11 Apr 2022, 10:59
ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ރަށުން ބޭރުގައި ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ލޫކް ޑި ޔޯން ކާމިޔާބުކޮށްދިން ލަނޑާއެކު އެ ޓީމު ލީގު ތާވަލްގެ ދެ ވަނަ މަގާމު ދަމަހައްޓައިފިއެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ބާސާގެ ފެރާން ޓޮރޭސް ފޮނުވާލި ހަމަލާ ލެވަންޓޭގެ ކީޕަރު ޑެނީ ކާޑެނަސް ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި ލެވަންޓޭގެ ޖޯސް ލުއިސް މޮރަލޭސްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
ފެރާން ޓޮރޭސް ފޮނުވާލި އިތުރު ދެ ހަމަލާއެއް ވެސް ލެވަންޓޭގެ ކީޕަރު ކާޑެނަސް ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
އެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ލެވަންޓޭއެވެ. ދެ ވަނަ ހާފު ފަށައިގެން މެޗުގެ 52 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ މޮރަލޭސްއެވެ.
އޭގެ ހަތަރު މިނެޓު ފަހުން، މެޗުގެ 56 ވަނަ މިނެޓުގައި ވެސް ލެވަންޓޭއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތުގައި ރޮގާ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވިއެވެ.
ބާސެލޯނާއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ 59 ވަނަ މިނެޓުގައި ޕިއޭ އެމެރިކް އޮބަމަޔަންގް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
އޭގެ ފަހުން ބާސެލޯނާއިން ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގާފައިވަނިކޮށް، ލެވަންޓޭއިން ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
ބާސާއަށް ލީޑު ނަގައިދިނީ 63 ވަނަ މިނެޓުގައި ޕަބްލޯ ގަވީ ދިން ބޯޅައަކުން ޕެޑްރީއެވެ. އޭގެ ފަހުން މެޗުގެ 83 ވަނަ މިނެޓުގައި ލެވަންޓޭއިން ނަތީޖާ ހަމަހަމަކުރީ ވެސް ލިބުނު ޕެނަލްޓީއެއްގައެވެ. މި ޕެެނަލްޓިީ އެ ޓިމަށް ކާމިޔާބުކޮށްދިނީ ގޮންޒާލޯ މެރެލޯއެވެ.
އެއްވަރުވެގެން މެޗު ނިމެންދަނިކޮށް، ބާސާ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ޑި ޔޯންއެވެ. މެޗުގައި އިތުރަށް ދެއްކި ވަގުތުގެ ތެރޭގައި އޭނާ މި ލަނޑު ޖަހާފައިވަނީ ޖޯޑީ އަލްބާގެ އެހީތެރިކަމާއެކުއެވެ.
މެޗުން މޮޅުވެ ބާސާ ދެ ވަނައިގައި އޮތީ 30 މެޗުން 60 ޕޮއިންޓު ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ސެވިއްޔާއަށް 60 ޕޮއިންޓު ލިބެނީ ބާސާއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. އެއް ވަނައިގައި ރެއާލް މެޑްރިޑް އޮތީ 31 މެޗުން 72 ޕޮއިންޓު ހޯދައިގެންނެވެ.