ފުލުހުންގެ ސްޕެޝަލް ކޮންސްޓެބްލަރީ ކޮންސްޓަބަލްއަށް ވަނުމަށް އަލުން ފުރުސަތު ހުޅުވާލައިފިއެވެ.

މި މަގާމަށް ވަނުމަށް ކުރިން ހުޅުވާލާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އެ އިޢުލާނަށް އެކަށީގެންވާވަރަށް ފޯމް ހުށަހަޅާފައި ނުވާތީ، އަލުން އެ މަގާމަށް އިޢުލާނު ކުރީއެވެ.

އެހެންކަމުން ކުރިން ފޯމް ހުށަހަޅާފައިވާ މީހުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށް ފުލުހުން ބުންޏެވެ.

މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 11,421 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމަގާމުގެ ޝަރުތަކީ، ގްރޭޑް 10 ނިންމާފައިވުމާއި މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުމެވެ. އަދި ފިރިހެނެއް ނަމަ، އިސްކޮޅުގައި ފަސް ފޫޓު ތިން އިންޗިއަށްވުރެ ކުރު ނުވުމާއި އަންހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓަށްވުރެ ކުރު ނުވުމަކީ މި މަގާމުގެ ޝަރުތެކެވެ.

އޭގެ އިތުރުން، އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުމަކީވެސް މި މަގާމުގެ ޝަރުތެކެވެ.

މި މަގާމަށް މީހުން ހޮވުމުގައި، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ މީހަކަށް ނުވުމާއި ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހެއް ކަމުގައި ނުވުން ވެސް ހިމެނެއެވެ.

ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުންގެ ވަޒީފާއަށް ވަންނަ މީހުންނަކީ، އެ ވަޒީފާގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައިވާ މީހުން ކަމުގައި ވާންޖެހޭނެ ކަމަށް ވެސް ޢިއުލާނުގައިވެއެވެ.

މި މަގާމަށް އެދި ހުށަހަޅަން ޖެހޭނީ، މި މަހުގެ 21 ވަނަ ދުވަހުގެ ކުރިންނެވެ. އެގޮތުން، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަ ކުރުމަށްފަހު، މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން މި މަގާމަށް އެދި ހުށަހަޅަން ޖެހޭނެކަމަށްޢިއުލާނުގައިވެއެވެ.

ފޯމު ހުށަހަޅަން ޖެހޭނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަނަށެވެ. ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 11:00 އިން 1:00 އަށެވެ.