އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން ބަލިވި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނު ދަށް ކުޅުމާމެދު އެ ޓީމުގެ ކޯޗު ރަލްފް ރަންގްނިކް ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.

ލީގުގެ ރެލިގޭޝަން ޒޯންގެ ބިރުވެރިކަން މަތީ އޮތް އެވަޓަން އަތުން ޔުނައިޓެޑްވަނީ 1-0 އިން ބަލިވެފައެވެ. ރޭގެ ނަތީޖާއާއެކު ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައި، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ޔުނައިޓެޑުން ކުރާ މަސައްކަތަށް އިތުރު ހާސްކަމެއް ލިބުނީއެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ރަންގްނިކް ބުނެފައިވަނީ އެވަޓަންއާ ދެކޮޅަށް ކުޅެ ބަލިވި މެޗުގައި ދެއްކި ކުޅުން ކުޅެގެން، އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅެން އެޓީމަށް ހައްގު ނޫންކަމަށެވެ.

"މިތާ މިރޭ ކުޅުނުހެން ކުޅެން ވެއްޖެނަމަ، އަހަރެމެންނަށް ހައްގެއް ނޫން އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅޭކަށް. ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅެން ބޭނުންވާނަމަ، ކުޅުންތެރިން ވެސް އެބަޖެހޭ އެކަމަށް އެދި މަސައްކަތްކުރަން. ޔޫރަޕުގެ މުބާރާތަކަށް ކޮލިފައިވާން ބޭނުންނަމަ، މެޗެއްގެ 95 ވަރަކަށް މިނެޓު ކުޅޭއިރު ލަނޑެއް ޖެހެންވާނެ،" ޔުނައިޓެޑްގެ ކޯޗު ރަންގްނިކް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނެފަައިވަނީ އެވަޓަަންއަށް އިހުތިރާމްކުރާ ކަމަށެވެ. ނަމަވެސް، ބާންލީ ކައިރިން އެވަޓަންގެ ކޮޅަށް ތިން ގޯލު ވަން ކަމަށާއި، އެވަރުގެ ޓީމެއް ކައިރިން ލަނޑެއް ނުޖެހުނު ބައެއްގެ ފަރާތުން އޭނާއަށް އިތުރު ކަމަކަށް އުންމީދެއް ނުކުރެވޭކަމަށް ރަންގްނިކް ބުންޏެވެ.

ސީޒަންގެ މެދު ތެރެއިން އޭނާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ މި ސީޒަންގެ ނިޔަލަށެވެ. އޭނާ ކޯޗުކަމާ ހަވާލުވި ފަހުން ޔުނައިޓެޑް ލީގުގައި މިހާތަނަށް ވަނީ 17 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ އަށް މެޗުންނެވެ. އަދި ރޭގެ ނަތީޖާއާ އެކު 31 މެޗުން 51 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް އޮތީ ލީގު ތާވަލްގެ ހަތްވަނައިގައެވެ.