09 Apr 2022, 12:25
މި އަހަރު ޙައްޖުވުމަށް އެއް މިލިއަން ޙައްޖާޖީންނަށް ފުރުސަތު ދިނުމަށް ސަޢޫދީ ޢަރަބިއްޔާގެ އިދާރާތަކުން ނިންމައިފިއެވެ.
އެ ގައުމުގެ ޙައްޖު، ޢުމްރާއާ ބެހޭ ވުޒާރާއިން މިއަދު ބުނީ މި ހިނގާ 1443ވަނަ އަހަރުގެ ޙައްޖުގައި ސަޢޫދީއާއި، ސަޢޫދީން ބޭރުން ޖުމްލަ އެއް މިލިއަން ޙައްޖާޖީން ބައިވެރިކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކޮވިޑުން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން މި އަހަރު ޙައްޖު ވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 65 އަހަރުން ދަށުގެ މީހުންނަށެވެ.
މީގެ އިތުރުން، 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ސަޢޫދީއަށް ފުރުމުގެ ކުރިން ހުރިހާ ހައްޖާޖީން ހޯދަން ޖެހޭނެއެވެ.
ކޮވިޑުގެ ހާލަތާ ހެދި ފާއިތުވި ދެ އަހަރުވެސް ޙައްޖުވުމުގެ ފުރުސަތުދެވިފައިވަނީ މަދު ބަޔަކަށެވެ. ސަޢުދީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޙައްޖުގައި ބައިވެރިވީ 58,745 ޙައްޖާޖީންނެވެ.
އޭގެ ކުރިން އައި އަހަރުތަކުގެ ޙައްޖުގައި ދެ މިލިއަނަށް ވުރެ ގިނަ މީހުން އާންމުކޮށް ދިޔައީ ބައިވެރިވަމުންނެވެ.