ޕެރިސް (11 އެޕްރީލް 2022): އިއްޔެ ބޭއްވި ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުން އެގައުމުގެ މިހާރުގެ ރައީސް އެމަނުއެލް މެކްރޯން ކުރިހޯއްދަވައިފިއެވެ.

ފަރަންސޭސިވިލާތުގެ އިންތިޚާބުތަކާބެހޭ އިދާރާއިން ހާމަކުރި ނަތީޖާތައް ދައްކާގޮތުން މެކްރޯނަށް ލިބިވަޑައިގަތީ ވޯޓުގެ 28.1 ޕަސެންޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރި ހައްދުފަހަނަޅާފައިވާ ހަރުކަށި ފިކުރުގެ ކެންޑިޑޭޓް މޭރީ ލޮޕޭންއަށް ލިބުނީ ވޯޓުގެ 23.3 ޕަސެންޓެވެ.

ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ވާތުފިޔައިގެ ކެންޑިޑޭޓް ޖޯން ލޮކްއަށެވެ. އޭނާއަށް 20.1 ޕަސެންޓު ލިބިފައިވެއެވެ. އެނޫން ކެނޑިޑޭޓުންނަށް ލިބުނީ ހަތް ޕަސެންޓާއި ފަސް ޕަސެންޓާ ދެމެދުގެ ވޯޓެވެ.

ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މީގެ 14 ދުވަސްފަހުންނެވެ. މިބުރުގައި ވާދަކުރައްވާނީ އެންމެ ގިނައިން ވޯޓު ލިބުނު ދެކެންޑިޑޭޓުން ކަމަށްވާ މެކްރޯންއާއި މޭރީ ލޮޕޭންއެވެ. ޚިޔާލު ހޯދުމުގެ ސާވޭތައް ދައްކާގޮތުން މިއިންތިޚާބުގެ ދެވަނަ ބުރުގައި އެންމެ ގިނަ ވޯޓު ހޯދައިގެން އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ ރައީސް މެކްރޯންއަށެވެ.

މެކްރޯންއަކީ އިސްލާމީ އުސޫލުތަކާމެދު ހަރުކަށި ވިސްނުން ގެންގުޅުއްވާ ބޭފުޅެއް ނަމަވެސް ނިސްބަތުން އޭނާ އަކީ މެދުމިނުގެ ފިކުރުގެ ބޭފުޅެކެވެ. ހައްދުފަހަނަޅާފައިވާ ހަރުކަށި ފިކުރުގެ އަންހެން ބޭފުޅެއް ކަމަށްވާ މޭރީ ލޮޕޭންއަކީ އޭނާއަށް ވެރިކަން ލިބިއްޖެނަމަ ފަރަންސޭސިވިލާތުގައި ބުރުގާ އަޅާ އަންހެނުން ބޮޑު ޖޫރިމަނާއަކުން ޖޫރިމަނާކުރާނެ ކަމުގެ އިންޒާރު ދެއްވާފައިވާ ވަރަށް ހަރުކަށި ބޭފުޅެކެވެ.

މީގެއިތުރުން ފަރަންސޭސިވިލާތަށް ހިޖުރަކޮށްގެން އެގައުމުގެ ރައްޔިތުންގެ ގޮތުގައި ދިރިއުޅޭ ބޭރުމީހުން އެގައުމުން ބޭރުކޮށްލާނެކަމުގެ އިންޒާރުވެސް މޭރީ ލޮޕޭން ވަނީ ކުރިން ދެއްވާފައެވެ.

އެހެންކަމުން ލޮޕޭންއަށް ތާއީދުކުރަނީ ފަރަންސޭސިވިލާތުގެ ގައުމީ ހަރުކަށި ފިކުރުގެ މީހުންނެވެ. އިއްޔެ ބޭއްވި ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 29 ޕަސެންޓު މީހުން ވޯޓުގައި ބައިވެރިނުވެއެވެ.