މަސްވެރިން ބާނާ މަސް ގަތުމަށް ވަގުތީ ގޮތުން ބޭރުގެ ބޯޓެއް ހޯދުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝެރީސް ކޮމްޕެނީ (މިފްކޯ) އިން މަސައްކަތް ކުރަމުންދާ ކަމަށް ފިޝެރީސް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިފްކޯއިން މަސް ކިރާވަރު މިދިޔަ ހަފްތާގައި ކޮންޓްރޯލްކުރި ފަހުން އިއްޔެ މިނިސްޓަރު ކޫއްޑޫއަށް ވަޑައިގަތުމަށް ފަހު ފޭސްބުކް މެދުވެރިކޮށް ވިދާޅުވީ، މަސްކިރާ ފެކްޓަރީތަކުންނާއި ބޯޓުތަކުން ގަނެވޭނެ އެންމެ ގިނަ އަދަދަކަށް މިހާރު މަސްގަންނަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި މާންދޫ ފެކްޓަރީން 120 ޓަނުގެ ކެޕޭސިޓީއާއި ކޫއްޑޫ ފެކްޓަރީން 240 ޓަނުގެ ކެޕޭސިޓީއާއި ޖަޒީރާ102 ބޯޓުން 120 ޓަނުގެ ކެޕޭސިޓީއާއި މަހާކަލަމިންޖާ ބޯޓުން 75 ޓަނުގެ ކެޕޭސިޓީއާއި ހުޅުމީދޫ ފެކްޓަރީން 60 ޓަނުގެ ކެޕޭސިޓީ ބޭނުންކޮށްގެން، ފުލް ކެޕޭސިޓީގައި މަސް ގަންނަމުންދާކަން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޖުމްލަ 615 ޓަނުގެ ކެޕޭސިޓީއާއެކުވެސް މަސްވެރިން ކިރަން ގެންނަ މަހުގެ މިންވަރު، 24 ގަޑިއިރެއްގެ ތެރޭ މަސް ގަނެ ފިނިކުރެވޭ ކެޕޭސިޓީއަށްވުރެ ބޮޑުތަނުން އިތުރުވަމުންދާ ކަމަށެވެ.

މީގެ އިތުރުން، މަސްވެރިންނަށް މަސްނުކިރި ކިޔޫގައި މަޑުކުރަން ޖެހޭތީ ކުރާ ޝަކުވާއަކީ ކުރަންޖެހޭ ޝަކުވާއެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މަސްވެރިން ކިރަން ގެންނަ މަހުގެ މިންވަރު، 24 ގަޑިއިރުތޭގައި މަސްގަނެ ފިނިކުރެވޭނެ ކެޕޭސިޓީއަށްވުރެ ބޮޑުތަނުން އިތުރުވަމުންދަނީ. އަދި ކޮންމެ ދޯންޏަކުން މަސްގަންނަ މިންވަރު ލިމިޓު ކުރަން ޖެހިފައިވާއިރު މިކަމާ ގުޅިގެން މަސްވެރިން އަސްލު ޝަކުވާ ކުރަން ޖެހޭ. މިއީ ހަމަ ހައްގު ޝަކުވާއެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްވެރިން ބާނާ ހުރިހާ މަހެއް އެއްފަހަރާ ނުގަނެވޭ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ މަސް ފިނިކުރާ ކެޕޭސިޓީ ރާއްޖޭގެ ދެކުނުގައި މިހާރަށްވުރެ އިތުރުކުރުމުންނެވެ.

އެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން، މަސްގަނެ ފިނިކުރާ ބޮޑު އުޅަނދެއް ފެލިވަރުން ކޫއްޑޫއަށް ގެންގޮސްފައިވާ ކަމަށާއި މަސްގަނެ ފިނިކޮށް ރައްކާ ކުރެވޭވަރު އިތުރު ކުރުމަށް މަސްގަންނަ ބާޖެއްވެސް މާންދޫގައި ބޭނުން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މަސްގަތުމަށް ވަގުތީގޮތުން ބޭރުގެ ބޯޓެއް ހޯދުމަށްވެސް މިފްކޯއިން ދަނީ މަސައްކަތްކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިފްކޯއިން މީގެ ކުރިން ބުނި ގޮތުގައި މަސް ކިރާވަރު ކޮންޓްރޯލް ކުރަން ޖެހުނީ މި ދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެފައިވާތީއެވެ.

މިދިޔަ ބުދަ ދުވަހުން ފަށައިގެން އެ ކުންފުނިން މަސް ކިރަމުން ދަނީ ދޯންޏަކުން ދުވާލަކަށް ފަސް ޓަނު މަހެވެ.