03 Mar 2010, 11:49
14:30
އަރަބިއްޔާ ސްކޫލްގެ އިމާރާތުން ތަންތަންގަނޑު ވެއްޓި ދަރިވަރުންނަށް ނުރައްކާވާން ފަށައިފި އެވެ.
ވިހި އަހަރުވެފައިވާ ތިން ބުރީގެ އެ އިމާރާތުގެ ތަނބުތަކާއި ޝީޓުން ބައިބައި ކަނޑައިގެން ގޮސް، ފާރުތަކުގައި ރެނދުލައި ވެއްޓެމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް އެ ސްކޫލުން ބުނެ އެވެ.
އެގޮތުން މިއަދު ހެނދުނު 11 ޖަހާކަންހާއިރު ގާތްގަނޑަކަށް ތިން ހަތަރު ފޫޓްގެ ސިމެންތިގަނޑެއް ތަނބަކުން ވަނީ ކަނޑައިގެން ވެއްޓިފަ އެވެ. ދަރިވަރުންނާއި ޓީޗަރުން މަތީ ބުރިތަކަށް އަރަން ހުންނަ ސިޑިއާ ދިމާލު ބޭރުގައި ހުރި މި ތަނބުން ސިމެންތިގަނޑެއް ވެއްޓުނު ނަމަވެސް މި ހާދިސާގައި އެއްވެސް ދަރިވަރަކަށް ވެސް އަދި މުވައްޒަފަކަށް ވެސް ގެއްލުމެއް ލިބިފައެއްނުވޭ. ނަމަވެސް މަތީ ބުރިތަކުގައި ތިބި ހުރިހާ ދަރިވަރުން ވަނީ ތިރިއަށް ބާލައިފަ އެވެ.
ފުލުހުންނާއި އެމްއެންޑީއެފްގެ ޓީމުތަކުން އެ ސްކޫލްގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ސަންއެފްއެމް ބްރޭކިން ނިއުސް އަށް މައުލޫމާތު ދެއްވަމުން އެ ސްކޫލްގެ މުދީރު އައްޝައިހް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ ސްކޫލްގެ އިމާރާތް ބާވެ، ތަންތަންގަނޑު ވެއްޓެމުންދާތީ އެކަން ވަނީ ވަރަށް ބޮޑު ނުރައްކަލަކަށްވެފައި ކަމަށެވެ. އަދި އެކަން އެޑިއުކޭޝަނަށް ވެސް އަންގާފައިވާ ކަމަށް ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެޑިއެކޭޝަން މިނިސްޓްރީގެ ނައިބް ޝިފާ މުހައްމަދު މިއަދު ވިދާޅުވީ އަރައްބިއްޔާގެ މައްސަލާގައި މަޝްވަރާތަކެއް މިހާރުވެސް ކުރިއަށްދާތީ އެކަމާ ބެހޭ ތަފްސީލް ދެއްވަން ދަތިފުޅު ކަމަށެވެ.