09 Apr 2022, 11:07
ރޯދައަށް ހުރެ ލޮލަށް އެއްޗެއް އެޅުމުން ރޯދަ ގެއްލުމާމެދު ފިޤުހުވެރީންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ. ޙަނަފީންނާއި، ޝާފިޢީން ދެކެވަޑައިގަންނަވާ ގޮތުގައި ރޯދައަށް ހުރެ ލޮލަށް އެއްޗެއް އެޅުމަކުން (އަނދުން އެޅުންފަދަ ކަމެއް ކުރުމަކުން) ރޯދައެއް ނުގެއްލޭނެއެވެ. އެހެނީ ލޮލާ މަޢިދާއާ ގުޅުވައިދޭ މަގެއް އެދެމެދަކު ނުވެއެވެ. އެހެންނަމަވެސް މާލިކީންނާއި، ޙަންބަލީން ދެކެވަޑައިގަންނަވާ ގޮތުގައި ލޮލާ މަޢިދާއާ ގުޅުވައިދޭ މަގެއް އެދެމެދުގައި ވެއެވެ. އެހެންކަމުން ލޮލުގައި އަނދުން އެޅުންފަދަ ކަމެއް ކުރުމުން އޭގެ ރަހަ އަރުތެރޭގައި ލައިފިނަމަ އޭނާގެ ރޯދަ ގެއްލޭނެއެވެ. މި މައްސަލައިގައި އިހުގެ ފިޤުހުވެރީން ޚިލާފުވެފައިވަނީ ލޮލުގައި، އަނދުން އެޅުމުން ރޯދަ ގެއްލުމާމެދުގައެވެ. މިޒަމާނުގައި ބޭނުންކުރާ ޒާތުގެ ބޭސް އެޅުމުން ރޯދަ ގެއްލުމާމެދު އޭރު ވާހަކަ ދައްކާފައެއް ނުވެއެވެ.
ލޮލަށް ބޭސްއެޅުމުން ރޯދަ ގެއްލުމާމެދު މިޒަމާނުގެ ޢިލްމުވެރިންގެ ރައުޔު
ފުރަތަމަ ރައުޔު:
ގިނަ ޢިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތުގައި ރޯދައަށް ހުރެ ލޮލަށް ބޭސް އެޅުމަކުން ރޯދައެއް ނުގެއްލޭނެއެވެ. މިގޮތަށް ވިދާޅުވާ ބޭފުޅުންގެ ތެރޭގައި؛ ابن باز، ابن عثيمين، وهبة الزحيلي، عجيل جاسم النشمي، علي السالوس، حسان شمسي باشا، أحمد رجائي الجندي، قرضاوي ހިމެނެއެވެ. އަދި مجمع الفقهي ގެ ޤަރާރަކީވެސް މިއެވެ.
މިރައުޔުގެ ބޭފުޅުން ވިދާޅުވާގޮތުގައި؛ ލޮލަށް އަޅާ ބޭހުގެ ތެރެއިން މިންވަރެއް މަޢިދާގެ ތެރެއަށް ދިޔަކަމުގައިވިޔަސް އެއީ ވަރަށް މަދު މިންވަރެކެވެ. އެކަންވަނީ ޢަފޫވެގެންނެވެ. އެއީ ރޯދައަށް ހުރެ ވުޟޫކުރުމުގައި މަޟުމަޟާ (gargling) ކުރުމަށް ޤިޔާސް ކުރެވޭނެ ކަމެކެވެ. އަދި ލޮލަކީ ހަށިގަނޑުގެތެރެއަށް ކާތަކެތި އެތެރެވުމަށް ޠަބީޢީގޮތުން ހުޅުވިފައިވާ ދޮރެއްވެސްނޫނެވެ.
ދެވަނަ ރައުޔު:
ރޯދައަށް ހުރެ ލޮލަށް ބޭސް އެޅުމުން ރޯދަ ގެއްލޭނެއެވެ. މިއީ محمد المختار السلامي ، محمد الألفي ގެ ރައުޔެވެ. މިބޭފުޅުން ވިދާޅުވާ ގޮތުގައި ރޯދައަށް ހުރެ އަނދުންނޭޅުމަށް އައިސްފައިވާ ހަދީސަށް މިކަން ޤިޔާސް ކުރެވޭނެއެވެ. އަދި ހަމަ މިއާއެކު ޑޮކްޓަރުން ސާބިތުކޮށްދޭ ގޮތުގައި ލޮލާ ނޭފަތާ އަނގަޔާ ގުޅުވައިދޭ މަގެއްވެއެވެ.
އެންމެ ރަނގަޅުކަމަށް ފެންނަ ރައުޔު:
އިސްވެ ދިޔަ ދެރައުޔުގެތެރެއިން އެންމެ ރަނގަޅުކަމަށް ފެންނަނީ ރޯދައަށް ހުރެ ލޮލަށް ބޭސް އެޅިޔަސް ރޯދަ ނުގެއްލޭނެކަމަށް ބުނާ، ޖުމްހޫރުންގެ ރައުޔެވެ.
ރޯދައަށް ހުރެ ނޭފަތަށް ބޭސްއެޅުން
ރޯދައަށް ހުރިމީހާ ނޭފަތަށް ބޭސް އެޅުމުން ރޯދަ ގެއްލުމާމެދު ޢިލްމުވެރީންގެ ދެރައުޔެއް ވެއެވެ.
ފުރަތަމަ ރައުޔު:
ރޯދައަށް ހުރި މީހާ ނޭފަތަށް ބޭސްއެޅުމަކުން އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ. މިއީ هيثم الخياط ، عجيل جاسم النشمي ގެ ރައުޔެވެ. މިބޭފުޅުން ވިދާޅުވާ ގޮތުގައި ނޭފަތަށް އަޅާ ބޭހުން މަޢިދާގެ ތެރެއަށް މިންވަރެއް ދިޔަސް އެއީ ވަރަށް ކުޑަ މިންވަރެކެވެ. މިއީ ރޯދައަށް ހުރެ މަޟުމަޟާ (gargling) ކުރުމާއި އިސްތިންޝާޤު ކުރުމަށް ޤިޔާސް ކުރެވޭނެ ކަމެކެވެ. އަދި ނޭފަތަށް ބޭސްއެޅުމަކީ ބަހުގެ ގޮތުންނާއި ޢުރުފުގައިވެސް ކެއުމާއި ބުއިމުގެ މާނައިގައި ހިމެނޭ ކަމެއްވެސްނޫނެވެ.
ދެވަނަ ރައުޔު:
ރޯދައަށް ހުރިމީހާ ނޭފަތަށް ބޭސްއެޅުމުން ރޯދަ ގެއްލޭނެއެވެ. މިއީ ابن باز، ابن عثيمين، محمد المختار السلامي، محمد الألفي، علي جمعة، محمد عقلة، محمد البار ގެ ރައުޔެވެ. މިބޭފުޅުން ވިދާޅުވާ ގޮތުގައި ލަޤީޠު ބިން ޞަބްރާގެ ހަދީސަށް [އެބަހީ: بَالَغَ فِي الإِسْتِنْشَاقِ إِلاَّ أَنْ يَكُوْنَ صَائِما މާނައީ: "ރޯދައަށް ހުންނައިރުމެނުވީ، (ވުޟޫކުރާއިރު) ވީހާވެސް ބޮޑަށް އިސްތިންޝާޤު ކުރާހުށިކަމެވެ.] ބަލާއިރު ރޯދައަށް ހުރެ ނޭފަތަށް ބޭސްއެޅުން ހުއްދަނުވާނެކަން އެނގެއެވެ. އެއީ ނޭފަތުގެ މަގުން މަޢިދާގެ ތެރެއަށް އެއިން މިންވަރެއް ހިނގައިދާނެކަމަށްޓަކައެވެ. އެހެންނަމަވެސް ނޭފަތަށް އަޅާ ބޭހުން އެއްވެސް މިންވަރެއް މަޢިދާގެތެރެއަށް ނުދާނަމަ ރޯދައެއް ނުގެއްލޭނެއެވެ. [އިސްތިންޝާޤު ކުރުމަކީ ނޭފަތަށް ފެން ލައި އެތެރެއަށް ދަމާލުމަށްފަހު ބޭރަށް ފޮޅައިލައި ނޭފަތުގެ އެތެރެ ދޮވެލުމެވެ.]
އެންމެ ރަނގަޅުކަމަށް ފެންނަ ރައުޔު:
ރޯދައަށް ހުރެ ނޭފަތަށް ބޭސްއެޅުމުން ރޯދަ ގެއްލުމާމެދު ދެފަރާތުން ގެނެސްފައިވާ ވާހަކަތަކަށް ބަލާއިރު އެންމެ ރަނގަޅުކަމަށް ފެންނަނީ ރޯދައަށް ހުރެ ނޭފަތަށް ބޭސް އެޅިޔަސް ރޯދަ ނުގެއްލޭނެކަމަށް ބުނާ ރައުޔެވެ.