10 Apr 2022, 14:46
އޭއެފްސީ ކަޕްގެ ކޮލިފައިން ދެ ވަނަ ބުރުން ޖާގަ ހޯދާފައިވާ ރާއްޖޭގެ ކުލަބް ވެލެންސިއާ އެ މުބާރާތަށް ނުދާން ނިންމައިފިއެވެ.
ކޮލިފައިންގެ ދެ ވަނަ ބުރުގައި ވެލެންސިއާ އިން ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅުމަށް ހަަމަޖެހިފައި އޮތީ އަންނަ އަންގާރަ ދުވަހުއެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ވެލެންސިއާ އިން އިއްޔެ ފުރަން ހަމަޖެހިފައި އޮތް ނަމަވެސް، ޓިކެޓު ނުލިބުމުގެ ސަބަބުން ޓީމަށް އިއްޔެ ފުރޭ ގޮތް ވަނީ ނުވެފައެވެ.
އަދި މިއަދު ފުރުމަށްޓަކައި ޓިކެޓު ލިބޭނެކަމަށް ޔޫތު މިނިސްޓްރީން ބުނި ނަމަވެސް، އެ ޓީމަށް ޓިކެޓު ލިބިފައިވަނީ މިއަދު 11:55 ގައެވެ. ޓިކެޓު ލިބުނު ނަމަވެސް، ވެލެންސިއާއިން ކޮލިފައިންއަށް ގޮސް ތިބޭނެ އެކޮމޮޑޭޝަން ވެސް ހަމަ ނުޖެހެއެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ވެސް ހަމަ ނުޖެހޭކަމަށް އެ ކުލަބުން ބުނެއެވެ.
އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން އެހީތެރިކަމަށް އެދި ފެބްރުއަރީ 10 ވަނަ ދުވަހު ވެލެންސިއާއިން ޔޫތު މިނިސްޓްރީއަށް ސިޓީ ފޮނުވި ނަމަވެސް، އެ ސިޓީގެ ޖަވާބު ލިބުނީ މިދިޔަ ހުކުރު ދުވަހުކަމަށް ވެލެންސީއާ އިން ބުނެެއެވެ.
މިއީ ދިވެހި ކުލަބަކުން އޭއެފްސީ މުބާރާތަކަށް ނުދާން ނިންމި ފުރަތަމަ ފަހަރެވެ. ވެލެންސިއާއިން މުބާރާތުގެ ކޮލިފައިންގެ ދެ ވަނަ ބުރަށް ދަތުރުކޮށްފައިވަނީ ބޫޓާންގެ ޗެމްޕިއަން ޕަރޯ އެފްސީގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.