10 Apr 2022, 16:26
ސެލްމޮނެއްލާ ޖަރާސީމުން ތަޣައްޔަރުވެފައިވާތީ 'ވޭސްޓެޖަން ސްޕައިސަސް އެންޑް ސޯސަސް ބީވީ' ބްރޭންޑްގެ ހާބަލް މިކްސް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތަޣައްޔަރުވެފައިވާ ހާބްސް ރާއްޖެއަށް އެތެރެވެފައިވާކަން ޔޫރަޕިއަން ޔޫނިއަންގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އެ އޮތޯރިޓީއަށް އަންގާފައިވާކަމަށެވެ.
މީގެއިތުރުން އެ އޮތޯރިޓީން ބުނީ އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
'ވޭސްޓެޖަން ސްޕައިސަސް އެންޑް ސޯސަސް ބީވީ' ބްރޭންޑްގެ ހާބަލް މިކްސް އަކީ ނެދަލޭންޑްގެ އުފެއްދުމެކެވެ. އަދި މި އުފެއްދުން ހޯލްސޭލްކުރަނީ 'އެންއެލް ފޫޑް ބީވީ' ކިޔާ އެ ގައުމުގެ ކުންފުންޏަކުންނެވެ.