10 Apr 2022, 15:51
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް، ރައީސް މުޙައްމަދު ނަޝީދު ފާޑުވިދާޅުވެ، ރައްދުދެއްވައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުވި މެސެޖުތަކެއްގައި އެމަނުކުފާނު ވިދާޅުވެފައިވަނީ އެމްޑީޕީގެ ހިންގުމުގެ މައިގަނޑު ނިޒާމަކީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތައް ކަމަށެވެ.
ނަޝީދު ވިދާޅުވީ އެ ޕާޓިގެ ދިދައާއި ކުލަ މުޅި ރާއްޖެއިން އަބަދުވެސް ފެންނަމުންދާ ކަމަށެވެ. އަދި ޕާޓީގެ އަޑާއި ބަހުސްތައް ރާއްޖެއިން މެދު ކެނޑުމެއްނެތި އަޑުއިވޭ ކަމަށާއި ކުރިއެކޭ އެއްވަރަށް މެންބަރުންގެ ބައިވެރިވުން އެމްޑީޕީގައި އޮންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފައްޔާޒުގެ ކެމްޕޭނުގައި ބޭނުންކުރާ "އެމްޑީޕީ ހިންގާލަން" ސްލޯގަން އަަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީއިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުވީ ވެރިކަން ބަދަލުކޮށްލީ އެމްޑީޕީ ހިންގާލައިގެން ކަމަށެވެ.
"ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު އެމްޑީޕީން ކާމިޔާބުކުރީ އެމްޑީޕީ ހިނގާތީ" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ބަޣާވަތަކުން ވައްޓާލައި އެމްޑީޕީގެ ލީޑަރުން ޖަލަށް ލުމުންވެސް އެނބުރި އައިސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރީ އެމްޑީޕީ ހިނގާތީ ކަމަށެވެ.
މީގެ އިތުރުން، 2019 ވަނަ އަހަރު މަޖިލީހުގެ 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އެ ޕާޓީން ނެގީ ވެސް އެމްޑީޕީ ހިނގާތީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްއާއި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީ އަދި އިލެކްޝަން ކޮމިޝަން ވެސް ހިނގަނީ އެމްޑީޕީ ހިނގާތީ ކަމަށެވެ. އެ ޕާޓީ ކުރިއަށް އޮތްތަނުގައި ވެސް ހިނގާނެކަމަށާއި އެ ޕާޓީ ޤައުމުން ފަނޑުވެ ނުދާނެކަމަަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"މި އޮޑިއެއް ނުފެތޭނެ. މީ ހުރިހާ ކަނޑަކަށް ވެސް ހެޔޮވަރު އެޑިއެއް" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރި އެ ޕާޓީ ތެރޭގައި ގަދަވެފައިވާއިރު ގިނަ ބަޔަކު ދެކޭ ގޮތުގައި އެ އިންތިހާބަކީ ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކުރިމަތިލުމެކެވެ.
ފައްޔާޒުގެ ފަހަތުގައި ރައީސް ޞާލިހުގެ ސިޔާސަތުތަކަށް ތާއީދުކުރާ އެމްޑީޕީ މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން ތިބިއިރު އިމްތިޔާޒް ފަހުމީގެ ފަހަތުގައި ތިބީ ރައީސް ނަޝީދުގެ ސީޔަސަތުތަކަށް ތާއީދުކުރައްވާ މެމްބަރުންނެވެ.