ސަރުކާރުން ރަށްރަށުގައި ކުރިޔަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދަވާނީ ކައުންސިލާއި ރައްޔިތުންގެ މަޝްވަރާއާ އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް، މިހެން ވިދާޅުވީ، ކ. އަތޮޅު ހިންމަފުށީ ކައުންސިލާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްގެންދާ އެކިއެކި މަޝްރޫޢުތަކާ ގުޅޭގޮތުންނާއި ކައުންސިލާއި ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ދަތި މައްސަލަތަކާ ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކުގެ ތެރޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ކ. ހިންމަފުށީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލު ކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގެ ސިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީކޮށް އިތުރު ޚިދުމަތްތައް ތަޢާރަފު ކުރަން ބޭނުންވާކަމާއި ޕިކްނިކް އައިލެންޑެއްގެ މުހިންމުކަމާއި، ގިރާ ސަރަހައްދު ހިމާޔަތްކޮށް އެ ސަރަހައްދުގައި ބީޗެއް ތަރައްޤީ ކުރުމަށް ބޭނުންވާކަން ހިމެނެއެވެ.

މީގެ އިތުރުން ކައުންސިލް އިދާރާގެ އައު އިމާރާތެއްގެ މުހިންމުކަމާއި އެކިއެކި ޖަލްސާ އަދި ހަރާކާތްތައް ބާއްވާނެ މަލްޓިޕާޕަސް ހޯލެއްގެ މުހިންމުކަމާއި އަދި ފުލުހުންގެ ޚިދުމަތް ފުޅާކުރަން ބޭނުންވާކަމާއި ޒުވާނުންނަށް ޓާފް ދަނޑެއް ތަރައްޤީކުރަން ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ކ. ހިންމަފުށީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް، ވަނީ ސިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ގެނެވެން ހުރި މުހިންމު ބަދަލުތައް ގެނެސްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.