ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިމާރާތްކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް ހުޅުވުން އަންނަ މަހަށް ލަސްކޮށްފިއެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އިން ތަރައްގީކުރި އެ ޓާމިނަލް ހުޅުވުމަށް ކުރިން ހަމަޖައްސާފައި އޮތީ މި މަހުގެ ފުރަތަމަ ދުވަހުއެވެ.

ނަމަވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ޖެނެރަލް މެނޭޖަރު، ޙަސަން އަރީފް މިއަދު ވިދާޅުވީ ޓާމިނަލް ހުޅުވާ ތާރީޚު މިހާރު އަންނަ މަހުގެ 15އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަރީފް މިއަދު "ސަން"އަށް ވިދާޅުވީ ޓާމިނަލް ހުޅުވުން ލަސްވީ، ކޮވިޑް-19ގެ ސަބަބުން ބައެއް މަސައްކަތްތައް މަޑުޖެހުމާ ގުޅިގެން ކަމަށެވެ. އެގޮތުން ބައެއް ތަކެތި ރާއްޖެ ގެނައުމުގައި ލަސްތަކެއްވެ، މަސައްކަތް ކުރާނެ މީހުން ލިބުމުގައި ވެސް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު ޓާމިނަލްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަން ވެސް އަރީފް ފާހަގަކުރެއްވިއެވެ.

އެ ޓާމިނަލަކީ ވަރަށް ފެންވަރު ރަނގަޅު، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ތައްޔާރުކޮށްފައިވާ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އެ ޓާމިނަލްގެ އަމަލީ މަސައްކަތް ފެށީ ޖެނުއަރީ 29، 2020ގައެވެ.

އެ ޓާމިނަލް ނިންމައި، މިދިޔަ އަހަރުގެ މޭ މަހު ބޭނުން ކުރަން ފެށޭނެ ކަމަށް އެމްއޭސީއެލްއިން މީގެ ކުރިން ބުނި ނަމަވެސް އެކި ސަބަބުތަކާހުރެ އެ ތާރީޚުގައި ވެސް ޓާމިނަލް ހުޅުވުން ލަސްވީއެވެ.

އެ ޓާމިނަލްގެ ކޮންޓްރެކްޓުގެ އަގަކީ 40 މިލިއަން ޑޮލަރެވެ.