ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ ނަމުގައި ޓުވިޓާގައި ހުޅުވާފައިވާ އެކައުންޓް އެ ނެޓްވޯކުން ވެރިފައިކޮށްފި އެވެ.

"ޑޮކްޓަވަހީދުއެޗް"ގެ ނަމުގައި ހުޅުވާފައިވާ އެ އެކައުންޓަށް ޓުވިޓާއިން ވަނީ ހެޔޮފާހަގަ ޖެހި ނޫކުލައިގެ ނިޝާނެއް ޖަހާފަ އެވެ. އެ އެކައުންޓްގެ ޕްރޮފައިލްގައި ވަހީދުގެ ބްލޮގަށް ލިންކް ދީފައިވެ އެވެ. އަދި އެއްބައިވަންތަކަން އުފެއްދުމަށް މަސައްކަތް ކުރާ ވާހަކަ ވެސް ލިޔުއްވާފައިވެ އެވެ.

ޓުވިޓާ ވެރިފައިޑް އެކައުންޓް އާންމު ގޮތެއްގައި ލިބެނީ މަޝްހޫރު ޝަހުސިއްޔަތުންނަށެވެ. ޓުވިޓާގެ ވެރިފައިޑް ގައިޑްލައިން ބުނާ ގޮތުން ޓުވިޓާއިން އެކައުންޓެއް ވެރިފައި ކުރަނީ އެ އެކައުންޓަކީ އެމީހެއްގެ އެކައުންޓްކަން ޔަގީންކޮށްދިނުމަށެވެ. އެ އެކައުންޓް ވެރިފައިކޮށް ރައީސް ބޭނުން ކުރައްވަން ފައްޓަވާފައި ވަނީ ރެއިން ފެށިގެންނެވެ.

އެކައުންޓް ވެރިފައި ކުރުމާއެކު ޓުވިޓާއާ ތިން މަހެއްހާ ދުރުގައި ހުންނެވި ރައީސް ވަނީ އެންމެ ފުރަތަމަވެސް ޓުވިޓާގެ މެނޭޖްމަންޓަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެމަނިކުފާނު ނިދި ކުރައްވާ ގަޑީގެ ވާހަކަ ވެސް ލިޔުވާފައިވެ އެވެ. އަދި މިއަދު އެ މަނިކުފާނު ކޮމަންވެލްތުގެ ވަފްދާ ބައްދަލުކުރެއްވި ވާހަކަވެސް ޓްވީޓް ކުރައްވާފައި ވެއެވެ.

"ކޮމަންވެލްތާއި އެކު ރަނގަޅު ބައްދަލުވުމެއް ބޭއްވިއްޖެ،" ރައީސް ވިދާޅުވެފައިވެ އެވެ.
ޑރ. ވަހީދު ރާއްޖޭގެ ނައިބު ރައީސަށް ހުންނެވި ދުވަސްވަރު ވެސް ގަވާއިދުން ޓުވިޓާ ބޭނުން ކުރައްވަމުން ގެންދެވި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ ވެރިފައިޑް ޓުވިޓާ އެކައުންޓަކީ ރައީސް އަމިއްލަ ހައިސިއްޔަތުން ގެންގުޅުއްވާ އެކައުންޓެއް ކަމަށެވެ. އެއީ ސަރުކާރުގެ އޮފިޝަލް އެކައުންޓެއް ނޫން ކަމަށެވެ.

"އެއީ ރައީސް އަމިއްލަ ހައިސިއްޔަތުން ބޭނުން ކުރައްވާނީ. އެކަމަކު އެއީ ސަރުކާރާއި އޮފިޝަލީ ގުޅިފައިވާ އެކައުންޓެއް ނޫން،" އައްބާސް ވިދާޅުވި އެވެ.

ބައެއް މަޝްހޫރު މީހުންގެ ނަންނަމުގައި ޓުވިޓާ އެކައުންޓްތައް ހުޅުވައިގެން ބޭނުންކުރުން ވަނީ ފަހަކަށް އައިސް އާންމުވެފަ އެވެ. ރައީސް ވަހީދު ނޫނަސް ރާއްޖޭގެ ބައެއް މީހުންގެ ޓްވިޓާ އެކައުންޓް ވެރިފައި ކޮށްފައިވާ ކަމަށް ވެއެވެ.