10 Apr 2022, 14:35
ކޮލަންބޯ (10 އެޕްރީލް 2022): އެއްފަހަރާ ތިން ބިލިއަން ޑޮލަރުގެ ލޯން އެހީއެއް، ދިގުމުއްދަތަކުން އަދާކުރާ ގޮތަށް ލިބިއްޖެނަމަ ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަނެވިދާނެކަމަށް އެގައުމުގެ އައު މާލީ ވަޒީރު ޢަލީ ސަބްރީ ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ޕާލަމެންޓުގައި ވާހަކަދައްކަވަމުން ސަބްރީ ވިދާޅުވީ ގައުމަށް ކުރިމަތިވެފައިވަނީ އިޤްތިޞާދީ އަދި މާލީ ވަރަށް ބޮޑު ކާރިސާއެއްކަމަށާއި ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތައް އަދާކުރުމަށް އަހަރަކު ދައްކަންޖެހޭ ފައިސާގެ އަދަދުވެސް ގާތްގަނޑަކަށް ހަތް ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމުގައެވެ.
ސަބްރީ ވިދާޅުވިގޮތުގައި ސްރީލަންކާގެ ފައިސާކަމަށްވާ ރުޕީގެ އަގު ދަށްވެގެންދިޔައީ މަރުކަޒީ ބޭންކުގައި ރިޒާވް ފައިސާގެ ގޮތުގައި ހުރި ޑޮލަރުގެ މިންވަރު އާދަޔާ ޚިލާފަށް މަދުވުމުގެ ސަބަބުންނެވެ.
ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ލިޔުންތައް ދައްކާގޮތުން އެގައުމުގެ ބޭރުފައިސާގެ ރިޒާވްގައި މިހާރުހުރީ 1.9 ބިލިއަން ޑޮލަރެވެ. މިއީ މަހެއްގެ މައްޗަށް ސްރީލަންކާއަށް ބޭނުންވާ ޚަރަދުތައްވެސް ފޫބެއްދޭވަރުގެ ރިޒާވެއްނޫނެވެ.

އަލީ ސަބްރީ އަކީ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ވަރަށް އަރިސް ބޭފުޅެއް
ސަބްރީ ވިދާޅުވިގޮތުގައި އެއްފަހަރާ ތިން ބިލިއަން ޑޮލަރުގެ ލޯން އެހީއެއް ފަސޭހަ ގޮތެއްގައި ލިބިއްޖެނަމަ ގައުމަށް ބޭނުންވާ ތެލާއި ގޭހާއި ބޭހާއި ކާޑުގެ ބާވަތްތައް ކުރިއަށް އޮތް ތިންމަހަށްވާވަރަށް އިންޕޯޓް ކުރެވިދާނެއެވެ. މިކަން ކުރެވިއްޖެނަމަ މިހާރު ލިބޭ އެއްޗަކުން ދެކޮޅު ޖެއްސިދާނެއެވެ. މިކަން މިގޮތަށް ވެއްޖެނަމަ ސްރީލަންކާގެ ރައްޔިތުން ސަރުކާރާ ދެކޮޅަށްކުރާ މުޒާހަރާތައް ހުއްޓުމަކަށް އަންނާނެވެ.
ރައްޔިތުން މުޒާހަރާތައް ހުއްޓާލައިފިނަމަ ސަރުކާރު ވައްޓާލުމުގެ މަސައްކަތް ކުރިއަށްގެންދަން އިދިކޮޅު ފަރާތްތަކަށް ދަތިވުމާއެކު ސިޔާސީ ކޯޅުންތައް ކުޑަވެ ގައުމުހަމައަކަށް އެޅޭނެއެވެ.
ޔުކްރޭން ހަނގުރާމައިގެ ސަބަބުންވެސް ސްރީލަންކާގެ އިޤްތިޞާދަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރިކަމަށް ސަބްރީ ވިދާޅުވިއެވެ. މީގެތެރޭގައި ރަޝިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔުމާއި ރަޝިއާއާއި ޔުކްރޭނަށް އިންޕޯޓްކުރާ ސްރީލަންކާގެ ސައިފަތުގެ ޝިޕްމަންޓްތައް ވަރަށް ބޮޑަށް މަދުވުން ހިމެނެއެވެ.
ލަންކާގެ މަރުކަޒީ ބޭންކް ބުނާގޮތުން ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި ސްރީލަންކާގެ ބޭރުފައިސާގެ ރިޒާވް ވަނީ 16 ޕަސެންޓަށް ދަށަށް ގޮސްފައެވެ. މިއީ ޔުކްރޭން ހަނގުރާމައިގެ ސަބަބަބުން ދަށަށްދިޔަ ދިޔުމެއްކަމަށްވަނީ ބެލެވިފައެވެ.
ސްރީލަންކާއަށް ތަދުމަޑުކަމުގެ ހާލަތުން އަރައިގަތުމަށް އެ ޤައުމުން އެންމެ ބޮޑު އެހީތެރިކަމަކަށް އެދިފައިވަނީ އިންޑިއާއާއި ޗައިނާގެ ކިބައިންނެވެ. އެދެގައުމުން ވަނީ ހިލޭ އެހީގެ ގޮތުގައި ފައިސާ ދިނުމުގެ އިތުރުން ކާބޯތަކެތިވެސް ހިލޭ ފޯރުކޮށްދީފައެވެ.
މިހާރުވެސް އިންޑިއާ ގެންދަނީ ކްރެޑިޓް ފެސިލީޓީއެއްގެ ދަށުން (ފަހުން ފައިސާދައްކާގޮތަށް) އެއް ބިލިއަން ޑޮލަރުގެ ޒަރޫރީ ތަކެތި ސްރީލަންކާއަށް ފޯރުކޮށްދެމުންނެވެ. މީގެތެރޭގައި ހަނޑުލާއި ހަކުރާ އަދި ފުށުގެ އިތުރުން އެނޫން ކާބޯތަކެއްޗާއި ތެލާއި ބޭސް ހިމެނެއެވެ.
ސްރީލަންކާއަށް ލޯން ދީފައިވާ ފަރާތްތަކުގެ ތެރޭގައި ޗައިނާއާއި އިންޑިއާގެ އިތުރުން ވޯލްޑްބޭންކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކްވެސް ހިމެނެއެވެ. މިފަރާތްތަކުގެ ކިބައިން ސްރީލަންކާ ބޭނުންވަނީ އެގައުމުގެ ލޯންތައް ރީސްޓްރަކްޗާ ކޮށްދިނުމަށެވެ. ރީސްޓްރަކްޗާ ކޮށްދިނުމަކީ ލޯންތަކަށް ފައިސާ ދެއްކުން ވަކިމުއްދަތަކަށް ފަސްކޮށް ދިނުމެވެ. އެއީ މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަނެވެން ދެނެއެވެ.
މިގޮތަށް ހަދައިދީފިނަމަ ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ އަނދަވަޅުން އަރައިގަންނަން ފަސޭހަވެގެންދާނެއެވެ. ލޯން ނަގާފައިވާ ފަރާތްތަކާއެކު ދަނީ މިކަމާބެހޭގޮތުން ވާހަކަ ދައްކަމުންނެވެ.
ސްރީލަންކާއަށް މި އިޤްތިޞާދީ އަދި މާލީ ކާރިސާ ދިމާވުމުގެ މައިގަނޑު އެއް ސަބަބަކީ ލޯން ނަގައިގެން އިޤްތިޞާދީ ރިޓާނެއް އަންނަ ބާވަތުގެ ކަންކަން ކުރުމުގެ ބަދަލުގައި ސިޔާސީ ބޭނުންތަކުގައި ރިޓާން ނުލިބޭބާވަތުގެ ކަންކަމަށް އިންވެސްޓް ކޮށްފައިވުމާއި ލޯން ފައިސާގެ ބޮޑުބައެއް ކޮރަޕްޝަންގެ ގޮތުގައި ބޭނުންކޮށްފައިވުން ކަމަށް އެގައުމުގެ މުސްތަގިއްލު ތަޖްރިބާކާރުން ވިދާޅުވެފައިވެއެވެ. މިއީ ލޯންގެ ބޭނުން ހެޔޮގޮތުގައި ނުހިފުމެވެ.