08 Apr 2022, 21:38
މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ފޯރަމްގައި ބައިވެރިވެގެން އަގުހުރި އިނާމްތަކެއް ހޯދަމުގެ ފުރުސަތު އޮތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ރޭ ބޭއްވި އިޙްޔާ ކުރުމުގެ ޖަލްސާ ފައްޓަވައިދެއްވަމުން މިނިސްޓާ އޮފް އޮސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މާލެއާއި އަތޮޅުތަކުގައި އިޙްޔާ ފޯރަމްތައް ކުރިއަށްދާއިރު ކޮންމެ ރެއަކު، ގުރުއަތުން ހޮވޭ ބަޔަކަށް އިނާމު ދޭނެކަމަށެވެ.
އެހެންކަމުން އިޙްޔާ ފޯރަމްތަކުގައި އެ ރެއަކު ދޫކުރާ ނަންބަރުކޮޅުތައް ފޮރުވައިފައި ބޭއްވުން ވަރަށް މުހިންމު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ގުރުއަތުގައި މާލޭގެ އިތުރުން އަތޮޅުތަކުގެ ނަންބަރުތައް ބައިވެރިކުރާނީ ވަކި ވަކީންކަން ފާހަގަކޮށް، މިނިސްޓަރު އިތުރަށް ވިދާޅުވީ ވަކި ވަކީން އެއްވަނަ، ދެވަނަ އަދި ތިން ވަނަ ހޮވައި، އަގުހުރި އިނާމުތަކެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފައިސާގެ އިނާމުގެ އިތުރުން މިނިސްޓްރީން ދޭ އިނާމު ވެސް ހިމެނެއެވެ.
ކޮންމެ ރެއެއްގެ ފޯރަމަށްފަހު ގުރުއަތު ނަގައި، އިނާމު އެ ރޭ ހަވާލުކުރާނެއެވެ.
ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ މާލޭގައި އިޙްޔާ ފޯރަމް ކުރިއަށް ދާނެއެވެ. އެ ފޯރަމް އޮންނާނީ ރޭގަނޑު 9:30 އިން 10:30އަށް، އިސްލާމީ މަރުކަޒުގައެވެ.
ހުކުރު ދުވަހުގެ ރޭގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި އަތޮޅުތަކުގައެވެ. އެގޮތުން އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ކުޅުދުއްފުށީގައި ކުރިއަށްދާއިރު، އޭޕްރީލް 15ވާ ހުކުރު ދުވަހު އައްޑޫ ސިޓީގައި، އޭޕްރީލް 22 ވަނަ ދުވަހު ފުވައްމުލަކު ސިޓީގައި، އަދި އޭޕްރީލް 29 ވަނަ ދުވަހު ރ. އުނގޫފާރުގައި އެ ފޯރަމް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.
ދީނީ ގޮތުން މީހުން ހޭލުންތެރި ކުރުމަށް ޓަކައި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ޕްރޮގްރާމުތައް ފެށީ ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައެވެ. އެ ޕްރޮގްރާމްތައް ބާއްވަން ފެށީ 1980 ވަނަ އަހަރުގެ ރޯދަ މަހުއެވެ.