އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވިޔަ ނުދީ ލިވަޕޫލުން ސިޓީ ހިފަހައްޓައިފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ 2-2 އެއްވަރުވެގެންނެވެ.

މިރޭގެ މެޗަށް ނިކުތްއިރު ސިޓީއާއި ލިވަޕޫލާ ދެމެދު އޮތީ އެެއް ޕޮއިންޓުގެ ފަރަގެވެ. އެހެންކަމުން، މިރޭގެ މެޗުން މޮޅުވެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ސިޓީއަށް އޮތެވެ. އަދި މިރޭގެ މެޗުން މޮޅުވެ އެއް ވަނައަށް އެރުމުގެ ފުރުސަތު ލިވަޕޫލަށް އޮތެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ސީޓީއެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ ކެވިން ޑި ބްރައިނާއެވެ. ބޭނާންޑޯ ސިލްވާ ދިން ބޯޅައެއް އޭނާ ގޯލަށް ފޮނުވާލުމުން، ބޯޅަ ގޯލަށް ވަނީ ލިވަޕޫލްގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ގޮސް ގޯލްގެ ދަނޑީގައި ޖެހިފައެވެ.

އޭގެ ފަހުން މެޗުގެ 13 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެެވެ. އޭރިޔާ ތެރެއިން ޓްރެންޓް އެލްކްސެންޑްރާ އާނޯލްޑް ދިން ބޯޅައެއް ގޯލުގެ ކަނަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޮޓާއެވެ.

ދެ ވަނަ ފަހަރަށް ސިޓީން ލީޑު ނަގާފައިވަނީ ގަބްރިއެލް ޖީސޫސް ޖަހައިދިން ލަނޑުންނެވެ. ޔޮއާއޯ ކަންސޭލޯ ދިން ބޯޅައެއް ސިޓީގެ އޭރިޔާ ތެރޭހުރެ އޭނާ ފޮނުވާލުމުން، ބޯޅަ ގޯލަށް ވަނީ ހުރަސް ދަނޑީގައި ޖެހިފައެވެ. މިއީ މިއަހަރު ފެށުނު ފަހުން ލީގުގެ މެޗެއްގެ ފުރަތަމަ 11 ގައި ޖީސޫސް ހިމެނި ފުރަތަމަ މެޗެވެ.

ފުރަތަމަ ހާފު ނިމުނީ 2-1 އިން ސިޓީ ކުރީގައި އޮވެގެންނެވެ. މި ނަތީޖާއަކީ މި ސީޒަންގެ ލީގު މެޗެއްގެ ފުރަތަމަ ހާފު ނިމުނުއިރު، ލިވަޕޫލް ބަލިވެފައި އޮތް ފުރަތަމަ މެޗެވެ.

ލީގުގައި މިރޭ ސިޓީއާއި ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން

ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު ލިވަޕޫލުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެެ. މިޞްރުގެ ފޯވާޑް މުޙައްމަދު ޞަލާޙުގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބުކޮށްފައިވަނީ ސަޑިއޯ މާނޭއެވެ. އޭރިޔާ ބޭރުން ޞަލާޙު ދިން ބޯޅަ އޭރިޔާ ތެރޭގައި ހުރެ މާނޭ ފޮނުވާލީ ގޯލުގެ ދުުރު ކަނަށެވެ.

އޭގެ ފަހުން ލިވަޕޫލްގެ ޖޮޓާ ފޮނުވާލި ހަމަލާ ސިޓީގެ ކީޕަރު އެޑަސަން ވަނި މަތަކޮށްފައެވެ. ސިޓީގެ ރަހީމް ސްޓާލިން ލަނޑއެއް ޖަހައި ލީޑު ނަގައިދިން ނަމަވެސް، ވީއޭއާރުން ވަނީ އެ ގޯލު ބަލައިނުގަތުމަށް ނިންމާފައެވެ.

ސިޓީއަށް ލިބުނު ހިލޭ ޖެހުމެއްގައި ރިޔާދް މަހްރޭޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މަހްރޭޒް ފޮނުވާލި އިތުރު ހަމަލާއެއް ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުން އެއްވަރުގެ ދެ ޓީމަށް ވެސް ލިބޭނީ އެއް ޕޮއިންޓެވެ. އެއާއެކު ސިޓީން އެއް ވަނައިގައި އަދިވެސް އޮތީ އެއް ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެއީ 31 މެޗުން ލިބޭ 74 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 31 މެޗުން ލިބޭ 73 ޕޮއިންޓާއެކުއެވެ. މި ނަތީޖާއާއެކު ލީގުގެ ފޯރި އިޔުރަށް ވަނި ގަދަވެފައެވެ.