11 Apr 2022, 14:07
އިލެކްޓްރޯނިކް ޒަރިއްޔާއިން މުއާމަަލާތް ކުރުމާ އެފަދަ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ގާއިމުކޮށް އިލެކްޓްރޯނިކް ޒަރިއްޔާއިން މުއާމަލާތް ކުރުމާއި އަމަލު ކުރުމުގެ އުސޫލުތައް ކަނޑައަޅައިފައިވާ، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅައިފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދެވެ.
ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެންބަރުންގެ އިއްތިފާގުންނެވެ.
ބިލުގެ ކޮމިޓީ މަރުހަލާގައި ވަނީ، ބޭންކުތަކުން ހިންގާ އިލެކްޓްރޯނިކް އަދި ޑިޖިޓަލް މުއާމަލާތްތަކާއި، ބަދަލުކުރާ ލިޔެކިޔުންތަކުގެ މައްޗަށް އެ ގާނޫނު ނުހިނގާނެ ކަމަށް ބުނެފައިވާ މާއްދާ އުނިކޮށްފައެވެ.
މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓް ޚިދުމަތްތައް ހިމެނޭ ގޮތަށް ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދިނުން ހިމެނެއެވެ.
ހަމައެއާއެކު އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓް ޚިދުމަތްތައް ހިމެނޭ ގޮތަށް ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ސައްހަކަަން ގާނޫނީ ގޮތުން ކަށަވަރު ކޮށްދިނުން ވެސް ހިމެނެއެވެ.
މީގެ އިތުރުން ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުއާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދީ އެކަމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުން ވެސް ހިމެނެއެވެ.
ބިލުގައިވާ ގޮތުން ޑޭޓާ މެސެޖުގެ ގޮތުގައި ހިމެނޭ ކޮންމެ މައުލޫމާތެއްގެ މައްޗަށް މި ގާނޫނު ހިނގާނެއެވެ. ޑޭޓާ މެސެޖުތަކުގެ ތެރޭގައި، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފޮނުވާ އަދި ލިބޭ، މެސެޖުތަކާއި، އީމެއިލާއި، މެސެޖިން އެޕްލިކޭޝަންތަކުން ފޮނުވާ މުއާމަލާތްތައް ހިމެނެއެވެ.
މި ބިލު ގާނޫނަކަށް ވުމުން އިލެކްޓްރޯނިކް އެއްބަސްވުންތަކާއި ގާނޫނީ ހައިސިއްޔަތު ދިނުމުގެ އުސޫލުތައް ބަޔާންވެގެންދާނެއެވެ.