ރޯދަމަސް ފެށުމާއެކު ބާޒާރުގައި އަގު އަރައިގެން ދިޔަ ގިނަ ބާވަތްތަކެއްގެ އަގު ދަށަށް ހިނގައްޖެއެވެ.

މި މަހު އެންމެ އަގުބޮޑު ބާވަތެއްގެ ގޮތުގައި ފާހަގަކުރެވުނު ލުނބޯގެ ކިލޯއެއް މާރުކޭޓުގައި މިއަދު ލިބެން ހުރީ 100 ރުފިޔާއަށެވެ. މީގެ އިތުރުން އެސްޓީއޯއިން މިހާރު ވަނީ ލުނބޯ އެތެރެކޮށް، ކިލޯއެއް 45 ރުފިޔާއަށް ވިއްކަން ވެސް ފަށާފައެވެ.

ރޯދައަށް ކިލޯއެއް 650އަށް އުފުލުނު ގިތެޔޮ މިރުހުގެ އަގުވެސް މިހާރު ވަނީ ވެއްޓިފައެވެ. މިއަދު ބާޒާރުގައި މިރުސް ކިލޯއެއް 450 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.

މީގެ އިތުރުން، މަހުގެ ފުރަތަމަ ދުވަހު ބޮޑު އަގެއްގައި ހުރި މަހުގެ ބާވަތްތައް ވެސް މިހާރު ވަނީ އަގު ހެޔޮވެފައެވެ. މުލަރޯދަ ދުވަހު މަސްމާރުކޭޓުގައި ކަޅުބިލަމަސް ކިލޯއެއް ލިބެން ހުރީ 55 ރުފިޔާއަށެވެ. އަދި ކަންނެލި ކިލޯއެއް ލިބެން ހުރީ 80 ރުފިޔާއަށެވެ. ނަމަވެސް މިހާރު ކަޅުބިލަމަސް ކިލޯއެއް 25 ރުފިޔާއަށް ލިބެއެވެ. އަދި ކަންނެލި ކިލޯއެއް 60 ރުފިޔާއަށް ލިބެއެވެ.

ބާޒާރުގައި މަގުބޫލު އެހެނިހެން ބައެއް ބާވަތްތަކަށް ބަލައިލާއިރު، ކަރާ ކިލޯއެއްގެ އަގު އުޅެނީ 20 ރުފިޔާގައެވެ. ބަށި ކިލޯއެއް 45 ރުފިޔާއަށް ލިބޭއިރު ދޮންކެޔޮ ކިލޯއެއް އުޅެނީ 40 ރުފިޔާގައެވެ. އަދި އަނބު ކިލޯއެއް ލިބެނީ 120 ރުފިޔާއަށެވެ.