08 Apr 2022, 21:34
އެލައިޑް އިންޝުއަރަންސް ކުންފުންޏާއި އެ ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް ގުޅިގެން ރަމަޟާން މޮޓޯ ކެމްޕެއިނެއް ފަށައިފިއެވެ.
މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ "އެލައިޑް މޮޓޯ ކެމްޕެއިން"ގެ ތެރެއިން މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް ވަރަށް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެލައިޑުން ބުންޏެވެ.
އެލައިޑުން ބުނީ މި ކެމްޕެއިންގެ ތެރެއިން ގަންނަ ކޮންމެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭނަކާއެކު، ގޭތެރޭގައި ހުންނަ ސާމާނު ރައްކާތެރިކުރެވޭ ހޯމް ކޮންޓެންޓް ޕްލޭންގެ ވައުޗަރެއް މުޅިން ހިލޭ ލިބޭނެ ކަމަށެވެ.
މި ޕްލޭންގެ ތެރެއިން 150،000 ރުފިޔާގެ ސާމާނަށް ކަވަރޭޖް ލިބޭއިރު،އޮންލައިންކޮށްވެސް މި ޕްލޭން ރެޑީމްކޮށް، އެހެން މީހުންނަށް ހަދިޔާ ކޮށްލެވޭނެއެވެ.
އެލައިޑުގެ ރަމަޟާން މޮޓޯ ކެމްޕެއިން ފަށައިފައިވަނީ 20 ޕަސެންޓާއި 25 ޕަސެންޓާ ދެމެދުގެ ބޮޑެތި ޑިސްކައުންޓް އަގުތަކަކާއެކުގައެވެ. އަދި ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސްއިން ސައިކަލު ރައްކާތެރިކުރުމުގެ އަގު އެވްރެޖްކޮށް 695 ރުފިޔާއާ ހަމައަށް ތިރިކޮށްފައިވާއިރު، ކާރު، ޖީޕް ފަދަ އުޅަނދު ރައްކާތެރިކުރުމަށް ހޭދަވަނީ އެންމެ 2,875 ރުފިޔާގެ ރޭންޖުގެ އަދަދެއް ކަމަށް އެލައިޑުން ބުނެއެވެ.
ވެހިކަލަށް ފުރިހަމަ ރައްކާތެރިކަން ލިބޭގޮތަށް ފަރުމާކޮށްފައިވާ ކޮމްޕްރިހެންސިވް މޮޓޯ ޕްލޭނުން ރައްކާތެރިކަން ލިބޭ އާންމު ހާލަތްތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުންނާއި ފެންބޮޑުވުމުން ލިބޭ ގެއްލުންތަކާއި، މީހުން ގަސްދުގައި ދޭ ގެއްލުމުގެ އިތުރުން މަތިން އެއްޗެއް ވެއްޓިގެން އުޅަނދަށް ލިބޭ ގެއްލުންތަކާއި އެހެނިހެން ހާލަތްތައް ވެސް ހިމެނެއެވެ.
ކާރުބާރު ބޮޑު މާލޭގެ މަގުތަކުގައި ދުއްވާއިރު ވެހިކަލަށް ފުލް ކަވަރޭޖެއް އޮތުމަކީ މުހިންމު ކަމެއް ކަން ފާހަގަކޮށް އެލައިޑުން ބުނީ ސަރުކާރުން ލާޒިމްކުރާ ތާޑް ޕާޓީ މޮޓޯ ޕްލޭންސްއަކީ ހަމައެކަނި ތިންވަނަ ފަރާތާއި އެފަރާތުގެ ވެހިކަލަށް ލިބޭ ގެއްލުން ކަވަރުކުރާ ޕްލޭނެއް ނަމަވެސް ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސްއަކީ ވެހިކަލްގެ ވެރިފަރާތަށާއި އޭނާގެ އަމިއްލަ އުޅަނދަށް ލިބޭ ގެއްލުންތަކަށްވެސް ރައްކާތެރިކަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެއް ކަމަށެވެ.
އެހެންކަމުން އެލައިޑުގެ ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސްގެ ފައިދާ ދެގުނަ ބޮޑުވާނެއެވެ. އަމިއްލަ ޖީބުން ހޭދަކޮށްގެން ނަގާ ޕްލޭންސްއިން އަމިއްލަ ވެހިކަލަށް ލިބޭ ގެއްލުންތަކަށް ރައްކާތެރިކަން ނުލިބޭ ވާހަކައަށް ކޮމްޕްރިހެންސިވް މޮޓޯއަކީ ދާއިމީ ހައްލެކެވެ.
އެލައިޑުން ބުނީ އެ ކުންފުނީގެ އަމާޒަކީ ރަމަޟާން ކެމްޕެއިންގެ ތެރެއިން ކުންފުނިން ފޯރުކޮށްދޭ އާންމުންނަށް ބޭނުންތެރި ޚިދުމަތްތަކާއި ގުޅޭ ހޭލުންތެރިކަން އިތުރުކޮށް ހެޔޮއަގުގައި ހުރިހާ ފަރުދުންނަށްވެސް މި ޚިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
"އެގޮތުން ރައްކާތެރިކަމުގެ ޑަބަލް ލޭޔަރަކާއެކު ކުރިޔަށްގެންދާ މި ކެމްޕެއިނުގެ މަގުސަދަކީ މަގުމަތީގައި ވެސް އަދި ގޭތެރޭގައި ވެސް ދިވެހި އާއިލާތައް އެކުއެކީ ރައްކާތެރިކޮށް، ރަމަޟާން މަހުގެ އުފާ އަހަރަކަށް ދެމިގެންދާ ގޮތަށް ފޯރުކޮށްދިނުން،" އެލައިޑުން ބުންޏެވެ.