09 Apr 2022, 13:07
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާޤިރުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާބިތު ނުވި މައްސަލައިގެ އިސްތިއުނާފް މާދަމާ ފަށަން ހައިކޯޓުން ނިންމައިފިއެވެ.
ޑރ. ޒިޔާދުގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް އޭސީސީގެ ތަހުގީގަކުން ހާމަވުމުންނެވެ.
މި މައްސަލައިގައި ޑރ. ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއަކަށް އޭރު ހުރި، މ. މުހައްމަދީއާބާދު، އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށްވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލި ނަމަވެސް ދެ ބޭފުޅުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން މީގެކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނީ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހިމް ޢަބްދުﷲ ސަޢީދު ޕްރޮޕޯސަލްތަކާ ގުޅޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި އެސްޖޭ ކޮންސްޓްރަކްޝަނަށް އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށްފައިވަނީ އެކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށްކަމަށް ތަހުގީގަށް ސާބިތުވާ ކަމަށެވެ.
އިބްރާހީމް ޢަބްދުﷲ ސަޢީދާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު މަސްލަހަތު ފުށުއަރާފަދަ ގުޅުން އޮންނަކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށްވެސް އޭސީސީއިން ބުނެފައިވެއެވެ.
އެ މައްސަލަ ސާބިތުނުވާކަމަށް ބުނެ ކުރި ހުކުމުގައި ވަނީ, ފަންގިފިލާގެ އަދަދު ނުބައިކޮށް އެއްބަސްވުމުގައި އޮތްކަން ފާހަގަވި ހިސާބުން އެކަން އިސްލާހު ކުރުމަށް އޭރުގެ އިސްލާމިކް މިނިސްޓްރީން މަސައްކަތްކޮށްފައިވާކަން ދެ ހެކިވެރިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އަދި އެއީ ގަސްތުގައި ކުރި ކަމެއް ކަން ސާބިތުކުރެވޭ ވަރުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.