"ރަހިމްގެ ގުޅުން ކަނޑާލައިފި މީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ."

***

"ސިއާރާ. އެއްވެސް ވަރަކަށް އިސްލާމް ދީނަށް ޝައުގުހުރޭތަ؟"

"ވަޓް؟" ސިއާރާގެ މޭގަނޑު އަނގަޔަށް އައެވެ. އަސްލަންއަށް އޭނަގެ ހަގީގަތް އެނގުނީ ކިހިނެއްހެއްޔެވެ؟ އެހެންނޫންނަމަ ކުއްލިއަކަށް އެ ސުވާލު އުފެދެންވީ ސަބަބެއްނެތެވެ. މުޅި ހަށިގަނޑަށް ހިމޭންކަމެއް ވެރިވުމާއެކު ކުއްލިއަކަށް ހީކަރުވައިގަނެ މޭގައި އަތް ހުރަސްކޮށްލެވުނެވެ.

"މިބުނީ.. ދެމީހުންގެ އާއިލާ މުސްލިމުންދެކެ ނަފްރަތުކުރާކަމާއި އިސްލާމްފޯބިއާ ހުންނަކަމާއި އެއްޗެހި އެނގޭ. އެކަމަކު އަހަންނާއެކު ހޮސްޕިޓަލުގައި މުސްލިމެއް ވޯކްކުރޭ. ކްލޯޒް ފްރެންޑެއް. އޭނަގެ ދީން އެނގުމުން އެކަމަށް ހިތްޖެހި ދީނާއި ބެހޭގޮތުން ހޯދަން ފެށުމުން އެއީ ތެދުވެރި ދީންކަން ދެނެގަނުވުނު. އަހަންނަކީ ހަގީގަތުގައި މުސްލިމް އާއިލާއަކުން އައިސްފައިވާ މީހެއް. އިންފެކްޓް މައި މަމް ވޯޒް އެ މުސްލިމް. އެހެންވެ މިވާހަކަ ސިއާރާ ގާތު ބުނެލަން ބޭނުންވީ. އަހަރެން މުސްލިމެއް ވީމަ ފަހަރެއްގައި ސިއާރާ މި ކައިވެންޏާއި ނުރުހިދާނެތީ. އެކަމަކު މިހާ ސީރިޔަސް އިޝޫއެއްވީމަ ފޮރުވައިގެން ނުހުރެ ސީދާ ތެދަށް ބުނެލީ. ސަބަބަކީ މިސިޒް ކެތްރީންގެ ހިތުގައި މުސްލިމުންނަށްޓަކާ ވާ ނަފްރަތުގެ ސަބަބުން ދަނބިދަރިއަކު މުސްލިމަކަށް ހުރުން ގަބޫލުނުކޮށްފާނެތީ....." އަސްލަން ކޯޓުގެ ޖީބަށް އަތް ޖަހާލައިގެން ހުއްޓިލައިގެން ހުރީ ގަހެއްގެ ކައިރީގައެވެ. ސިއާރާގެ ހިތް ތެޅެންފެށީ މިފަހަރު އެހެން ގޮތަކަށެވެ.

"އައިމް ސޯ އެކްސައިޓެޑް." ސިއާރާއަށް ހިތާ ހިތުން ކިޔައިލެވުނެވެ.

"އަސްލަންގެ ބައްޕަ މުސްލިމުންނާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ބޮޑެތި އަދަދުތަކުން ފަންޑުވެސް ކުރެއެއްނު." ސިއާރާއަށް ބުނެވުނެވެ.

"އައި ސީ. ނުދެނެހުރިން....ސަބަބަކީ..." އަސްލަން ހީލުމުން ކޯތާފަތަށް އެޅުނު އަޑިކޮޅުން މޫނު ވަކިން އުޖާލާވިއެވެ. އެއް އިރެއްގައި ސިއާރާ ދީވާނާވި މޫނެކެވެ. އަސްލަން ވިސްނާލާފައި ދެން ބުނެލީ އޭނަ ދީނާއި މެދު އެހާ އަޅާނުލާތީ ބައްޕަ އެފަދަ ހަރަކާތްތަކާއިމެދު ކުރިން ނުވިސްނާކަމަށާއި އެއިން އެއްވެސް ކަމެއް ނޭގޭކަމުގައެވެ.

"ތެދަށް ބުނަންޏާ އަހަރެންގެ ހިތުގައި މުސްލިމުންނަށްޓަކާ ނަފްރަތެއްނެތް. އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަކީ މުސްލިމެއް. އައި ޑޯންޓް ކެއާ...އިފް ޔޫ އާ މުސްލިމް އިޓް ކުޑްބީ ބެޓަރ ސަބަބަކީ އެ ދީން ބޮޑަށް ދަސްވާނެތީ.އަހަރެން ދީންތައް ކިޔަވަން ޝައުގުވެރިވޭ އެހެންވެ އިސްލާމްދީން ދަސްކުރަން ބޭނުން."ސިއާރާގެ ލޮލުގައި ތަރިތައް ވިދާފަދައެވެ. އެވަރުންވެސް އޭނަގެ ހަގީގަތް އަސްލަންއަށް ފައުޅުކުރަން ބޭނުމެއްނުވިއެވެ.

އެހެން ލާފައި ދިޔަ ކޮންމެ ބަޔެއްގެ ނަޒަރު އެ ދެ ޒުވާނުންނަށް ހުއްޓެމުން ދިޔައީ ބޭއިޚުުތިޔާރުގައެވެ.

"ތިބުނީ މުސްލިމަކަށް ވިޔަސް ކައިވެނި ކުރާނަމޭތަ؟" އަސްލަން ބުމަ އެރުވިއެވެ.

"އެކަމަކު ކިހިނެއް؟ މަންމަމެންނަށް ފޮރުވައިގެން.....މިކަންތައް ހިނގާނެގޮތެއް ނުވިސްނޭ. ކްރިސްޓިއަން ސެރަމަނީއެއް ބާއްވަން އަސްލަން ގަބޫލުވާނެތަ؟"

"ޑޭމް. ތި ހުރިހާދީންތަކަކީ ހަމަނުޖެހުމާއި ނަފްރަތުގެ ސަބަބު.އެލީސާ މަރުވީ ކަލޭމެންގެ ސަބަބުންކަން އަހަންނަށް އެނގޭއިރު ދުވަހަކު މާފުކުރާނެހެން ހީވޭތަ؟ ތިދީންތަކުގެ ނަން އިވުނަސް ލޭ ކެކޭ .." އަސްލަންގެ ހިތް ހަޅޭއްލަވައިގަތަސް އޭނަގެ ދުލުގައި ވީ އެހެން ލަފުޒުތަކެވެ." މަސްޖިދުގައި މެރީ ކުރާނީ. މަންމަމެން ގާތު ކައިވެނީގެ ވާހަކަ ނުބުނެ ވީ ކެން ލިވް ޓުގެދާ.."

އަސްލަންގެ ބޭވަފާތެރިކަމުގެ ސަބަބުން ކިތަންމެ ފޫހިވިޔަސް އޭނައާއި ބައްދަލުކޮށް ވާހަކަދެއްކުމުން ހިތާއި ސިކުނޑީގެ އަރައިރުމެއް ފެށި ހިތް ކުރި އަތުލައިގަނެއެވެ. އެއްއިރެއްގައި އެފަދަ މައްސަލައެއް އޮތަސް ފުރަތަމަ ލޯބިވެރިޔާ އަނެއްކާ ހަޔާތަށް އައުމުން ދުރުކޮށްލުމުގެ މާނައެއް ނެތްނޫންހެއްޔެވެ. ހުރިހާވެސް އުފަލަކީ މުސްލިމް ބައިވެރިޔަކު ލިބުނުކަމެވެ. ﷲގެ ކުޅަދުންވަންތަކަމާއެވެ. މަންމަގެ ހިތް ހަލާކުނުކޮށް އޭނައަށް އަސްލަންއާއި ކައިވެނި ކުރެވޭނެ މަގެއް ދައްކަވައިފިއެވެ.

***

ޒެފްރީނާގެ ދެބެންގެ ދެދަރިއެއްކަމަށްވާ ޖަހާންގީރުއާއި ބައްދަލުމިވީ އެތައް އަހަރެއް ފަހުންނެވެ. ޖަހާންގީރުގެ މަންމައަކީ ޕާކިސްތާނު މީހަކަށްވެފައި އެ އާއިލާ ކުރިން ދިރިއުޅުނީ އެމެރިކާގައި ކަމުން ޒެފްރީނާމެންނާއި އެއް އިރެއްގައިވެސް އެހާ ގާތްކޮށް އުޅެވުނު ބަޔެއް ނޫނެވެ. ނަމަވެސް ދެމީހުންނަށް އެތައް އަހަރެއް ފަހުން ދިމާވުމާއެކު ޖަހާންގީރުއަކީ ކާކުކަން ދެނެގަނެވި ގޮސް ވާހަކަދައްކާ ހާލު އަހުވާލު އޮޅުން ފިލުވުނީއެވެ. ޒެފްރީނާ ކިތަންމެ އުފާވެރިކަން ބޭރުފުށުން ދައްކައިގެން އުޅުނަސް ހިތުގައި ހުސްކަމެއްވިއެވެ. އޭނަގެ ފިރިމިހާ މާކް ކްރޯފޯޑްއާއިހެދި ދީވާނާވެގެން ހިތް އެއްކޮށް ދެވުނަސް ފިރިމިހާގެ ފަރާތުން އެހާ ލޯތްބެއް ނުލިބޭކަމުގައި އިހުސާސްކުރެވެނީއެވެ. އެހިތުގައިވަނީ އެހެން އަންހެނެއްކަން އޭނަ ދަނެއެވެ. އެމީހަކީ ކާކުކަން އެނގުމުން ޚުދު ޒެފްރީނާއަށްވެސް ހައިރާންކަމެއް ލިބި މީހާ ގަނޑުވާގޮތްވިއެވެ. އެއީ އޭނަގެ އަވަށްޓެރިޔާ މިސިޒް ކެތްރީންއެވެ. އޭނަގެ ފިރިމީހާ އޭނާ ގާތުގައި ކެތްރީންދެކެ ލޯބިވާކަމަށް އިއުތިރާފްވީއެވެ. މިދުވަސްކޮޅުވީ ވަޒީފާ ދަތުރެއްގައި އެހެން ޝަހަރެއްގައެވެ.

ޖަހާންގީރު ކައިވެނި ކުރީ ނަތާލީ ކިޔާ އަންހެނަކާއިކަން އޭނައަށް އެނގުނަސް އެ ޕާޓީއަށްވެސް ޒެފްރީނާއަށް ނުދެވުމާއެކު ފޮޓޯއެއް ފެނުމުގެ ނަސީބެއްވެސް ނުލިބުނެވެ.

ޖަހާންގީރު މި ދުވަސްވަރު ޗުއްޓީއަކަށް ޖައްސައިލީއެވެ.

ޖަހާންގީރުއަށް ލިބުނު ދައުވަތު ގަބޫލުކޮށް އެގެއަށް ދިޔައީ އެރޭ ގާތްގަނޑަކަށް ނުވައެއް ޖެހިއިރުއެވެ. އޭރުވެސް އިރުނުއޮއްސޭތީ ބިންގަނޑު އޮތީ އަލިކޮށެވެ. ސްނޯ ވިރާފައިވުމުން އަދި ވަކިން ޖައްވު ފިނިވެ އާވީގެ ސިފައިގާ އަނގައިން ފިނި ނިކުންނަމުން ދިޔައެވެ. ލައިގެން ހުރި ބޯ ކެހެރީގެ ކޯޓާއެކުވެސް ޖަހާންގީރުއަށް ފިނީގެ އިހުސާސްކުރުވަމުން ދިޔައީ ކެތްނުކުރެވޭވަރަށެވެ. ޒެފްރީނާމެންގެ ބޮޑު ގަނޑުވަރެއްފަދަ ގޭގެ އިމާރާތާއި ކާރު އަރާ ހަމަވުމާއެކު ޖަހާންގީރުއާއި އެރިކް ކާރުން ފޭބިއެވެ. އެދެމީހުންނަށް އިސްތިގުބާލް ކުރަން ނުކުމެ ހުރީ ޒެފްރީނާގެ އިތުރުން އޭނަގެ ފިރިހެން ދަރިފުޅު އަސްލަންއެވެ. ތައާރަފުކޮށް ދީ ނިމުނުއިރު އަސްލަންއާއި އެރިކް ތިބީ އަޖައިބުވެފައެވެ.

"މިހާ ގާތުގައި އުޅުނުއިރުވެސް އެރިކްއަކީ އަހަރެމެންގެ ފެމިލީކަމެއް މަންމައަކަށްވެސް ނޭގޭ........." ކާކޮޓަރީގައި އިށީދެ ކެއުމަށް އިންސާފުކުރަން ތިބެފައި ޒެފްރީނާ ބުނެލިއެވެ.

"ދުނިޔެއަކީ ކުޑަ ތަނެއް. ހީނުކުރާފަދަ ކަންތައްތައް އަބަދުވެސް ހިނގާ. މާކް ގެ ނަން އަޑުއިވުމުން އަދި ޒެފްރީނާގެ ފިރިމިހާއަކީ މި މަޝްހޫރު މުއްސަދި މީހާކަމަކަށް ހިޔެއްވެސް ނުކުރަން. ހީޒް ފޭމަސް ދޯ. ގުނަވަންތައް ބަދަލުކުރުމުގައި އޭނަގެ ހޮސްޕިޓަލުގައި ނަންވެފައިވާކަމަށް އަޑުއަހަން. އެރިކްއަށް މިތަނުން ފުރުސަތު ލިބުނީތީ ވަރަށް އުފާކުރަން. އަދި ނޭގުނަސް ސެކަންޑް ކަޒިންއަކާއިއެކު މަސައްކަތް ތިކުރެވުނީ..." ޖަހާންގީރުގެ ލޮލުންވެސް ވިދުވަރެއް ފައުޅުވިއެވެ.

ކެއުމަށްފަހު އެރިކްއާއި އަސްލަން ކާކޮޓަރިން ނުކުތުމުން ޖަހާންގީރުއާއި ޒެފްރީނާ އެކަނިވިއެވެ.

"އެންމެ ދަރިއެއްތަ ހުންނަނީ؟"

"ނޫނޭ.ޚައިރާ ކިޔާ އަންހެން ދަރިއަކުވެސް ހުރޭ.."

"މާޝާﷲ."

"އަޅުގަނޑު މިހާރު ހިތަށް އަރާ އެނބުރި މައިންބަފައިން ގާތަށް ދާނީ ކޮން މޫނަކާއިގެން ބާވައޭ. ތެދަށް ބުނަންޏާ މިހާރު މައިންބަފައިން މަތިން ހަނދާންވާން ފަށައިފި. އަމިއްލަ ފައިމަައްޗަށް ކޮޅަށް ތެދުވާންދެން އެމީހުން އުފުލި ބުރައާއި ގުރުބާނީ ހަނދާން ނައްތާލާފައި މޫނުގައި ކޮޅުފައިން ޖަހާފައި އައުމުން ކިތަންމެ އެއްޗެއް އަތުން ބީވެއްޖެ...." ޒެފްރީނާގެ ރަތްވެފައިވާ ލޮލުން ކަރުނަ ނީރައިލިއެވެ. މައިންބަފައިން ދެކޭ ހިތުން ކެތްތެރިކަން ކޮޅުން ލީ ނަމަވެސް އޭނަ އެމީހުން ކުރިމައްޗަށް ދާނީ ކިހިނެއްހެއްޔެވެ؟ އޭނަ ހީވަނީ އިނގިރޭސި އަންހެނެއް ހެންނެވެ. ކުލަ ޖައްސާ ކުރުކޮށް ކޮށާ ސްޓައިލްކޮށްފައިވާ އިސްތަށިގަނޑަކާއި ކުރު ހެދުންތަކެވެ. އޭނަގެ އާއިލާ ދީނަށް ލޯބިކޮށް ހިޖާބު އަޅައިގެން ތިބޭއިރު އެމީހުންގެ ހިތުގައި އޭނަގެ މައްޗަށް އެއްވެސް ލޯތްބެއް ކުލުނެއް އޮންނާނެކަމެއް ނޭގެއެވެ. ނޫނީ އެއީ އޭނައަށް ހީކުރެވޭގޮތް ހެއްޔެވެ؟ މައިންބަފައިން ކައިވެންޏާއި ނުގަބޫލުވުމުން އަދި އޭނައަކީ ދަރިއެއްކަމަށް ގަބޫލުނުކުރާނެކަމަށް ބުނުމުން އެންމެން ދޫކޮށްފައި ނުކުމެގެން އައީ އޭނަ އަމިއްލައަށެވެ. މިއީ އޭނަ ހޯދައިގަތް ދިރިއުޅުމެވެ. ނިމުނުއިރު އޭނަ އެމީހަކަށްޓަކާ ފިދާވި މީހާއަކީ ހަގީގަތުގައި އެހެން އަންހެނެއްގެ ހައްގެކެވެ.

"އެއީ ދީން ކަމުގައި ނުވާނެ ކަމަށް ހީކުރަން.."

"ދީނާއިމެދު ޣާފިލު ވެވިފައިހުރީ. އެމީހުން ކިޔަވާދިން އެއްވެސް އެއްޗެއް ބޮލަކުނެތް. ފިރިމީހާގެ ފިޔަވަޅުމަތިން ހިނގީ...އެކަމަކު..."

"މާކް ކްރޯފޯޑްއަކީ ބޭވަފާތެރިއެއް. އަހަރެމެން ދެމީހުންގެ ދިރިއުޅުމަށްވެސް ކުރިމަތިވީ އެ އިމްތިހާން..ޒެފްރީންއަށް އެނގޭތަ؟މާކްގެ ތި ބުނާ ލޯބިވެރިޔާ ކެތްރީންއަކީ އަހަރެންގެ ދަރިންގެ މަންމަ ނަތާލީ."

"އޯ ގޯޑް.....ނުވާނެ ތިހެނެއް...." ޒެފްރީނާގެ މޫނު ހުދުވެ އަނގަމަތީ އަތް އަޅައިލެވުނެވެ.

"އޭނަ އެހެރީ ނަން ބަދަލުކޮށްގެން. ކަންތައް ހިނގީ އަހަރެން ބޭނުންވިގޮތަކަށް ނޫން. އަހަރެންވެސް ނަތާލީގެ ލޯބީގައި މޮޔަވެގެން ފައިސާއާއި ނުފޫޒުގެ ބޭނުންކޮށްގެން ކައިވެނިކޮށްގެން ގެންދިޔައީ. އެކަމަކު ލޯތްބަކީ ގަދަކަމުން ފޭރިގަނެވޭނެ އެއްޗެއް ނޫންކަން ނަތާލީ ސާބިތުކޮށްދިން. ދަރިން ގާތުގައި ދޮގެއް ނަހަދަން. މަންމަ ލޯބިވެރިޔާއާއިއެކު ފިލައިގެން ދިޔައީ ކަމުގައި ބުނިން...ނަތާލީ ދަރިންނަށް ވަރަށް ނުބައި. ދޮންމަންމައެކޭ ތަފާތެއް ނެތް. ކުދިންނާއިމެދު ކަންތައްކުރީ ހަރުކަށިކޮށް އެކަމަކު އަލްހަމްދުލިﷲ. އަހަރެންގެ މައިންބަފައިން ހޯދަދިނީ ގެވެހި ސާލިހުު އަންބެއް. ނަތާލީގެ މަގާމު އޭނަ ފުރާލަދިން. މަންމައެއްގެ ލޯބިވެސް އެކުދިންނަށް ދިން.." ޖަހާންގީރުގެ ކަޅުކުލައިގެ ލޮލުން ކަރުނައިގެ އަސަރު ފައުޅުވިއެވެ. ކޮފީއިން ހިކިފައިވާ ކަރުތެރެ ތެންމަމުން ދިޔަސް އަރުތެރެ ހިކެމުން ދިޔައެވެ.

"ސިއާރާއަކީ ކާކުގެ ދަރިއެއްތަ؟"

"މާކް ކްރޯފޯޑްގެ ދަރިއަކަށް ވާނީ...."

"ވަޓް؟" ޒެފްރީނާގެ އަތުން ކޮފީތަށި ބަންޑުންވިއެވެ."ތިހެންބުނީ ކީއްވެތަ؟"

"އެދެމީހުން އެދުވަސްކޮޅު އުޅުނީ އެކީގައި...."

"ސިއާރާގެވެސް ހުންނަނީ މާކްފަދައިން އަޅިކުލައިގެ ލޮލެއް. ހަމަ މިހާރު އަސްލަންއަށް އަންގަން ޖެހޭނެ......" ޒެފްރީނާ ބޯ ހޫރައިލިއެވެ.

"އަސްލަންއަށް އަންގަން ޖެހެނީ ކީއްވެތަ؟ އޭނަގެ ބައްޕަގެ ބޭވަފާތެރިކަން އެނގުމުން އަސްލަންގެ ހިތަށް ތަދުވުން ނޫންކަމެއްނުވާނެ.."

"އަސްލަންއާއި ސިއާރާގެ ކައިވެނި ހަމަޖެހިފައިވާތީ...."

"މާކް އަމިއްލައަށް މަށާއި ދިމާލަށް ބުނި ޕްރެގްއީ ތިމަންނަގެ ދަރިއަކަށޭ. ކަލޭ އެމީހުންގެ ދިރިއުޅުމުން ދުރަށް ދާށޭ.." ޖަހާންގީރުގެ ލޯ ކުރިމަތީގައި އެ ދުވަހުގެ މަންޒަރުތައް ފްލޭޝްވެލިއެވެ."އެނީވޭސް އަހަރެން މިފަހަރު މިރަށަށް އައި މަގުސަދަކީ ދަރިންނަށް ހަގީގަތް ހާމަކޮށްދިނުން. މަގޭ ދަރިންނަށް މަންމައަކީ ކާކުކަން އަންގަން ބޭނުން......."

"އޭނަގެ ދަރިއަކަށް ސިއާރާ ވަންޏާ ކައިވެނިކުރުވަން އެއުޅެނީ ކީއްވެތަ؟ އިޓްސް އޮބްވިއަސް އޭނައާއި ސިއާރާ ހާދަ ވައްތަރޭ..."

"ދީނުގެ ކަންފުޅެއްނެތީމަ ފާފަތަކަށް އަރައިގަންނަން ޖެހިލުމެއްނުވާނެ. ނޫނީ ނަތާލީ މާކްއަށްވެސް ދަރިފުޅުގެ ހަގީގަތް ފޮރުވައިގެން ހުރީ ކަމަށް ވެދާނެ...." ޖަހާންގީރުގެ ބުމަ ކައިިރިކޮށްލެވުނެވެ.

***

ހަނދު އޭގެ ފުރިހަމަކަމާއެކު އުޑުގައި ރަނިކަން ކުރަމުން ދިޔައީ ދުނިޔެއަށް ސިއްރުވެރި ޖާދުވީ ކުލައެއް ޖައްސާދެމުންނެވެ. ހަނދުވަރުގެ ސަބަބުން ބިންމަތީގައިވާ ސްނޯތައް ހުދު ޖަވާހިރުފަދައިން އަލިވެފައިވާއިރު ނިކަން ހިތްގައިމެވެ. ސިއާރާ ޗޮކްލެޓްތަށި ހިފައިގެން ފެންޑާގައި ފޯނުން އެއްޗެއް ބަލަމުން ދިޔައިރު ދޭތެރެއަކުން ވަށައިގެންވާ ގުދުރަތީ މަންޒަރުތަކަށް ލޯ ހުއްޓެވެ. ﷲ ސުބުހާނަހޫ ވަތައާލާ މިހާ ފުރިހަމައަށް ކާއިނާތު ޑިޒައިން ކުރައްވާ އެންމެ ރީތި ސިފައިގާ އިންސާނާ އުފައްދަވާފައިވާއިރު ސިކުނޑިން ވިސްނާލިޔަސް ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް މިހިރީ ފެންނާށެވެ. އޭނައަށް ނޭގެނީ ދީން ގަބޫލުނުކުރާ މީހުން ގިނަވާ ސަބަބެކެވެ.

މިފަދަ ގަޑިއެއްގައި ކުއްލިއަކަށް ހާރިސް ސިޑިން ފައިބައިގެން އަންނަ ތަން ފެނުމުން ސިއާރާއަށް ތެދުވެވުނެވެ. ފަނޑު އަނދިރިކަމުގެ ތެރެއިން ހާރިސްގެ ލޮލުގެ ކަޅުކަން ވިދައެވެ. ސިއާރާ ސަލާމްކޮށްލިއެވެ.

"އަޅުގަނޑުގެ ސުވާލެއް އެބައޮތް..." ސިއާރާގެ އަޅި ލޮލުން ފެނުނީ ގާތްގޮތެކެވެ.

"އަވަހަށް ބުނޭ..." ހާރިސްއަށް ބަލައިލެވުނީ އަތުގައިވާ ގަޑިއަށެވެ.

"ތަނަކަށް ދާން ލަސްވެފައިހެން ހީވޭ ޝޭޚު..."

"ހެހެ. އެއީ ބައްޕައާއި ބައްދަލުކޮށްލަންވެގެން. ތީ އެކަމަކު އަހަރެން ދަންނަ ކުއްޖަކީތަ؟" ހާރިސްއަށް ސުވާލުކުރެވުނެވެ.

"ސިއާރާ. މިސިޒް ކެތްރީންގެ ދަރިފުޅު...އެކްޗުއަލީ..އަޅުގަނޑު ބަލަން މިއިނީ ޝޭޚުގެ ލެކްޗާއެއް....." ސިއާރާ އޭނަގެ ފޯނު ހާރިސްއަށް ދައްކަން ކުޑަކޮށް ކައިރިއަށް ޖެހިލިއެވެ."މައިންބަފައިންނަށް އިހުސާންތެރިވުމާއި ބެހޭގޮތުން ގުރުއާންގައިވާ އާޔަތްތަކާއި އޭގެ ތަފްސީރު އަޑުއެހުމުން ހަމަ ރޮވޭވަރުވި. އިޓްސް ސޯ ޓަޗިން. އެކަމަކު އަޅުގަނޑު ދެރަވާކަމެއް އެބައޮތް...."

ހާރިސް އޭނަގެ މޫނަށް ނަޒަރު ހުއްޓިއެވެ.

"އަޅުގަނޑަށް އެނގޭ. ކްރިސްޓިއަން ކުއްޖެއްގެ ގޮތުގައި ފެނުނަސް ހަގީގަތުގައި މުސްލިމްއަކަށް ވުމުގެ ނަސީބު ލިބުނުތާ ދުވަސްކޮޅެއްވެއްޖެ. އަޅުގަނޑުގެ މަންމަ ދީނާއި ދެކޮޅުވީމަ ފޮރުވިގެން އުޅެން ޖެހިފައިވަނީ....."

"މާޝާﷲ. ވަރަށް ހިތްވަރުގަދަ ކުއްޖަކަށް ތިގޮތުގައި ހުރެވޭނީ. ﷲ ސުބުހާނަހޫ ވަތައާލާގެ ރުހިވޮޑިގޮތުން ހޯދަން ކުރާ މަސައްކަތުގައި ދެރަގޮތެއްނުވާނެ އިންޝާﷲ..އެކަމަކު ދެރަވަނީ ކޮންކަމަކާއ ކޮއްކޯ؟" ހާރިސްގެ ލޮލުން ފެނުނީ އޯގާތެރިކަމެވެ.

"ސަބަބަކީ މަންމައަކީ ކްރިސްޓިއަނަކަށް ވީމަ......"

"މަންމައަށް ހިދާޔަތް ދެއްވާތޯ ދުޢާކުރޭ...."

"ކެން ޔޫ ޓޯކް ޓު ހާރ؟" ސިއާރާގެ ބެލުމުގައިވަނީ އާދޭހުގެ ގޮތެވެ.

"އެންމެ ރަގަޅު..." ހާރިސް ވަގުތުން އެއްބަސްވިއެވެ.

"މަންމަމެން އެހާ ރުޅި އަންނައިރު ގެއަށް ވަދެ މަންމައާއި ވާހަކަދެއްކުމަކީ ފަސޭހަކަމަކަށް ނުވެ ހިނގައިދާނެ. އެކަމަކު މަންމަ ގެއަށް އަންނަ ގަޑީގައި މިތަނުން މިކަހަލަގޮތަކަށް ދިމާކޮށްލައިފިއްޔާ މަންމަ އަޑުއަހާފާނެ......" ސިއާރާގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. އޭނައަކީ ޝޭޚު ހާރިސްގެ ބޮޑު ފޭންއެކެވެ. އެކަމަކު ސީދާ މިގޮތަށް ކުރިމަތިލައިގެން ވާހަކަ ދައްކައިލުމުގެ ފުރުސަތު ލިބުނީ އަލަށެވެ.

"އަހަރެން މިއުޅެނީ ދީނަށް މީހުން ހޭލުންތެރިކުރަން މަގުމަތީގައިވެސް އެފަދަ ޕްރޮގްރާމެއް ހިންގަން..ތަފާތު މީހުންނަށް ދީން ބުނެދީ ހޭލުންތެރިކުރުވަމީ ކޮންމެހެން ކުރަން ޖެހިފައިވާކަމެއް...."

"މާތްﷲ ބަރަކާތް ލައްވާށި..އަޅުގަނޑުވެސް ހިތަށް އަރައިފި ދީން ގަބޫލުނުކުރާ މީހުން ގިނަ އެބަވެއޭ......."

ހާރިސް މަގަށް ނިކުތްއިރުވެސް ހިތުގައި ހިނގައިގަތް ހަލަބޮލިކަމެއް ނިމުމެއްނެތެވެ. ބެލުން ތިރިކުރަން ދީނުގައި އަންގަވާފައިވި ނަމަވެސް އޭނައަށް ސިއާރާގެ ލޮލަށް ބެލުނުގޮތަށް ކުރެވުނީ ގާތް އިހުސާސްއެކެވެ. ކޮއްކޮއަކާއި ދޭތެރޭ ބޭބެއަކަށް ކުރެވޭފަދަ ސާފު ތާހިރު ޖަޒުބާތެއް ހިތުގައި އުފެދިގަތީ އެއްބަފާ ކޮއްކޮ ހާޖަރު ފަދައިންނެވެ. ކޮންމެ ގޮތަކަށް އިހުސާސްކުރެވުނަސް މަހުރަމެއް ނޫންކަން އެނގޭއިރު އެހެން ބަލައިގެން ނުވެސް ވާނެއެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާއިހުރެ ސިއާރާއަށް ބެލުނީ ކޮއްކޮއެއްގެ ގޮތުގައެވެ. ހިތުގައިވީ އެފަދަ ކުލުނާއި އިހުސާސްއެކެވެ.

***

އަސްލަންގެ މާސްޓަރ ބެޑްރޫމް ޒަމާނީ ފަރުނީޗަރުތަކުން ޒީނަތްތެރިކުރެވިފައިވާއިރު އެހާ ތަނަވަހެވެ. ފުޅާ ބިއްލޫރި ދޮރުތަކުން ފެންނަ މަންޒަރުތައް އެހާ ޗާލެވެ. ގަސްތަކުގެ ކުރީކޮޅުގައި ހަރުލާފައިވާ ސްނޯތަކާއެކު ފަލަކުގައި ހިނިތުންވެލައިގެން އިން ހަނދުގެ ސަބަބުން މިރޭ ވަކިން ހުވަފެނީއެވެ. އަސްލަން ނިދަން ތައްޔާރުވަނިކޮށް މަންމަ ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. އޭނަގޮސް ދޮރު ހުޅުވައިލިއެވެ.

"ދަރިފުޅާ.."ޒެފްރީނާ ދޮރު ލައްޕާލައިފިއެވެ.

"ޔެސް މަންމާ..." މިގަޑީގައި މަންމަ އައުމުން ހިތުގައި ސުވާލު އުފެދިގަތްއިރު މަންމަގެ ރަތްވެފައިވާ ދެލޮލުން އެހިތުގެ އިހުސާސްތައް ކިޔާދީފިއެވެ.

"މިވާހަކަ ފަށާނީ ކިހާ ހިސާބަކުން ކަމެއްވެސް ނޭގޭ...." ޒެފްރީނާގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. އަސްލަން މަންމަ ގަޔާއި ކައިރިކޮށްގެން ގެނެސް އެނދުގައި ބޭންދިއެވެ. ވަރަށް އޯގާތެރިކަމާއެކު މަންމަގެ ލޮލުގައިވާ ކަރުނަތިކި ފޮހެލަދިނެވެ.

ނުނިމޭ