10 Apr 2022, 10:49
ވޮޝިންޓަން (އެޕްރީލް 9): އިންޑިއާ ދަނީ ކުރިއަށްވުރެވެސް ބޮޑަށް ރަޝިއާއާ ގުޅުން ބަދަހިކުރަމުން ކަމަށާއި މިއީ ނަތީޖާ ގޯސްވާނެ ކަމެއްކަމަށް ބުނެ އެމެރިކާ އިންޑިއާއަށް އިންޒާރެއް ދީފިއެވެ.
އިޤްތިޞާދީ ކަންތައްތަކާބެހޭ ވައިޓް ހައުސްގެ މުސްތަޝާރު ބްރަޔަން ޑީސް ވިދާޅުވީ ޔުކްރޭން ހަނގުރާމަ ފެށުމުގެ ކުރިން އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނަމުން ދިޔަ މިންވަރަށްވުރެ މާގިނައިން މިހާރު އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނަމުންދާކަމަށާއި މިއީ އެމެރިކާއަށް ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށެވެ.
އިންޑިއާ މިގޮތަށް އަމަލުކުރަމުން މިދަނީ ރަޝިއާއާ ގާތްގުޅުންތައް ނުބޭއްވުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް އެމެރިކާއިން އިންޑިއާއަށް އިންޒާރުކޮށްފައިވަނިކޮށް ކަމަށާއި މިއީ އެމެރިކާގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ބްރަޔަން ޑީސް ސިފަކުރެއްވިއެވެ.

ވައިޓް ހައުސްގެ އިޤްތިޞާދާ ބެހޭ މުސްތަޝާރު ބްރަޔަން ޑީސް
ރިޕޯޓްތައް ބުނާގޮތުން އިންޑިއާއިން ރަޝިއާގެ ތެޔޮ ކުރިއަށްވުރެ ގިނައިން ގަންނަންފެށީ ދާދިފަހުން ރަޝިއާގެ ޚާރިޖީ ވަޒީރު ސާގީ ލާވްރޯވް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ އިސްމަސްއޫލުވެރިންނާ ކުރެއްވި މަޝްވަރާތަކަށްފަހުއެވެ.
މިމަޝްވަރާތަކުގައި ލާވްރޯވްވަނީ ރަޝިއާއިން ދުނިޔޭގެ ބާޒާރުގެ އަގަށްވުރެ އަގުހެޔޮ ރޭޓެއްގައި އިންޑިއާއަށް ތެލާއި ގޭސް ފޯރުކޮށްދޭގޮތަށް ނިންމަވާފައެވެ. މިއާއެކު އިންޑިއާއާއި ރަޝިއާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ ބޮޑުބައެއް އެމެރިކާ ޑޮލަރުގެ ބަދަލުގައި އިންޑިއާގެ ރުޕީ އާއި ރަޝިއާގެ ރުބެލް ބޭނުންކޮށްގެން ކުރުމަށްވެސް ލާވްރޯވްގެ ދަތުރުފުޅުގައި އިންޑިއާއާއި ރަޝިއާވަނީ އެއްބަސްވެފައެވެ.
އިންޑިއާއާއި ރަޝިއާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ގާތްގަނޑަކަށް 10 ބިލިޔަން ޑޮލަރަށް އަރާއިރު މީގެތެރެއިން ގާތްގަނޑަކަށް 6.5 ބިލިޔަން ޑޮލަރަކީ އިންޑިއާ، ރަޝިއާއިން ގަންނަ ތަކެތީގެ މިންވަރެވެ. ރަޝިއާ، އިންޑިއާއިން ގަންނަ ތަކެތީގެ މިންވަރަކީ ގާތްގަނޑަކަށް 3.5 ބިލިޔަން ޑޮލަރެވެ.
މިހާރު ދެގައުމުގެ ވިޔަފާރީގެ ބައެއް މުއާމަލާތްތައް ކުރަމުން ގެންދަނީ އެމެރިކާ ޑޮލަރާއި ޔޫރޯ އެއްފަރާތް ކުރުމަށްފަހު ރުޕީ އާއި ރުބެލްއިން ކަމަށްވުމަކީވެސް ރަޝިއާއާއި އިންޑިއާގެ ގުޅުންތަކާމެދު އެމެރިކާ ކަންބޮޑުވެ ރުޅިއަންނަން ފެށިކަމެކެވެ. މުސްތަގްބަލްގައި ރަޝިއާއާއި އިންޑިއާ ވަނީ ރުޕީ އާއި ރުބެލްއިން ކުރާ ވިޔަފާރީގެ މުއާމަލާތްތައް ވަރަށް ބޮޑަށް އިތުރުކުރުމަށްވެސް ނިންމާފައެވެ.

ރަޝިއާގެ ޚާރިޖީ ވަޒީރު ލާވްރޯވް ދާދިފަހުންވަނީ އިންޑިއާއަށް ވަޑައިގެން އިންޑިއާގެ އިސްވެރިންނާ މަޝްވަރާ ކުރައްވާފަައި.
ވިޔަފާރީގެ މުއާމަލަތްތަކުގައި އެމެރިކާ ޑޮލަރު ބޭނުންކުރުމަކީ އެމުއާމަލާތްތަކުގެ ފީގެ ގޮތުގައި އެމެރިކާގެ އިޤްތިޞާދަށް ބޮޑު ފައިދާއެއް ލިބޭ ކަމެކެވެ. ޑޮލަރު ނޫން ފައިސާއެއް ބޭނުންކުރާނަމަ މިފައިދާއިން އެމެރިކާ މަހްރޫމުވާނެއެވެ. ޔުކްރޭން ހަނގުރާމައާއެކު އެމެރިކާއާއި ޔޫރަޕްގެ ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިއާއަށް އަމާޒުވުމުން ރަޝިއާ ވަނީ ޑޮލަރާއި ޔޫރޯއާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށްފައެވެ.
މީގެތެރޭގައި ރަޝިއާގެ ތެލާއި ގޭސް ވިއްކުންވެސް ޑޮލަރާއި ޔޫރޯގެ ބަދަލުގައި ރުބެލްއަށް ބަދަލުކުރުމާއި ރަޝިއާގެ އެހެން މުއާމަލާތްތަކުގައިވެސް ޑޮލަރާއި ޔޫރޯ ބޭނުންކުރުން މަދުކުރުން ހިމެނެއެވެ. މިއާއެކު ރަޝިއާއާއި ޗައިނާވަނީ އެދެގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއްވެސް ރުބެލްއާއި ޔުވާންއަށް ބަދަލުކޮށްފައެވެ.
އިންޑިއާއަށް އިންޒާރު ދެއްވަމުން ވައިޓް ހައުސްގެ އިޤްތިޞާދާބެހޭ މުސްތަޝާރު ބްރަޔަން ޑީސް ވިދާޅުވީ އިންޑިއާ ރަޝިއާއާ ދުރަށްނުގޮސް ސްޓްރެޓީޖިކް ގޮތުން ރަޝިޔާއާ ގާތްވަމުންދާނަމަ އެކަމުން ނުކުމެދާނެ ނޭދެވޭ ނަތީޖާއާމެދު އިންޑިއާ ވިސްނާލަން ޖެހޭނެ ކަމުގައެވެ.
ޔުކްރޭންގައި ރަޝިއާ ހިންގާ އުދުވާނަށާއި އަވަށްޓެރި ގައުމުތަކާމެދު ރަޝިއާ ގެންގުޅޭ އަނިޔާވެރި ސިޔާސަތަށް ބެލުމެއްނެތި އިންޑިއާއިން ރަޝިއާއާ ސްޓްރެޓީޖިކް ގުޅުންތައް ބަދަހިކުރާނަމަ އިންޑިއާއާ ހުޅަނގުގެ ގުޅުންތައް ގޯސްވެގެންދާނެކަމަށްވެސް ބްރަޔަން ވިދާޅުވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން މިއީ ދިގު މުއްދަތަކުން އެކަމުގެ ގެއްލުން އިންޑިއާ ލިބިގެންދާނެ ކަމެއްކަމަށާ އެކަން ޑިޕްލޮމެޓިކް ޗެނެލްތައް މެދުވެރިކޮށް އިންޑިއާއަށް އަންގާފައިވާނެ ކަމަށްވެސް ބްރަޔަން ވިދާޅުވިއެވެ.
އެމެރިކާގެ ބަސްމަގު މިގޮތަށް ހުރިނަމަވެސް އިންޑިއާއަކީ ޗައިނާއާ ކުރިމަތިލުމަށް އެމެރިކާ އުފައްދާފައިވާ ކުއަޑް ގުރޫޕުގައި ހިމެނޭ ގައުމަކަށްވުމުގެ އިތުރުން ދެކުނު އޭޝިއާގައި އެމެރިކާގެ މަސްލަހަތު ރައްކާތެރިކުރުމަށް އިންޑިއާގެ އެހީ އެމެރިކާ ބޭނުންވާތީ އިންޑިއާއާ ދެކޮޅަށް ފިޔަވަޅެއް އެޅުމަކީ އެމެރިކާއަށް ކުރަން ފަސޭހަ ވާނެކަމެއް ނޫންކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ޔުކްރޭން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެތަށް ހާސް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވީނަމަވެސް އެކަމަށް ދުނިޔޭގެ އެހެންގައުމުތަކުގެ އެއްބާރުލުން ނުލިބޭތީ އެފިޔަވަޅުތަކުގެ މާބޮޑު އަސަރެއް ރަޝިއާއަކަށް ނުކުރެއެވެ.
ޚާއްސަކޮށް ޗައިނާއާއި އިންޑިއާ ފަދަ އިޤްތިޞާދީ ބޮޑުބާރުތަކާ އަދި އާސިޔާންގެ ގައުމުތަކުގެ އެއްބާރުލުން ނުލިބޭނަމަ ހުޅަނގުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ނާކާމިޔާބުވެގެންދާނެ ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. އދ.ގެ މެންބަރުންގެ ގޮތުގައި 193 ގައުމު އޮންނަ އިރު އޭގެތެރެއިން 157 ގައުމު އެމެރިކާއާއި ޔޫރަޕްގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ނުދޭކަން ފާހަގަކޮށް އެމެރިކާވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.
ބޮޑެތި އިޤްތިޞާދުތަކަށް ބަލާއިރު އިންޑިއާގެ އިތުރުން ޗައިނާވެސް ވަނީ ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ހުޅަނގަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދާފައެވެ. އޭޝިއާގެ އެހެން ގައުމުތަކަށް ބަލާއިރު ޖަޕާން އާއި ދެކުނު ކޮރެއާ އަދި ސިންގަޕޫރު ފިޔަވައި ހުޅަނގުގެ ފިޔަވަޅުތަކަށް އެއްބާރުލުންދޭ ގައުމެއް އޭޝިއާ ސަރަހައްދުގައި ނެތެވެ. އެތިން ގައުމުންވެސް ހުޅަނގުގެ ފިޔަވަޅުތަކަށް ދެނީ ވަރަށް ކުޑަ އެއްބާރުލުމެކެވެ.