީ ތިމަން ކަލޭގެފާނު މާ ހައްގުކަން ބޮޑޭ ޔަހޫދީންނަށް ވުރެން މޫސާގެ ފާނަށް ތިމަން ކަލޭގެފާނު. އޭގެ ފަހުން މުސްލިމުންނަށް އަންގަވަނީ އާޝޫރާ ދުވަހު ރޯދަ ހިފަން.
އާޝޫރާ ދުވަހު ރޯދަ ހިފަން މުސްލިމުންނަށް އަމުރު ކުރެއްވުނުއިރުގައި ދެވަނަ މަރުހަލާގައި މި އޮންނަ ގޮތަކީ ބޭނުން މީހަކު ރޯދަ ހިފަންވީ. ބޭނުން މީހަކު ރޯދަ ނުހިފަންވީ. ދެން މިހެން ގޮސްފައި ފަހުން ރަމަޟާން މަހު އެއްކޮށް ރޯދަ ހިފަން އައިސްފައި ވަނީ."
ރޯދައަށް ހުންނަ މީހާގެ އަމަލުތައް ހުންނަން ޖެހޭ ގޮތަކީ ކޮބާތޯ؟
ޖަވާބު: ޝައިޚު މުޙައްމަދު މަންސޫރު އާދަމް
"ރަމަޟާން މަސް މި ކިޔަނީ. އެ ބަހުގެ މާނައަށް ބަލާއިރު އިލްމުވެރިން ވިދާޅުވަނީ ހޫނު މަށިގަނޑަށް ވެސް ރަމަޟާން ކިޔައޭ. އެހެންވީމަ ރަމަޟާން މިއީ ފާފަ ފޮހެލަދޭ މަހެއްގެ ގޮތުގައި ސިފަވަނީ. ރަމަޟާން މަހަކީ ފާފަ ފުއްސަވައިދޭ މަހެއް.
މީހާގެ އަމަލު ހުންނަން ޖެހޭގޮތަށް ބަލާއިރު އަޅުގަނޑުމެން މި ތިބެނީ ރޯދައަށް. ބައެއް މީހުންގެ އަމަލުތައް މިހުންނަގޮތަކީ ފަތިހު ނިދާފައި އަސުރު ހޭލުން. ދެން އަސުރުވީމައި ތެދުވެގެން ބުރެއް ޖަހާލާފައި ނުވަތަ ރާޒުވާ ގަނޑެއް ޖަހާލާފައި ދެން ބަންގި ގޮވީމައި ސިނގިރޭޓަކުން ދުން ބުރުވާލުން. އެއީ ރޯދައަކަށް ނުވާނެ.
ނަބިއްޔާ ޞައްލައްﷲޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވަނީ މީހަކު ނުބައި ބަސްތައް ބުނުމުންނާއި ނުބައި އަމަލުތައް ކުރުމުން ދުރުނުވާ ކަމުގައި ވަނީނަމަ ފަހެ ﷲ އެ މީހަކަށް ބޭނުންވެވޮޑިއެއް ނުގަންނަވަތޭ. އެ މީހަކު ނުކައި ނުބޮއެ ހުރުމަކުންނެއް.
އެހެންކަމުން މީހަކު އަދި ނުކައި ނުބޮއެ ހުރުމަކުންނެއް އަދި އެއީ ރޯދައަށް ހުރިކަމަކަށް ނުވާނެ. ޙާޤީޤީ ރޯދައިގެ މަންފާއާއި ދަރުމައާއި ސަވާބު ލިބިގެންނެއް ނުދާނެ އެފަދަ މީހަކަށް. އަދި އެފަދަ މީހަކީ ނުބައި ބަސްތައް ބުނެ، ނުބައި އަމަލުތައް ކުރާ މީހަކަށް ވަނީނަމަ.
ހިނގާ ނުބައި ބަސްތަކާއި ނުބައި އަމަލުތަކަކީ ކޮބައިތޯ ބަލާލަމާ. މިސާލަކަށް ނުބައި އަމަލުތަކެއް ނަމާދު އެޅުން. ނުބައި އަމަލުތަކެއް ނަމާދު އެޅުމުގެ އިތުރަށް ސޯޝަލް މީޑިއާގައި އަޅުގަނޑު މިޖަހާލަނީ މިވެނި މީހަކީ މިކަހަލަ މީހެކޭ. ނުވަތަ އަޅުގަނޑުގެ ރައްޓެއްސެއްގެ ފޮޓޯ ޝެއާކޮށްލަނީ. ދެން އޭނާއަށް ކޮންމެވެސް އެއްޗެއް ކިޔަން ފަށާފާނެ. މިއީވެސް ބުނާ ބަސްތައް އިނގޭތޯ. މިއިން ކޮންމެ ބަހަކީ އަޅުގަނޑުމެންނަށް އަސަރު ކުރާނެ ކަންކަން.
ރޯދައަށް ހުންނައިރު ޒުވާބު ކުރުމާއި އަރާރުންވުން ފަދަ ކަންކަމާ ދުރުވާން ޖެހޭނެ. މިއާއެކު ރޯދަވެރިޔާ ރައްކާތެރިވާން ޖެހޭނެ ފަރުޟު ނަމާދުތަކަށް. އެއާއެކު ސުންނަތް ނަމާދު ވީ ވަރަކަށް ކުރެވޭތޯ ބަލަން ޖެހޭނެ. މައިންބަފައިން ބުނީމައެއް ނޫން ނަމާދަށް ދާން ޖެހޭނީއެއް. ﷲގެ ސަވާބާއި ދަރުމައަށް އެދިގެން ނަމާދަށް ދާން ޖެހޭނީ."
ރަމަޟާން މަހުގެ ސަވާބާއި ދަރުމަ ހޯދޭނެ ގޮތަކީ ކޮބާތޯ؟
ޖަވާބު: ޝައިޚް ޢަލީ ޒައިދު
"ރޯދައަކީ އިސްލާމް ދީނުގެ ހަތަރު ވަނަ ރުކުން. އެހެންވީމައި ރުކުނަކީ ދީން އެކަމުގެ މައްޗަށް ބިނާވެފައިވާ އެންމެ އަސާސީ ކަންތައް. އެގޮތުން އައިސްފައިވާ އެންމެ ބޮޑު އެއް ވާޖިބު އެއީ އަދާ ކުރުން. އެކަން އަދާ ކުރީމައި އެ ލިބެންވާ ސަވާބު ލިބިގެން ދާނެ.
ދެން ރޯދައިގެ މާތްކަމާ ބެހޭގޮތުން ވަރަށް ބައިވަރު، ރަސޫލާ ޞައްލައްﷲޢަލައިހި ވަސައްލަމައިގެ ބަސް ފުޅުތައް އެބަހުރި އައިސްފައި. ކީރިތި ޤުރުއާނަށް ބަލާއިރު ރޯދަ ފަރުޟު ކުރެއްވުނު ހިކުމަތަކީ ތަގުވާވެރިވުމަށްޓަކައި. ފުރަތަމަ މާތް ކަމަކީ އޭނާއަށް ތަގުވާވެރިކަން ލިބިގެން އެބަދޭ ރޯދައިގެ ސަބަބުން. ދެވަނަ ކަމަކީ މީހަކު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޓަކައި ހިފާ އެންމެ ރޯދައަކުން ހަދީޘްގައި އައިސްފައި އޮންނަނީ އޭނާގެ މޫނު ނަރަކައާ ދުރު ކުރައްވަވައޭ 70 އަހަރުގެ ރާސްތާއަށް."