އިންޑިޔާއަށް ޒިޔާރަތްކުރި އިޓަލީގެ ދެ ޓޫރިސްޓަކު އެ ގައުމުގެ މާއޮއިސްޓް ހަނގުރާމަވެރިން ރަހީނުކޮށްފި އެވެ.

އިންޑިޔާ ފުލުހުންނާ ހަވާލާދީ ދަ ޓައިމްސް އޮފް އިންޑިޔާ ނޫހުން އިއްޔެ ބުނީ އިޓަލީގެ ދެ ޓޫރިސްޓުން ރަހީނުކުރީ ގަބީލާތަކުގެ މީހުން ދިރިއުޅޭ ސަރަހައްދެއް ކަމަށްވާ އޮޑިއްސާ ސްޓޭޓްގެ ކަން ކަންދަމާލް ގަންޖާމް ނަމަކަށް ކިޔާ ރަށުގަ އެވެ.

ފުލުހުން އަދި ބުނެފައިވަނީ ދެ ފަތުރުވެރިން ރަހީނުކޮށްފައި ވަނީ ރޭ ކަމަށާއި އެހާދިސާ އެމީހުން ބަލަމުން އަންނަ ކަމަށެވެ.

ޓޫރިސްޓުން ރަހީނުކުރިކަން މާއޮއިސްޓުން ވަނީ ބައެއް އަމިއްލަ ޓީވީ ޗެނަލްތައް މެދުވެރިކޮށް އިއުލާންކޮށްފައެވެ. އަދި އެމީހުން ވަނީ ރަހީނުން ދޫކޮށްލުމަށް ޝަރުތުތަކެއް ވެސް ކަނޑައަޅާފައެވެ. އެގޮތުން ސަރުކާރުން ކުރަން ޖެހޭނެ ކަންތައްތަކެއްގެ ގޮތުގައި އެމީހުން ހުށައަޅާފައިވާ އެއް ކަމަކީ މާއޮއިސްޓް ހަނގުރާމަވެރިންގެ ނަމުގައި ހައްޔަރުކޮށްފައިވާ ގަބީލާ ތަކުގެ މީހުންގެ މައްޗަށް އެއްވެސް ދައުވާއެއް ނުކޮށް މިނިވަން ކުރުމެވެ.