12 Apr 2022, 10:35
ބޯވައަކީ ދިވެހިންގެ ތެރޭގައި މަގުބޫލު ކެއުމަކަށްވާއިރު، ބޯވަ ކެއުމުން ލިބޭ ފައިދާތައް ވެސް ގިނައެވެ.
ބޯވަ މަހުގައި ހިމެނޭ ވިޓަމިން ބީ12، ޕޮޓޭސިއަމް، ދަގަނޑު، މެގްނީޒިއަމް ފަދަ މާއްދާތަކަކީ ހަށިގަނޑުގެ ހެދިބޮޑުވުމަށް ބޭނުންތެރި މާއްދާތަކެވެ. ކަނޑުމަހުގެ ބާވަތްތަކާ އެއްފަދައިން ބޯވަ މަހުގައިވެސް ކެލޮރީސް އެކުލެވިގެންވަނީ މަދުންނެވެ. އެގޮތުން ތިން އައުންސް ނުވަތަ 85 ގްރާމުގެ ބޯވަ މަހުގައި އެކުލެވިގެން ވަނީ 150 ކެލޮރީއެވެ.
ފިރިހެނުންގެ ހަށިގަނޑަށް ދުވާލަކު އަށް މިލިގްރާމްގެ ދަގަނޑު ބޭނުންވާއިރު އަަންހެނެއްގެ ހަށިިގަނޑަށް 18 މިލިގްރާމް ބޭނުންވެއެވެ. ބޯވަ މަހުގެ 85 ގްރާމުގައި އަށް މިލިގްރާމަށް ވުރެ ގިނައިން ދަގަނޑު އެކުލެވިގެންވެއެވެ.
އެހެންކަމުން، 85 ގްރާމުގެ ބޯވަ މަހުން، ފިރިހެނެއްގެ ހަށިގަނޑަށް ދަގަނޑު ބޭނުންވާ މިންވަރަށް ދަގަނޑުގެ މާއްދާ ލިބޭނެއެވެ. އަދި އަންހެނުންގެ ހަށިގަނޑަށް ދަގަނޑު ބޭނުންވާ މިންވަރުގެ ދެބައިކުޅައެއްބައި ވެސް ލިބޭނެއެވެ.
ދަގަނޑު ހިމެނެނީ ޓްރޭސް މިނަރަލްސްގެ ތެރޭގައެވެ. އެ ބާވަތުގެ މިނަރަލްއިން ހަށިގަނޑުގައިވާ ސެލްތަކަށާއި މުހިންމު ގުނަވަންތަކަށް އޮކްސިޖަން ފޯރުކޮށްދެއެވެ. ދަގަނޑަކީ ސެލްތަކުގެ ހެދިބޮޑުވުމަށް މުހިންމު މާއްދާއެކެވެ.
މީގެ އިތުރުން، އިންސާނާގެ ހަށިގަނޑަށް ކޮންމެ ދުވަހަކު ބޭނުންވާ މިންވަރަށް ވިޓަމިން ބީ12، ބޯވަ މަހުގެ 85 ގްރާމުގައި އެކުލެވިގެންވެއެވެ. އެއީ ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ބޭނުންތެރި، ލޭގެ ސެލްތައް އުފައްދައިދިނުމަށް ވެސް އެހީތެރިވެދޭ އަދި ސިކުނޑީގެ ހެދިބޮޑުވުމަށް މުހިންމު ވިިޓަމިންއެކެވެ.
ހަށިގަނޑުގައިި ވިޓަމިން ބީ12 މަދުވުމުން ކަށީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. ބޯވަ މަހުގައި ވިޓަމިން ބީ12 ގިނަ އަދަދަކަށް އެކުލެވިގެންވުމުގެ ސަބަބުން ކަށީގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
ބޯވަ މަސް ކާން ތައްޔާރުކުރާއިރު ތެލުލުމާއި ބަޓަރު ބޭނުން ކުރުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ފިހެގެން ކެއުމެވެ.