ހުޅަނގު އައްސޭރި (އެޕްރީލް 7) : ފަލަސްތީނަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ހުޅަނގު އައްސޭރީގައި ހިންގަމުން ގެންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ އެކަކު ޝަހީދުކޮށް އެތަށް ބަޔަކު ޒަޚަމްކޮށްލައިފިއެވެ.

ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން އުދުވާން ހިންގަމުން ގެންދަނީ ހުޅަނގު އައްސޭރީގެ ޖެނީން ސިޓީއާއި ޖެނީން ރެފިއުޖީ އަށުގެ ވަށައިގެންވާ ސަރަހައްދުގައެވެ. ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން އިސްރާއީލުގެ ސިފައިން ބަޑިޖަހައި ޝަހީދުކޮށްލީ އަހްމަދުއްސަޢްދީ ނަމަކަށް ކިޔާ ޒުވާނެކެވެ. އިސްރާއީލުން ބަޑިޖަހާފައިވަނީ އޭނާގެ މެޔަށެވެ.

ޖެނީންގައި އިސްރާއީލުން އުދުވާން ހިނގަމުން ގެންދަނީ އިއްޔެ ފަލަސްތީނުގެ ޒުވާނަކު އިސްރާއީލުގެ ވެރިރަށް ޓެލްއަވީވް ގެ (ތަލްއައްރަބީއު) ގެ އެންމެ ކާރުބާރު ބޮޑު ވިޔަފާރި ސަރަހައްދަށް ވަދެ ބަޑިން ހަމަލާދީ އިސްރާއީލުގެ ދެމީހުން މަރާލައި އެތަށް ބަޔަކު ޒަޚަމްކޮށްލި ފިދާއީ (ޖިހާދީ) ހަމަލާއަށް ބަދަލުހިފުމުގެ ގޮތުންކަމަށްވަނީ ބެލެވިފައެވެ.

ފަލަސްތީނުގެ މުޖާހިދަކު ޓެލްއަވީވުގެ ވިޔަފާރީގެ އެންމެ މުހިއްމު ސަރަހައްދަށް ބަޑި ހިފައިގެން އިއްޔެ ވަދެ އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ފިދާއީ މިއަމަލު ހިންގި އިރު އިސްރާއީލުގެ ސިފައިންނާއި ފުލުހުންގެ އިތުރުން އިސްރާއީލުގެ އެތެރޭގެ ޖާސޫސީ އިދާރާވެސްވަނީ ޖާސޫސީ މައުލޫމާތުގެ އަލީގައި ކުރިން މިކަން ދެނެގަތުމުގައާ އަދި މިކަން ދުރާލައި ހުއްޓުވުމުގައި މުޅިން ނާކާމިޔާބު ވެފައެވެ.

ފަލަސްތީނުގެ މުޖާހިދު އެސަރަހައްދަށް ހަތިޔަރާއެކު ވަދެ ބަޑިޖަހަމުން ގެންދިޔައިރު އެސަރަހައްދުގައި އިސްރާއީލުގެ ކުރީގެ ހަރުކަށި ބޮޑުވަޒީރު އަދި ފަލަސްތީނުގެ އެތަށް ހާސްބައެއްގެ ގާތިލު، ބެންޖަމިން ނަތަންޔާހޫ އޭނާގެ އާއިލާއާއެކު ބާޒާރުކުރަން އެސަރަހައްދުގައި އުޅުނު ކަމަށް އިސްރާއީލުގެ މިޑިއާ ބުނެއެވެ.

އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޖެނީންގެ ވަށައިގެންވާ ސަރަހައްދު ތަކުގައި އުދުވާން ހިންގަނީ

މިއަމަލު ހިންގި ފަލަސްތީނުގެ މުޖާހިދު ވެސްވަނީ ބަޑީގެ ހަމަލާތައް ދިނުމަށްފަހު ކާމިޔާބުކަމާއެކު އެސަރަހައްދުން ފިލާފައެވެ. އިސްރާއީލަށް އޭނާ އަތުލެވުނީ އޭގެ އެތަށް ގަޑީއިރެއް ފަހުން އިސްރާއީލުން އެގައުމުގެ ސިފައިންނާއި ފުލުހުންގެ އެތަށް ބަޔަކު ނެރެގެން ހިންގި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އަތުލެވުނީ އޭނާގެ ހަށިގަނޑަށް ބަޑިޖަހައި ޝަހީދު ކޮށްލުމަށްފަހު އޭނާގެ ފުރާނަނެތް ހަށިގަނޑެވެ. ދިރިހުއްޓައި އަތުލައި ގަތުމުގައި އިސްރާއީލު ގެ ސަލާމަތީ ބާރުތައްވަނީ ނާކާމިޔާބުވެފައެވެ. އިސްރާއީލު ސިފައިން ހުޅަނގު އައްްސޭރީގެ ޖެނީން އަށް އަރައި އުދުވާން ހިންގައި ޒުވާނަކު ޝަހީދުކޮށްލާފައި މިވަނީ ޓެލްއަވީވުގައި ހިންގި ފިދާއީ އަމަލަށް ފަލަސްތީނު ރައްޔިތުންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުންނެވެ.

މިމައްސަލާގައި އިސްރާއީލު ބޭޒާރުވުމުން އިސްރާއީލުގެ ސިފައިންވަނީ އެމުޖާހިދު ގެ އާއިލާގެ ގެއަށްވަދެގަނެ އޭނާގެ މަންމައާއި ބައްޕައާއި އާއިލާގެ އެހެން މެންބަރުންނަށް ބިރު ދައްކައި އެއާއިލާގެ ބައެއްމީހުން ހައްޔަރުކޮށް އެގެއަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ފަލަސްތީނުގެ އެތަށް މުޖާހިދަކު ފާއިތުވި ދެހަފްތާ ތެރޭގައިވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ އެކި ސަރަޙައްދުތަކަށް ބަޑިހިފައިގެންސިއްރިޔާތުގައި ވަދެގަނެ މިފަދަ އެތަށް ޙަމަލާތަކެއްދީ އިސްރާއީލުގެ 13 މީހުން މަރާލައި އެތަށް ބަޔަކު ޒަޚަމްކޮށްލުމުގައި ކާމިޔާބު ހޯދާފައެވެ.

މިފަދަ ހަމަލާތަކުގެ ބޭނުމަކީ އިސްރާއީލަކީ އެގައުމުގެ އެތެރޭގެ އަމަނާއި ސަލާމަތް ނުބެލެހެއްޓޭ އެންޓިޓީއެއްކަން އިސްރާއީލުގެ ނަމުގައި މިހާރުއޮތް ފަލަސްތީނުގެ ބިމަށް ހިޖުރަކޮށްގެން އުޅޭ ޔަހޫދީންނަށް ވިސްނައިދީ އެމީހުން އިސްރާއީލު ދޫކޮށް އެމީހުން ގެ އަމިއްލަ ގައުމުތަކަށް އެނބުރި ރުޖުއަވުމުގެ މުހިއްމުކަން އެޔަހޫދީންނަށް ވިސްނައިދިނުން ކަމަށް ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުން ބުނެއެވެ. ފަލަސްތީނަށް ބޭރުން ހިޖްރަކުރި ޔަހޫދީން އެނބުރި އެމީހުންގެ ގައުމުތަކަށް ރުޖޫއަވެއްޖެނަމަ ހުޅަނގުގެ އެހީގައި ފަލަސްތީނުގެ ބިމުހައި އުފައްދާފައިވާ އިސްރާއީލެވެމިކިޔާ ޔަހޫދީ އިސްތިއުމާރީ ޣައިރު ގާނޫނީ އެންޓިޓީއެއް ނޯންނާނެއެވެ.

ފަލަސްތީނުގެ މުޖާހިދުން އިސްރާއީލުގެ އެތެރޭގެ އެންމެ މުހިއްމު ސަރަހައްދުތަކުގައި މިބާވަތުގެ ފިދާއީ އަމަލުތައް ހިންގުމުގައި ހޯދަމުން ގެންދާ ބޮޑެތި ކާމިޔާބީ ތަކުގެ ސަބަބުން އިސްރާއީލުގެ އެތެރޭގައިވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ.

ފަލަސްތީނު މިނިވަންކުރެވޭނީ ފަލަސްތީނަށް އެކި ގައުމުތަކުން ހިޖްރަކޮށްގެން އުޅޭ ޔަހޫދީން ބޭރުކޮށްލެވިގެން ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުން ދެކެއެވެ.

އިސްރާއީލުވަނީ ސުލްހަވެރި ގޮތުގައި ފަލަސްތީނުގެ ބިމުގެ ކުޑަބައެއް ނަމަވެސް ފަލަސްތީނަށް ދީގެން ފަލަސްތީނަށް ކުޑަ ނަމަވެސް ދައުލަތެއް އުފައްދައިދީ ފަލަސްތީނުން ބޭރުކޮށްލާފައިވާ ފަލަސްތީނު ރެފިއުޖީންނަށް އެމީހުންގެ ގައުމަށް އެނބުރި އައުމުގެ ފުރުސަތު ދީގެން ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް (ދެދައުލަތުގެ ހައްލު ހޯދުމަށް) ދެކޮޅު ހަދާފައެވެ.