ވިޝްކާ އިށީނުމުން އިދާން އޭނާގެ ފޯނުން ތަސްވީރެއް ދައްކައިލިއެވެ.

"މީ ކާކުކަން އެނގޭތަ؟..." އިދާން އަހައިލިއެވެ.

ތަސްވީރު ފެނުމާއިއެކު ވިޝްކާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

********

"ޒިވިއަން؟..." ފޯނު އަތުލަމުން ވިޝްކާ ބުންޏެވެ.

"ސަތޭކަ..." މޭޒުމަތީގައި އަތުން ޖަހައިލަމުން އިދާން ހީގަތެވެ.

ވިޝްކާ ފޯނު މޭޒުމަތީގައި ބާއްވަން އުޅުނުވަގުތު އެހެން ތަސްވީރެއް ހުޅުވުނެވެ. އެއީ އައިޒަކާއި ޒިވިއަން އެކުގައި ތިއްބާ ނަގާފައިވާ ތަސްވީރެކެވެ. އޭގެ އިތުރުންވެސް އެތައް ދުވަހަކުން ނަގާފައިވާ އައިޒަކްގެ ގިނަ ތަސްވީރުތަކެއް އެ ފޯނުގައި ހުއްޓެވެ.

"މީ ކޮން ކަމެއް؟..." އައިޒަކްގެ ތަސްވީރެއް ދައްކައިލަމުން ވިޝްކާ ސުވާލުކުރީ ހިތްހަމަނުޖެހިފައެވެ. "ދޮންބެ މިހާރު ޒެކްއަށް ފާރަލާންވެސް ފެރީތަ؟... ކާކު ބުނެގެން ކުރާ ކަމެއް މީ؟..."

އިދާން ކުއްލިއަކަށް ތެދުވެފައި، ވިޝްކާގެ އަތުން ފޯނު އަތުލިއެވެ.

"ވިޝްކޮ ބަލަންޖެހޭ ކަމެއް ނޫން އެއީ... ބޭނުންވަނީ ކަން ކުރުމެއްނު..." އިދާން ދިނީ ފަރުވާކުޑަ ޖަވާބެކެވެ.

"އަހަރެން ބޭނުމެއް ނޫނޭ އެއްވެސް މީހަކު ޒެކްއަށް ފާރަލާކަށް..." ވިޝްކާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. "މީހަކު ބުނެގެން ކުރާ ކަމެއްދޯ ތީ؟..."

"ވިޝްކޮ ބޭނުންވާ ކަންތައް ވިޝްކޮއަށް ވާނެއޭ... އެ ނިނުނީނު..." އިދާން ހިތްހަމަނުޖެހުނެވެ.

"ތިހެން އުޅެނިކޮށް ޒެކްއަށް ގެއްލުމެއް ލިބިއްޖެއްޔާ ކިހިނެއްވާނީ؟... ކޮންމެ މީހަކަށްވެސް ދޮންބެ އިތުބާރު ކުރަންތަ؟..." އިދާންއަށްވުރެ ބާރަށް ވިޝްކާ ބުނެލިއެވެ.

"އަހަރެން މިހެން އުޅުނީމަ އޭގެ ފައިދާކުރާނީ ހަމަ ވިޝްކޮއަށޭ... އަން... މި ބަލާފަ ތިހެނެއް ނުބުނާނެ..." އިދާން އޭނާގެ ދަބަހުން ނެގި ސިޓީއުރަ ވިޝްކާ އާއި ދިމާއަށް އެއްލިއެވެ.

ވިޝްކާ ނުރުހިފައި އިނދެ، ސިޓީއުރައިގައިވާ ލިޔުންތައް ނެގިއެވެ.

"ދެން އޮތީ ވިޝްކޮގެ ބައި... އަހަރެންގެ ބައި އަހަރެން މި ފުރިހަމަކުރީ..." އިދާން ތެދުވިއެވެ.

ލިޔުންތައް ބަލަމުންދިޔަ ވަރަކަށް ވިޝްކާގެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ. ޒިވިއަންގެ ދިރިއުޅުމާއި ގުޅިފައިވާ ބޮޑު ހަގީގަތެއް އެ ސިޓީއުރައިގެ ތެރޭގައި ވާއިރު، އެ ހަގީގަތުގެ ސަބަބުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟

"ޒެކްއަށް މިކަން އެނގޭތަ؟..." ވިޝްކާ ސުވާލުކުރިއެވެ.

"ވިޝްކޮ މޮޔަތަ؟..." ވިޝްކާގެ ބޮލުގެ ފުއްކިބައިގައި ޖަހަމުން އިދާން ބުންޏެވެ. "ފުރުސަތުގެ ބޭނުން ހިފާށޭ މިބުނީ ކީއްވެކަން ނުވިސްނޭތަ؟..."

"ދޮންބެގެ ހިތުގަ އެއްވެސް ރަހުމެއް ނެތީތަ؟..." ވިޝްކާގެ ދެލޯ ފެންކަޅިވިއެވެ.

"ތިހާ މާތްވެގެން އެއްވެސް ކަމެއް ނުވާނެ... އޯކޭ... ވިޝްކޮގެ ގޮތުގަ ވިޝްކޮ ހުރޭ... ދެން އަހަރެން ނުބަލާނަން އެކަކަށްވެސް... އަހަންނަށް ފެންނަ ގޮތަކަށް އަހަރެން ކަންކުރާނީ..." އިދާން ރުޅިއައިސްގެން އެތަނުން ދިޔައެވެ.

*********

"އެއީ އަހަރެންގެ ދަރިއެއް ނޫނޭ ބުނެފީމެއްނު..." ފޯނު ކަންފަތުގައި ޖަހައިގެން ހުރި މެދު އުމުރުގެ ފިރިހެން މީހާ ވާހަކަ ދެއްކިއިރު އަޑުގައިވަނީ ހިތްހަމަނުޖެހުމުގެ އަސަރެވެ. "އަހަރެންގެ ހުންނާނީ އެންމެ ދަރިއެއް..."

ކޮޓަރިތެރޭގައިވާ ފަނޑު އަލިކަމުގައި އެމީހާއަށް އެނދާއި ހަމައަށް ދެވުނީ ތަންތަނުގައި އަތް ޖައްސަމުންނެވެ. ހިނގުމުގައި އައިބު ގޮތެއް ހުރި ނަމަވެސް، އެމީހާގެ ހަށިގަނޑުގެ ރޫފަ ރަނގަޅެވެ.

"ތިބުނާ މީހަކު ކީއްކުރަން އަހަންނާ ބައްދަލުކުރަން ބޭނުންވަނީ؟..." އެނދުގައި އިށީންނަމުން އޭނާ ސުވާލުކުރިއެވެ.

ފޯނުގެ އަނެއްކޮޅުން ދެއްކި ވާހަކަ ކަނުލައި އަޑުއަހަން އޭނާ އިނެވެ.

"އެންމެ ރަނގަޅު... މާދަމާގެ ގަޑިއެއް ހަމަޖައްސާފަ އަހަންނަށް އަންގާ... އާނ... އަހަރެން ބުނި ތަސްވީރުތައް ލަސްނުކޮށް ފޮނުވާލާތި..." އެމީހާ ފޯނު ކަނޑައިލިއެވެ.

ބޮކި ދިއްލައިލުމާއިއެކު މުޅި ކޮޓަރި އަލިވެގެން ދިޔައެވެ. ފާރުގައި ހަރުކޮށްފައިވާ ޒިވިއަންގެ ތަސްވީރަށް އޭނާ ބަލައިލިއެވެ. އޭގެ ފަހުގައި އެނދުގެކޮޅުގައި ބަހައްޓާފައިވާ ކުޑަ ފޮޓޯލޯގަނޑު ނެގިއެވެ. ތުއްތު ފިރިހެން ކުއްޖަކު އުރާލައިގެން އަންހެނަކު ހިނިތުންވެލައިގެން ހުރިއިރު، އޭނާގެ ބޮޑު ބަނޑުގައި އަތް ޖައްސާލައިގެން ކައިރީގައި ފިރިހެނަކު ހުއްޓެވެ. އެއީ ތަސްވީރު ހިފަހައްޓައިގެން އިން މީހާއެވެ.

********

ފަތިހު ފަތިހާ އެންމެން ތައްޔާރުވެގެން ކޮޓަރިން ނުކުންނަން ފެށިއެވެ. އައިޒަކަށް ހޭލެވުނީ، ބޭރުގައި މާ އަޑުގަދަވެގެންނެވެ. ހާސްވެގެން ތެދުވަން އުޅުނު ވަގުތު، އޭނާގެ އަތްމަތީގައި އަރާމުކޮށް ނިދާލާފައި އޮތް އިރަމް ފެނުމުން، އޭނާ ހަމަޖެހުނެވެ. ތެދުވާހިތް ކެނޑުނެވެ. އެތައް އިރަކު އެގޮތަށް އިރަމްގެ ކައިރީގައި އޮންނަން ޖެހުނަސް އޭނާ ފޫހިނުވާނެއެވެ.

"އައި ލަވް ޔޫ..." ހިތާއިހިތުން އައިޒަކް ބުނެލިއެވެ.

އައިޒަކްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ރޭގެ އުފާވެރި ވަގުތުކޮޅުގެ މަތިން ހަނދާންވުމުން އޭނާ ނުހަނު ލޯބިން އިރަމްގެ ބޮލުގައި ފިރުމައިލިއެވެ.

އިރަމްއަށް ހޭލެވުނީ ސިއްސައިގެން ގޮސްފައެވެ. އޭރު ބޭރުން އޭނާއަށް ގޮވާ އަޑު އިވިއިވި ހުއްޓެވެ. އިރަމް ހާސްވެގެން ހަދައިލެވުނު ގޮތަކުން އައިޒަކް ކޮއްޕައިލެވުނެވެ. އޭނާ ދުވެފައި ގޮސް ދޮރުފޮތިގަނޑުން ބޭރު ބަލައިލިއެވެ. ޝާއިރާ ހުއްޓާނުލައި އިރަމްގެ ކޮޓަރި ދޮރުގައި ޓަކި ޖަހާފައި ގޮވަނީއެވެ. ގިނަ މީހުން ތިބީ ތައްޔާރުވެގެން ބޭރަށް ނުކުމެއެވެ.

"ޝިޓް ޝިޓް..." އިރަމް ފަސްއެނބުރި އައިޒަކާއި ދިމާއަށް ބަލައިލިއެވެ.

އުނަގަނޑުގައި އަތް އަޅައިގެން އައިޒަކް ހުރީ ކޮޅަށް ތެދުވެއެވެ. އިރަމް ކޮއްޕައިލި ވަގުތު އައިޒަކް އެނދުން ވެއްޓުނީއެވެ. ހާސްވެފައި ހުރިވަރުން އިރަމްއަށް އެއިން ކަމެއް ރޭކާވެސް ނުލައެވެ.

"ދެން ކިހިނެއް ހަދާނީ؟..." އައިޒަކްގެ އަތުގައި ހިފައިލަމުން އިރަމް ބުންޏެވެ.

އެތައް އިރަކު ވިސްނުމަށްފަހު، އައިޒަކް ނިންމީ ދަތުރު ފަސްކޮށްލުމަށެވެ. ލާންޗްގެ ކެޕްޓަނާއި ގުޅައިގެން ދެގަޑިއިރަށް ދަތުރު ލަސްކުރުމަށް އޭނާ އެދުނެވެ.

"އަހަރެން ހުއްޓާ، އަހަރެންގެ ވައިފް އެހާ އަވަހަށް ހާސްވަނީ ކީއްވެ؟..." އަމިއްލަ ނަފުސާއިމެދު ފަހުރުވެރިވާ ފަދައިން އައިޒަކް ބުނެލިއެވެ.

އިރަމްއަށް ހެވުނެވެ. އެހާލަތުގައިވެސް އައިޒަކް ފަހުރުވެރިވެލާފައި ވާހަކަ ދެއްކިގޮތުން އޭނާއަށް މަޖާވިއެވެ.

"މިހާރު ހެޕީ؟..." އިރަމް ގެންގޮސް މޭގައި ފޮރުވައިލަމުން އައިޒަކް ބުންޏެވެ.

އިރަމް ބޯ ޖަހައިލިއެވެ.

"އެހާ ބޮޑުކަމެއް ކުރީމަވެސް އެއްވެސް ވާހަކައެއް ނުބުނާނަންތަ؟..." އިރަމް ކުޑަކޮށް ދުރުކޮށްލަމުން އައިޒަކް ސުވާލުކުރިއެވެ.

"ކޮން ވާހަކައެއް؟..." އައިޒަކް ބުނީ ކީކޭ ކަން އެނގުނު ނަމަވެސް، އިރަމް އެނގޭކަމަކަށް ނުހެދިއެވެ.

"އެންމެ ލޯބިވީމަ ބުނާ ވާހަކަ..." އައިޒަކް ތިލަކޮށްލިއެވެ.

"ލަވް ޔޫ..." ދޮރާއި ހަމައަށް ގޮސްފައި، ފަސްއެނބުރުމެއްނެތި އިރަމް ބުންޏެވެ.

"އަޑެއް ނީވެ... އަދި..." އައިޒަކްގެ ޖުމްލަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ.

އިރަމް ހެމުން ކޮޓަރިން ނުކުތެވެ. ދެފައިގެ ކޮޅު ޖައްސަމުން އިރަމް އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އިރަމްއަށް އަޅައިލެވުނީ ދެތިން ފިޔަވަޅެކެވެ. ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.

"ޒިވިއަން..." ޒިވިއަން ފެނުމުން އިރަމްއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. "ސިއްސައިގެންނޭ އެދިޔައީ..."

"ތިހާލުގަ އުޅެނީ ކީއްކުރަން؟... އަދިވެސް ނުވޭތަ އެންމެންނަށް އަންގާކަށް؟..." ޒިވިއަން މަޖާ ރާގަކަށް ބުނެލިއެވެ.

"ކީއްކުރަނީ ނުނިދާ؟..." އިރަމް ކުރީ އެހެން ސުވާލެކެވެ. "ރޭގަ ނުނިދަންދޯ؟..."

އިރަމް ހާސްވެގެން ޒިވިއަންގެ ހަށިގަނޑަށް ނަޒަރު ހިންގައިލިގޮތުން ޒިވިއަން އުފާވިއެވެ.

"އަދިވެސް ހެނީތަ؟..." ޒިވިއަންގެ އަތުގައި މަޑުމަޑުން ޖަހަމުން އިރަމް ބުނެލިއެވެ.

"އިތުރަށް އަހަރެން ބަލިކޮށްލަންތަ ތި ޖަހަނީ؟..." އިރަމް ޖެހި ތަނުގައި ފިރުމައިލަމުން، ޒިވިއަން ލާނެތް ރާގަކަށް އަހައިލިއެވެ.

"ތަދުވިތަ؟..." އިރަމް ހާސްވިއެވެ.

"އިރަމް ބުނީ ރަނގަޅަށް... އަހަންނަށް ހަމަޖެހުމެއް ލިބޭނީ ބޭބެއަށް މިކަން އަންގައިގެން... އަހަރެން ނިންމައިފިން މާލެ ގޮސް ބޭބެއަށް ހުރިހާ ކަމެއް ޝެއާކުރަން..." ޒިވިއަން ބުންޏެވެ.

"ކޮންކަމެއް ޝެއަރކުރަން؟..." އައިޒަކްގެ އަޑު އިވުމުން އިރަމް އާއި ޒިވިއަންވެސް ސިހުނެވެ.

އިރަމް ފަހަތަށް ޖެހެމުން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޒިވިއަންއަށާއި އައިޒަކަށް ފުރުސަތު ދެމުންނެވެ. ކޮޓަރީގެ ކުޑަދޮރުން ދެމީހުންގެ ހަރަކާތްތަކަށް ބަލަން އޭނާ ހުއްޓެވެ.

"ބްރަދަރ..." ޒިވިއަން ގޮވައިލީ އުނދަގުލުންނެވެ.

އެހާ ކުއްލިގޮތަކަށް ހަގީގަތް ހާމަކުރުމުގެ ވަގުތު ޖެހުމުން، ޒިވިއަންއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި، އައިޒަކް ކުއްލިއަކަށް ޒިވިއަންގެ ގައިގައި ބައްދައިލިއެވެ.

(ނުނިމޭ)