19 Mar 2012, 00:01
އައްޑޫ ސިޓީގެ ލިންކްރޯޑުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ މިރޭ 10:00 ޖަހާ އެހާކަން ހާއިރު ހިނގި އެ އެކްސިޑެންޓް ހިނގީ ފޭދޫ ބަދަރާއި ދިމާލުން ލިންކް ރޯޑުން ދެ ކޮޅަށް ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ.
އެކްސިޑެންޓުގައި ސައިކަލު ދުއްވަންތިބި ދެ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާވެފަ އެވެ.
އެގޮތުން ގަމުން ހިތަދޫއާއި ވީކޮޅަށް ދިޔަ ސައިކަލު ދުއްވި ބަގްލަދޭޝްގެ މީހާގެ ވާތްފަރާތު ލޯމަތި ފަޅައިގެން ގޮސް ކަނާތް މަށައިގެން ގޮސް، ވައަތު މުލަށްދަނޑިން ބިންދައިގެން ގޮސްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ވިދާޅުވީ ހިތަދޫން ގަމާއި ވީކޮޅަށް ސައިކަލު ދުއްވި މަރަދޫ ފޭދޫ، ކަލަރުމާގޭ، ހަސަން ޒިޔާދު،37 ގެ ވާތް ފަރާތު ލޯމަތި ފަޅައިގެން ގޮސް އުނަގަނޑުގެ ކަނާތްފަރާތުން ހަންމަށައިގެން ގޮސްފައިވާ ކަމަށެވެ.
ޒިޔާދު ދުއްވި ސައިކަލުވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް މަންޒަރުދުށްމީހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެ މީހުންނަށް ފޭދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު ހިތަދޫ ހޮސްޕިޓަލަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތިދުވަހު ހިތަދޫ ކުނިކޮށި ކައިރީގައި ހިނގި އެކްސިޑެންޓުގައި 54 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފަ އެވެ. މިދިޔަ ހުކުރުދުވަހު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓުގައި ކުޑަ ކުއްޖެއްގެ ބޮލަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.