ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށް ވިޔަސް ކުރީގެ ވަޒީރެއް ކަމަށް ވިޔަސް މަގުމަތީގައި އެއްވެސް ހަމަނުޖެހުން އުފައްދާނަމަ ވަގުތުން ހައްޔަރުކުރާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު އިންޒާރު ކުރައްވައިފި އެވެ.

ވީޓީވީގައި މިއަދު ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ ރާއްޖޭގެ ގާނޫނުތައް ހެދިފައިވާ ގޮތުން ފުލުހުންނަށް ހައްޔަރުކުރުމުގެ ފުރުސަތު އޮތީ ހަމައެކަނި ކުށްކުރާ ފަރާތްތައް ކަމަށެވެ. ކުށްކުރަން ހިތްވަރު ދޭ އެއްވެސް ފަރާތެއް ހައްޔަރުކުރެވޭ ގޮތަށް މިހާތަނަށް އެއްވެސް ގާނޫނެއް ހެދިފައި ނެތުމުން އެކަން ކުރަން ހިތްވަރުދޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެ ގޮތްތަކެއް ނެތް ކަމަށެވެ.

މިހާރު މާލޭގައި އެކި ސަރަހައްދުގައި އެމްޑީޕީ އިސްކޮށް އޮވެގެން ހިންގާ އެކި ހަރަކާތްތަކަށް އިޝާރާތް ކުރައްވާ އައްބާސް ވިދާޅުވީ ޒުވާނުން ކުރިއަށް ނެރެގެން އެމްޑީޕީން ހިންގާ ހަމަނުޖެހުންތަކުގެ ކުރީގައި ތިއްބެވީ ކުރިގެ ރައީސް ނަޝީދާއި އެ ޕާޓީގެ އިސް ބޭފުޅުން ކަމަށެވެ.

"އެބޭފުޅުން ކުރީގައި ތިއްބައިވައިގެން ހިތްވަރު މިދެނީ ކަންކަން ކުރުމަށް. އަދި ކަންކަން ކުރުމަށް ހިތްވަރުދެއްވަމުން ދޮގު ވާހަކަތައް ވެސް ފަތުރަމުން ގެންދަނީ ކުރިންވެސް ވަނީ ބަޔަކު މާރާލާފައި ކަމަށް އަޑުފަތުރާ ގައުމު ހަލަބޮލިކޮށްލާފައި ވަނީ،" އައްބާސް ވިދާޅުވި އެވެ.
އެނާ ވިދާޅުވީ މަގުމައްޗަށް ނުކުމެ ހަމަނުޖެހުން ހިންގުމަށް އެއްވެސް ބަޔަކަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށާއި މަގުމައްޗަށް ނުކުމެ ހަމަނުޖެހުން ހިންގަން މަސައްކުރައްވާނަމަ ކުރީގެ ރައީސް ނަޝީދާއި އެހެން ފަރާތްތައް ވެސް ހައްޔަރު ކުރަން ސަރުކާރު ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"އެއްވެސް ގޮތަކަށް މަގުމައްޗަށް ނުކުމެ ހަމަނުޖެހުން ހިންގާ ފަރާތްތައް ހައްޔަރުކުރާކަށް ސަރުކާރުން ފަހަތަކަށް ނުޖެހޭނެ. ކުރީގެ ރައީސް ނަޝީދެއް ކުރީގެ ސަރުކާރުގެ ކެބިނެޓްގެ ބޭފުޅަކަށް ނުބައްލަވާނެ ހަމަނުޖެހުން އުފައްދާނަމަ ހައްޔަރުކުރާނެ،" އައްބާސް ވިދާޅުވި އެވެ.