11 Apr 2022, 12:29
ހއ. ދިއްދޫގައި ގާއިމްކުރަން ހަމަޖެހިފައިވާ އައިސްޕްލާންޓްގެ މަސައްކަތް ނިމި ޚިދުމަތް ދެވޭވަރު ވާނެކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ މާޗު މަހުގައި ކަަމަށް ފިޝަރީސް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިއަދު މިނިސްޓަރު ވަނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށްފައެވެ.
މިނިސްޓަރާ ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ވަނީ އެރަށުގައި ސައުދީ ފަންޑުގެ އެހީގައި ގާއިމްކުރަން ހަމަޖެހިފައިވާ އައިސްޕްލާންޓްގެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު އަށް ވަނަ ދުވަހު ފިޝަރީސް މިނިސްޓްރީން އިޢުލާން ކުރިކަން ފާހަގަކުރައްވާފައެވެ.
ނަމަވެސް އޭގެ ފަހުން އެކަމުގެ އެއްވެސް މަޢުލޫމާތެއް ނުލިބޭތީ އެކަމުގެ އަދާހަމައަކީ ކޮބައިތޯ އާއި އައިސްޕްލާންޓުގެ އަމަލީ މަސައްކަތް ފަށައި، ރައްޔިތުންނަށް ޚިދުމަތް ދެވޭނެ ކަމަށް ލަފާކުރެވޭ ތާރީޚަކީ ކޮބައިތޯ މެންބަރު އެއްސެވިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ޙުސައިން ވިދާޅުވީ، ފިޝަރީސް މިނިސްޓްރީން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ މަސައްކަތަށް ބިޑު ހުށަހެޅުމަށް އިޢުލާން ކުރުމުން މުއްދަތު ހަމަވިއިރު ބިޑު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށެވެ.
އެ ބިޑަކީ އިންޓަނޭޝަނަލް ކޮމިއުނިޓީ ބިޑަކަށް ވުމާއެކު ބިޑު ހުށަހަޅާ ފަރާތުން ބިޑު ހުށަހެޅުމުގެ ކުރިން ރެޖިސްޓަރީ ވާން ޖެހޭއިރު ދިއްދޫ އައިސްޕްލާންޓް ގާއިމްކުރުމަށް ބިޑު ހުށަހެޅި ފަރާތަކީ ބިޑު ހުށަހެޅުމަށް ކުރިން ރެޖިސްޓްރީ ވެފައިނުވާ ފަރާތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެ ބިޑު ޑިސްކުއަލިފައި ވެފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
މީގެ އިތުރުން އެ މަސައްކަތަށް ބިޑު ހުށަހެޅުމަށް ދަތިތަކެއް ހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ބިޑު ހުށަހެޅުމަށް ދަތިތަކެއް ހުރިކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު. އެގޮތުން ބޭރުން ތަކެތި ކަނޑުމަގުން ގެނައުމުގެ ދަތިކަމާ ހުރެ މަސައްކަތް ނިންމަން ދީފައިވާ ހަ މަސް ދުވަހުގެ ތެރޭގައި ނުނިންމޭނެކަމަށް ބިޑުކުރާ ފަރާތްތަކުން ބުނޭ. ދެވަނަ ކަމަކަށް ފައިނޭންޝިއަލް އެލިޖިބިލިޓީ ކްރައިޓީރިއާ މަތިކަމުން ބިޑު ހުށަހަޅަން ބޭނުންވާ ގިނަ ދިވެހި ކުންފުނިތައް މިކަމަށް ޑިސްކުއަލިފައި އެބަވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތަށް ދެވަނަ ފަހަރަށް ބީލަން ހުޅުވާލުމުގެ ކުރިން ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ދެވަނަ ފަހަރަށް ބީލަން ހުޅުވާލެވޭނީ ސައުދީގެ ހުއްދަ ލިބިގެންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސައުދީގެ ހުއްދަ ލިބޭނެކަމަށް މިނިސްޓްރީން ލަފާކުރަނީ އަންނަ ހަފްތާގެ ތެރޭގައި ކަމަށާއި އަދި ހަމަ އެ ހަފްތާގެ ތެރޭގައި ބީލަމަށް ހުޅުވާލެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބީލަމަށް ބިޑު ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށާއި ބީލަމަށް ބިޑު ހުށަހެޅުމުގެ ފަހު ތާރީޚެއްކަމަށް މިނިސްޓްރީން ލަފާކުރަނީ އަންނަ މަހުގެ ފަހު ހަފްތާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބީލަމަށް ބޭނުންވާ އަދަދަށް ސައްހަ ބީލަން ހުށަހަޅާފައިވާނަމަ ބީލަންތައް އިވެލުއޭޓު ކުރުމަށް މަދުވެގެން 15 ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ބީލަން ކާމިޔާބު ކުރާ ފަރާތާއެކު އެއްބަސްވުމުގައި ސޮއިކުރެވޭނެކަަމަށް ބެލެވެނީ މި އަހަރުގެ ޖޫންމަހު ދެވަނަ ހަފްތާގައި ކަމަށެވެ.
"އައިސްޕްލާންޓް ނިމި ޚިދުމަތް ދެވެން ފެށޭނީ ސޮއިކުރާތާ އަށް މަސް ދުވަސް ފަހުން. އެއީ މާޗް 2023ގައި ކަމަށް ލަފާކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ، މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވެ، މިފްކޯގެ ފިނިކުރާ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބޭތީ މަސް ކިރުން ކޮންޓްރޯލްކޮށްފައި ވަނިކޮށެވެ.
އޭގެ ސަބަބުން މަސްވެރިންގެ ކަންބޮޑުވުންތައް ފާހަގަކޮށް މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.