11 Apr 2022, 10:10
"ޤުރުއާނަކީ ހިތުގެ ޝިފާއެވެ."
***
"އޯ....." ޚައިރާގެ ހިތް ތެޅިގަތްވަރުން އެ އަޑު ބޭރަށްވެސް އިވޭނެކަމުގައި އޭނަ ހީކުރިއެވެ. އޭނަ ކުޑަކޮށް ކެއްސާލާފައި ގޮސް އަވަހަށް އެ ދަބަސް ނަގާފައި ހާރިސްގެ އަތުތެރެއަށް ޖެހިއެވެ.އޭނަގެ ހިތް ތެޅެނީ މިމީހުން ދެކެ ގަންނަ ބިރެއްގެ ސަބަބުންނެވެ. އެހެން އެއްވެސް ކަމެއް ވެގެނެއްނޫނެވެ. މިއީ ރަހުމެއް ހަމްދަރުދީއެއް ނެތް އިންސާނުންކަމުގައި އޭނަގެ ހިތަށް ވިސްނިފައިވިއެވެ.
"ތެންކިއު..." ހާރިސް އޭނައާއި ދިމާލަށް ބަލާލުމެއްނެތި ދަބަސް ބުރަކަށީގައި އަޅުވައިގެން ހިނގައިގަތުމުން ޚައިރާގެ ހިތް ނުތަނަވަސްވިއެވެ. އެ ފިރިހެނާގެ އެއްޗެއް ވަގަށް ނެގިކަން އެނގުމުން ހަދާނެ ގޮތެއްވެސް ނޭގެއެވެ. މިއޮތީ އަނެއް ކަންތަކާއި ޖެހިފައެވެ.
***
"މިސިޒް ކެތްރީން. އިޓްސް އޯކޭ. މިއީ ހާޓް އެޓޭކެއްނޫން. ޔޫ އާ ފައިން...." އަސްލަން އެނދުކައިރީ ހުއްޓިލައިގެން ހުރެ މިސިޒް ކެތްރީން މަސަލަސްކުރަން މަސައްކަތްކުރިއެވެ. ކެތްރީންގެ ހިތާއި ސިކުނޑިއަށް މިހާ ބޮޑު އަސަރެއްކުރުވި ސަބަބަކީ އަސްލަންއާއި ކައިވެނި ކުރަން ސިއާރާ އެއްބަސް ނުވުމެވެ. އޭނަގެ އަންހެންދަރިފުޅަށް ލިބެން އުޅުނު ނިއުމަތުން މަހުރޫމްވީއެވެ. ހިތް ނުހުއްޓޭންވީ ކީއްވެހެއްޔެވެ؟ މިއީ އޭނަގެ ހަޔާތުގައި ވެވުނު ހަމައެކަނި ތެދުވެރި ލޯބިވެރިޔާއަށް ކުރެވުނު ވައުދެކެވެ.
"ތެންކިއު ސަން.." ކެތްރީންގެ ހުދުވެފައިވާ މޫނުން ކޮންމެވެސް ވަރެއްގެ އުޖާލާކަމެއް ފެނުނެވެ." ކަމެއް ކޮށްދީފާނަންތަ؟ ސިއާރާގެ ވިސްނުން ބަދަލުކުރަން ތި ކުއްޖާގެ ޗާމިންކަމުގެ ބޭނުންކޮށްބަލަ."
އަސްލަން ގެ ތުންފަތަށް ވެރިވީ ތަފާތު ހިނިތުންވުމެކެވެ."ކަންބޮޑުނުވޭ. ތިކަން ދާދިއަވަހަށް ވާނެ...."
ކެތްރީން އޮބްޒަވޭޝަނުގައި އޮތް ވަގުތު އަސްލަންގެ ފަރާތުން އަޅާލުމާއި އިހުތިރާމް ލިބުމުން ކެތްރީންގެ ހިތް ވަކިން ބޮޑަށް ފަތަހަކޮށްލައިފިއެވެ. ކެތްރީން ނުކުމެގެން ދިޔަ ވަގުތުގައި އެރިކްއަށް އަރާ ހަމަކުރެވުނީއެވެ. ބޮލަށް އެނބުރުން އަރާފައި ހުރުމުން ހަށިގަނޑު ސަމާލުވާން އެރިކްގެ އަތުގައިވެސް ހިފައިލެވުނެވެ. "ހޭއި އެރިކް......." އަސްލަންގެ އަޑު އިވުނެވެ.
"މަގޭ މައިދައިތަ ސަލާމަތްކޮށްދިނީތީ ޝުކުރު..." އަސްލަން ހީލިއެވެ.
"ވަޓް؟" އެރިކްއަކަށް އަސްލަންގެ ޖުމްލައިގެ މަގުސަދެއް ނުވިސްނުނެވެ.
"ދެންމެ އެރިކް އަތުގައި ހިފީ އަހަރެންގެ އަވަށްޓެރިޔާ މިސިޒް ކެތްރީން އަދި އޭނަގެ ދަރިފުޅާއި ކައިވެނިކުރަން މިއުޅެނީ......."
"އޯ........."
"ބައިދަވޭ. އަހަރެމެންގެ ގޭގައި އޮތް ކްރިސްމަސް ޑިނަރއަށް އަންނައްޗޭ އިނގޭ..." އަސްލަން ދައުވަތުދިނެވެ.
***
ހާރިސް ދަބަސް ހުޅުވާލީ މުސްހަފް އޭގައި އޮންނާނެކަމުގެ ޔަގީންކަމުގައެވެ. އެކަމަކު އެ މުސްހަފް ނެތުމުން އެ އަންހެންކުއްޖާ އެ ނެގީ ބާވައޭ ހިތަށް އެރިއެވެ. އެކަމަކު ކީއްވެހެއްޔެވެ؟ އެއީ އަރަބިބަހުންވާ މުސްހަފްއެކެވެ. އެ އިނގިރޭސި އަންހެންކުއްޖާއަށް އެންމެ އަކުރެއް ކިޔަން އެނގޭނީއެއްވެސް ނޫނެވެ. އެކުއްޖާގެ މަގުސަދު ނުވިސްނުނަސް އޭނަ ފެނުމުން އެކުއްޖާ ބިރުން އުޅޭކަން އެނގެއެވެ. އެހާ ބިރުގަންނަ މީހެއްގެ އެއްޗެއް ނެގުމުގެ މާނައެއް އޭނައަކަށް ނުވިސްނުނެވެ.
ކްރިސްމަސް ކުލަގަދަގޮތަކަށް ފާހަގަކުރެވުނު ރޭގައި ހާރިސް ބޭރަށް ނުނިކުމެ ލެޕްޓޮޕް ހިފައިގެން އޭނަގެ މަސައްކަތުގައި އިނެވެ. އޭނަ އޮންލައިން ކްލާހެއް ނަގައިދޭން ވެގެން އެކަމާއި އުޅެފައި ކޮޓަރިން ނުކުތީ ކޮފީއެއް ތައްޔާރުކޮށްލުމަށެވެ. އެރިކް މޭޒުމަތީގައި ބެހެއްޓި ކޮތަޅު ހުޅުވާލާފައި ތަފާތު ވައްތަރުގެ ކާ އެއްޗެހި ނެގިއެވެ.
"ބަނޑުހައިވޭތަ؟"
"ބަނޑުހައިކަން މަތީ ހުރުމުން މާ ހިތްހަމަޖެހޭ......"
"އެއީ ކީއްވެ؟" އެރިކް ކުޅުދިޔާވާފަދަ ގޮތަކަށް އޮތް ކޭކުގަނޑެއް ތަށްޓަކަށް ލާފައި ދިއްކޮށްލިއެވެ."ފޮނި އެއްޗެހި ކާ ހިތްވާ ކުއްޖަކު މި ރެޒިސްޓްކުރާނެ ގޮތެއް ބުނެބަލަ................."
"ކޮންތަނަކުން ތި އެއްޗެހި ގެނައީ؟"
"ދޮގުހަދާކަށް ނޫޅެން. ކްރިސްޓިއަން ފްރެންޑެއް ދައުވަތުދީގެން އެގެއަށް ދިޔުމުން ޕާރސަލެއްވެސް ދިނީ. ކެއުން އެހާވެސް މީރު. ޚާއްސަކޮށް ކޭކު މީރުކަމުން ރެސިޕީ ހޯދަންވެސް އުޅުނިން...." އެރިކް ހުރިހާ އެއްޗެއް މޭޒުމަތީ އަތުރާލިއިރު ހާރިސް ކޮފީ ތައްޔާރުކޮށްލައިފިއެވެ. އެރިކް އެދުނީ ކެއުމަށެވެ. އޭގެ ޖަވާބަކަށްވީ ހާރިސް ފަހަރަކު އެއްޗެއް ގެންގޮސް ޑަސްބިނަށް އުކައިލުމެވެ.
"ހާރިސް..."އެރިކްއަށް ހަޅޭއްލަވައިގަނެވުނެވެ."މޮޔަވީތަ؟ ތިމާ ނުކެޔަސް އުކާނުލާ ބަހައްޓާވަރުގެ މެނާރސްއެއްވެސް ނެތީތަ؟ސީރިޔަސްލީ އައިމް ޑިސަޕޮއިންޓެޑް އިން ޔޫ ހާރިސް..............."
"މިތާ ތައްޔާރުކުރާ ހުރިހާ އެއްޗަކަށް ޚާއްސަކޮށް ކޭކަށް ރާ އަޅާފައި ހުންނަކަން އަހަރެން ދަންނަމޭ. ހަރާމް ކާ އެއްޗެހި.." ހާރިސް އެއްޗެކޭ ބުނަން އުޅުނެވެ.
"ހަލާލް ކާ އެއްޗެހި އަމިއްލައަށް ކައިގެން ހުރެބަލަ މަގޭ ކަންތަކާ ނުބެހި. އަހަރެން ކާ އެއްޗެއްސާއި އުޅޭގޮތަކީ ނަން އޮފް ޔޯ ބިޒިނަސް. އެކަމަށް ކެތް ނުކުރެވެންޏާ މިގެއަށް ނުވަދޭ..." އެރިކް ބުމަ ގޮށްޖަހާލައިގެން ހުރެ ފިނި ނަޒަރަކުން ބެލިއެވެ. ހާރިސް ޖަވާބެއް ނުދީ ފޯނުން އެއްޗެއް ބަލަމުން ކޮފީ ބޮމުން ދިޔައީ ނިކަން ހަމަޖެހިލައިގެން އިނދެއެވެ. އެކަމުން އެރިކްގެ ރުޅި އިތުރަށް ގަދަވިއެވެ. ހާރިސްގެ މި މިޒާޖުގެ ސަބަބުން ހަގީގަތުގައިވެސް އޭނަ ކަންބޮޑުވެއެވެ.
"އަހަރެން އިސްތަށިގަނޑު އޮންނަ ގޮތް ހެދުން އަޅާގޮތް ކަމަކު ނުދޭ. ކާ އެއްޗެއްސާއި ބޯ އެއްޗެހި ހަރާމް. އެއްޗެއް ބަލައިފިއްޔާ އެ ހަރާމް. ހާރިސްއަށް އެނގޭތަ ތިއުޅެވޭގޮތް؟ ތިއަށް ކިޔަނީ ހައްދު ފަހަނަޅާ ދިޔުން. އަހަރެން އިސްލާމްދީނަށް ލޯބިކުރަން ދީނުގައިވާ ގޮތަށް އުޅެން. އެކަމަކު ހާރިސްމެން ތި އުޅޭގޮތާއި މަ ވެސް ދެކޮޅު...." އެރިކް އަދިވެސް ހުރީ ލޯ ހަނިކޮށްލައިގެންނެވެ.
"ހަމައެކަނި ޝަހާދަތް ކިޔާފައި ނިތް ތަޅައިލުމުން ދީނަށް ވަދެވުނީއެއްނޫން. މާތްﷲއަށް ތަގުވާވެރި ސޯލިހު އަޅަކަށް ވާކަށް ބޭނުމެއްނުވޭތަ؟ ޔޫ ޝުޑް ޖޮއިން މައި ކްލާސް. އަދިވެސް އެބަ ފޮނުވަން ލިންކް. އަހަރެން މިއަދު ޗެކްކޮށްލިން އެރިކް ކްލާހުގައި އިންތޯ........." ހާރިސްގެ ޖުމްލައިން އެރިކްއަށް ހީގަނެވުނެވެ.
"އަހަރެންގެ އާއިލާއަކީ މެދުމިނުގެ އާއިލާއެއް. ބައްޕަ ދަސްކޮށްދެއްވީ ނަމާދުކޮށް ރޯދަ ހިފަން. ޒަކާތްދެން. ސަދަގާތްކުރަން. އަދި ފަރުޟް ހައްޖުކުރަން ޕްލޭންގައި އެބައޮތް. އެކަމަކު އުމްރާއަށް އެ ހޯލީ ޕްލޭސްއަށް ދެވިއްޖެ. އިޓް ވޯޒް އެ ބިއުޓިފުލް އެކްސްޕީރިއެންސް. އައި ލަވް މައި ލޯޑް އެންޑް ޕްރޮފެޓް. ވަޓް މޯ ޑޫ ޔޫ ވޯންޓް ހާރިސް؟" އެރިކް ކުރު ފަންއިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. ހަގީގަތުގައިވެސް ހާރިސްގެ އުޅުމާއިމެދު ފިކުރުބޮޑުވެގެންގޮސް އޭނަގެ ސިކުނޑިއަށް ބާރު ބޮޑުވާން ފަށައިފިއެވެ.
"ވަރަށް އާދައިގެ ކަމަކަށް އެދެނީ. ކްލާސްތަކަށް ޖޮއިން ކުރަން އަދި ލެކްޗާސްތައް އަޑުއެހުން. އަހަންނާއިއެކު މަސްޖިދު ބައިތުލް އަހަދުއަށް ދިޔުން....."
"ތި ލެކްޗާސްތައް މަނާ ނުކުރޭތަ؟" އެރިކް ތަންކޮޅެއް ރީތިކޮށް ވިސްނައިދޭންވެގެން މައިތިރިވިއެވެ. ހާރިސްގެ މިޒާޖު ހުންނަގޮތުން ހަޅޭއްލަވައިގެން ވިސްނުން ބަދަލެއްނުކުރެވޭނެއެވެ. ހާރިސް ދީނަށް ގޮސް ހުސްވެފައި ހުންނަވަރާއިމެދު އެރިކް ބިރުގަނެއެވެ. ބިރުގަންނަނީ ދުނިޔޭގެ އުސޫލު ތަކާއި ހަރުކަށި ފިކުރުގެ ސަބަބުން ހިނގާ ޖަރީމާތައް ކުރިމަތިން ފެންނާތީއެވެ. ހާރިސް އެ ރާސްތާ ޚިޔާރުކުރަން ދޫކޮށްލާކަށް ނުކެރޭނެއެވެ.
"މަނާކޮށްފިއްޔާ މިލިއަން ފޭންސްއިން ނިކުމެ ހަޅުތާލު ކުރާނެ.."
"އެކަމާ ބޮޑާވޭދޯ....."
"ބޮޑާވަނީ އިބުލީސް. އެކަލޭގެ ހެއްދެވި ފަރާތުން އާދަމްގެ ފާނަށް ސަޖިދަ ޖަހަން އެންގެވީމަވެސް ބޮޑާކަމުން އެކަލޭގެ ދެކޮޅުހެދި. އިރާދަކުރެއްވިއްޔާ ދުވަހަކު ބޮޑާކަމާއި ތަކައްބުރަށް މި ހިތުގައި ޖާގައެއްނެތް. ދެން އޮތީ ވިއުސް. ވިއުސް ލިބުމުން ހިތްހަމަޖެހެނީ މުސްލިމުންނަށް ބުނެދީ ހަނދާންކޮށްދޭން އަންގަވާފައިވާތީއާއި ދީނީ މެސެޖްތައް އެތައް ބަޔަކަށް ފޯރުކޮށްދެވި އެތައް ބަޔަކަށް ހިދާޔަތް ލިބޭތީ. އިސްލާމްދީނަށް ޚިދުމަތްކުރުމަށްވުރެ މި ހިތަށް އުފާ ލިބޭ އެހެންކަމެއްނެތް. އަޑުއަހާބަލަ މި އާޔަތް......"
ހާރިސް ގުރުއާނުގެ އާޔަތެއް ކިޔަވަން ފެށުމުން އެރިކްގެ ގައިންވެސް ހީބިހިނެގިއެވެ. ހަގީގަތުގައިވެސް ﷲ ތައާލާގެ ވަހީބަސްފުޅުން އެކުރުވާ އަސަރުން ހިތަށް ލިބޭ ފޮނިކަން ބަޔާންކޮށްދޭކަށް ނޭގެއެވެ. އެހާވެސް ހިތަށް ހަމަޖެހުމާއި އަރާމު ގެނެސް ތަސައްލީ ދެއެވެ. ހާރިސްއާއި ވާހަކަދައްކަން ފަށައިފިއްޔާ ދީނީ މައުޟޫއަށް ނުގޮސް ވާހަކަދެއްކޭކަށް ނޯވެއެވެ. ދޭތެރެއަކުން ހަނދާންކޮށްދޭނީ ގުރުއާނުގެ އާޔަތަކުން ނޫނީ ހަދީސަކުންނެވެ.
***
އަސްލަން ސިއާރާއަށް ފާރަލާތާ ހަފްތާއެއް ވީ ދުވަހު ހައިރާންކުރުވަނިވި މަންޒަރެއް ފެނުނެވެ. ސިއާރާގެ ކާރު މަޑުކޮށްލާފައި ފޭބިއިރު އޭނަ ހުރީ ކަޅުހެދުމުން އެއްކޮށް ފޮރުވިގެންނެވެ. އަސްލަންގެ ހަނދާނަށް އައީ ކުރީ ދުވަހު މިމަގުން ދިމާވި ނިގާބީ އަންހެންކުއްޖާއެވެ. އެއީ ސިއާރާކަން އެދުވަހު އޭނައަށް ނޭގުނީ ކީއްވެހެއްޔެވެ؟ ސިއާރާގެ "ޑަބަލް" ދިރިއުޅުން ބޭޒާރުވުމުން އަސްލަންއަށް ގަނޑުވެފައި ހުރެވުނީއެވެ. އެހެން މީހުންގެ ކުރިމަތީގައި އެހެން ކުލައެއް ދައްކައިގެން ހުރި މިކުއްޖާއަކީ އަނެއްކާ ނިރުބަވެރިންގެ ސިއްރު އެޖެންޓެއްހެއްޔެވެ؟ އަސްލަން އޭނަގެ ފަހަތުންދާން އުޅެނިކޮށް ދެން ފެނުނީ ހާރިސްއާއި ދެ އެކުވެރިން އަތްފުޅާކޮށްގެން ތިބެ ހިނގާފައި ގޮސް ބައިތުލް އަހަދު މިސްކިތަށް ވަންތަނެވެ. އޭނަގެ ދެފަރާތުގައި ތިބީ ހަށިފާރަވެރިންހެއްޔެވެ؟ ތިންމީހުންވެސް އިސްކޮޅުން އެހާ ދިގުވެފައި ހަށިގަނޑު ވަރުގަދައެވެ. ކަޅު ޖުއްބާލައިގެން ބޮލުގައި ސްކާފް އޮޅާލައިގެން ތިބިއިރު މީހުން ޖެހިލުންވާފަދަ ގޮތެއްވެސް ހުއްޓެވެ. އަސްލަން ދަތްކުނޑި ވިކައިގަތެވެ. އެމީހުންނާއި ދާދި ގާތުގައި ނިރުބަވެރިންގެ ހާއްޔެއް ހަދައިގެން އުޅޭއިރު މިތާ ފުލުހުންގެ ސަމާލުކަމަށް މި މައްސަލަ ނައިސްގެން އުޅެނީ ކީއްވެހެއްޔެވެ؟ ދީނުގެ ނިވާފަތްގަނޑުގައި ތިބެގެން މައުސޫމް ފުރާނަތައް ނަގާލަން މިމީހުން ރާވަނީކަމުގައި އަސްލަން ޔަގީންކުރިއެވެ.
އަސްލަން އިންތިޒާރުގައި ހުރެ ހުރެ ގަޑިއެއްހާއިރު ފާއިތުވެގެން ދިޔައިރުވެސް އެތެރެއަށް ވަން ބަޔަކު ނިކުންނާކަށް ނޫޅުނެވެ. އެންމެފަހުން ދީނީ ހެދުން އަޅައިގެން ތިބި މީހުން ނިކުންނާންފެށިއެވެ. ސިއާރާގެ ކާރަށް މިފަހަރު އެރީ ސިއާރާގެ އިތުރުން ނިގާބު އަޅައިގެން ހުރި އެހެން މީހެކެވެ.
"ފިިރިހެނެއް ނޫންކަމެއްވެސް ނޭގޭ.." އަސްލަން މަލާމާތުގެ ރާގަކަށް ކިޔައިލިއެވެ. އަދި އޭނަގެ ކާރު ދުއްވާލީ ސިއާރާގެ ކާރުގެ ފަހަތުންނެވެ. ގެއާއި ދިމާލަށް މިސްރާބުޖެހުމުގެ ބަދަލުގައި ސިއާރާގެ މަންޒިލްއަކަށް ވީ އެހެން ދިމާލެކެވެ. އަސްލަން ހީކުރިގޮތަށް ސިއާރާގެ އެކުވެރިޔާއަށް ދަތުރެއް ދިނީއެވެ. އެކުއްޖާ ގެއަށް ބާލާފައި ދެންގޮސް މަޑުކޮށްލީ ޕާކިސްތާނުގެ ހަލާލް ކާނާ ވިއްކާ ރެސްޓޯރެންޓަކަށެވެ. އެތަނުން ޕާރުސަލް ހައްދައިގެން ނިކުމެގެން އަންނަތަން ބަލަން އަސްލަން ބުމަގޮށްޖަހާލައިގެން ހުރިއިރު އެތައް ފަހަރު ބުރުގާ ދަމައިގަނެ ލަދުގަންނަވައިލަން ބޭނުންވިއެވެ. ނަމަވެސް އެންމެ ފަހު ވަގުތު ޚިޔާލު ބަދަލުކޮށްލީއެވެ.
"ސިއާރާ ހީކުރަނީ ތިމާގެ ނުލަފާކަން އެހެން މީހުންނަށް ފޮރުވައިގެން އިނޮސެންޓް ފޭސް އެއް ދައްކައިގެން ހުރެވޭނެކަމަށް ދޯ. ރީތިކޮށް ބަސްޓްވެއްޖެ. އަހަރެންގެ ދަންތުރައިގާވެސް އަދި ޖައްސާނަން...." އަސްލަންގެ ތުންފަތް މައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.
***
ހާރިސްގެ ކްލާސް އަޑުއަހަން ޒޫމް ޖައްސައިގެން އެނދުމަތީގައި އިންއިރު ސިއާރާ ފެންކަޅިވި ކިތަންމެ ފަހަރެއް ދިޔައެވެ. ހާރިސްގެ މައުޟޫއަކީ ތަގުވާއެވެ. އޭނަ ސާބިތުކަން އެކުލެވިފައިވާ އަޑަކުން ތަގުވާއާއި ބެހޭގޮތުން ވާހަކަދައްކަމުން ދިޔައެވެ.ﷲ ތިމާމެންނަށް ނުފެންނަ ހާލުގައި އެފަރާތުގެ މަތިވެރިކަން ދެނެގަތުމެވެ. ﷲ އަމުރުކުރެއްވި ކަންތައް ކުރުމެވެ. ހަރާމްކުރެއްވިހާ ކަމަކުން ދުރުވެގަތުމެވެ. ﷲގެ ރުހިވޮޑިގަތުން ލިބިގަތުމަށް ގަދަ އަޅާ މަސައްކަތްކުރުމެވެ. ﷲގެ ކޯފާއާއިމެދު ބިރުވެތިކަން އިހުސާސްވުމެވެ. ތަގުވާވެރިކަން ވަނީ ހިތުގައެވެ. ތަގުވާވެރިކަން އިތުރުވާ އަމަލުތަކެއްވެއެވެ. ﷲގެ ކަލާމްފުޅުގައި އަންގަވާފައިވާގޮތަށް އުޅެ އެކަލާނގެ ދީނަށް ފުރިހަމައަށް އުޅެ ސުންނަތަށް ތަބާވެ ރަގަޅު ސޯލިހު މީހުންނާއެކު އުޅެ ތަގުވާވެރިކަމާއި ހިދާޔަތަށް އެދި ދުޢާކުރުމެވެ. ރަމަޟާންމަހުގެ ބޭނުމަކީވެސް ތަގުވާވެރިވުމެވެ. ރަމަޟާން މަހުގައި ކުރަންފެށި އަމަލުތައް އެ މަސް ނިމުމުންވެސް ހުއްޓާނުލައި ކުރުމާއިމެދުވެސް ޔަގީންކުރުމެވެ. ކިތަންމެ ކުޑަވިޔަސް ހެޔޮ އަމަލެއް ކުރުމުގެ ފުރުސަތު ލިބިއްޖެއްޔާ ދޫކޮށްނުލުމެވެ. ތަގުވާވެރިވުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ﷲގެ ލޯބިފުޅު އަދި ރައްކާތެރިކަން ލިބުން ހިމެނެއެވެ. އަދި ﷲއާއި ގުޅުން ރަގަޅުވުންވެސް މެއެވެ. ހިދާޔަތާއި މަޣުފިރާ ލިބުންވެސް އޭގެ ތެރޭގައިވެއެވެ. ބިރާއި ހިތާމަތަކުން ސިކުނޑި ސަލާމަތްވެ އުދަގޫތަކުން އަރައިގަނެވި މަތިވެރި ކާމިޔާބީތައް ހާސިލުވެ އެމީހާގެ މާތްކަން ﷲގެ ހަޟުރަތުގައި ބޮޑުވެ ނިއުމަތް އިތުރުކޮށްދެއްވައެވެ.
ސިއާރާ ތަގުވާއާއި ބެހޭ ކްލާސް ނިންމިއިރު އަޒުމް ކަނޑައެޅީ އެފަދަ މީހަކަށް ވުމަށެވެ.
ދުނިޔެއަށް ފޮނުއްވި މަގުސަދަކީ އަޅުކަން ކުޅައުމެވެ.
***
"އެރިކް. ދޮގު ހަދަން އުޅޭނެކަމެއްނެތް. ޕާސްޕޯޓްގައި ރީތިކޮށް މުސްލިމެއްކަން އެއޮތީ. އަދި އާރިކް އަހުމަދު ޖަހާންގީރު އޭ އޮތީމަ މާ ރަގަޅަށްވެސް އެނގިއްޖެ. ކީއްވެ އޮޅުވާލައިގެން އުޅުނީ.؟ އައި މީން ނުބުނެ.." އަސްލަން އާއި އެރިކް ތިބީ ހޫނުކޮށްފައިވާ ކާރުގެ ތެރޭގައެވެ.
"އަސްލަން ނާހަމެއްނު..."
"އަހަރެން ތި ދީނަށް ޝައުގުވެރިވެއްޖެ. ދީނަށް ވަންނަން ކިހިނެއް ހަދާނީ؟" އަސްލަން އެހިއެވެ. އެރިކްއަށް އުފަލުން ހަޅޭއްލަވައިގަނެވުމާއެކު އަސްލަންގެ ގައިގާ ހިފައިގަނެވުނެވެ."ސީރިޔަސްތަ ލަވް...އަހަންނަށް މި ފެންނަނީ ހުވަފެނެއްތަ؟"
"މިއީ ނައިޓްމެއާއެއް. ހޫމް. ބުނެބަލަ. ކިހިނެއް ދީން ދަސްކުރާނީ؟"
"ހާރިސްއާއި ބައްދަލުކޮށްލަންވީނު...."
ހާރިސްގެ ނަން އިވުމާއެކު އަސްލަންއަށް ސިހިފައި އެރިކްގެ މޫނަށް ބަލައިލެވުނެވެ. މިއީވެސް އެ ހާރިސްގެ ޖަމާއަތަށް ނިސްބަތްވާ ޑަބަލް އެޖެންޓެއްބާވައެވެ. ދީނީ މިފަދަ މީހުން މީހުންނަށް އޮޅުވާލައިގެން ހުރިހަ ތަނެއްގައި މަސައްކަތްކުރާނެއެވެ. އޭނަގެ ހޮސްޕިޓަލްގައި ބޮމް ގޮއްވާލައިގެން އެތަން ގޮވައިގެންދާ މަންޒަރު ޚިޔާލަށް ގެނެވުނެވެ. އަސްލަން ހޭންފެށިއެވެ.
"އަހަރެންގެ އަވަށްޓެރިޔާގެ ނަމަކީވެސް ހާރިސް...."
"ހޫމް އޭނަ ބުނި މިސިޒް ކެތްރީންއެއްގެ ގޭގަޔޯ އުޅެނީ. އޭނައާއި އެކުވެރިކޮށްދީފާނަން............" އެރިކް ބުނެލިއެވެ.
"ބައްޕައަށް އެނގިއްޖެއްޔާ އަހަރެންގެ ގަޔަށް ބަޑި ޖަހާނެކަން ޔަގީން. އެހެންވީމަ މިކަން ސިއްރުކޮށްދޭން ޖެހޭ އިނގޭ.." އަސްލަން އެދުނެވެ.
***
ކެތްރީން ދޮރުގައި ޓަކިދޭން ފެށުމުން ނުކުތުމާއެކު މަންމަ ބުނީ އަސްލަން އޭނައާއި ބައްދަލުކުރަން އައިސްފައި ހުރި ވާހަކައެވެ. ސިއާރާ ދެކޮޅު ހަދަން އުޅެފައިވެސް ތައްޔާރުވެލައިގެން މިއަންނަނީ ކަމުގައި ބުނެލިއެވެ. ހިތާހިތުން އެތައް އެއްޗެއް ގޮވުމަށްފަހު ވީހާވެސް ދޫ ޓީޝާޓަކާއެކު ބޭރުން ދޫ ޖެކެޓެއްލުމަށްފަހު ބޮލާއެކު ސްކާފް އަޅާލައިފިއެވެ. ފަޔާއި އަތަށްވެސް އިސްޓާކީނު އަރުވައިގެން އޭގެ ބޭރުން އަދި ފިނީގައި ލާ ކަޅު ކޯޓުލުމަށްފަހު އޭނަ ނުކުތެވެ.
އަސްލަން ސޯފާގައި އިށީދެލައިގެން އިނީ ނިކަން ހަމަޖެހިލައިގެންނެވެ.
"ސިއާރާ ޑޭޓަކަށް ދާން ތައްޔާރުވެލައިގެން ތިއައީ؟"އަސްލަންއަށް މަޖާވިއެވެ.
"އާނ. ބޭރުގައި ތިބެގެން ވާހަކަދައްކަމާ. އެހެންނޫނަސް ފިނި މޫސުމްގައި މިގެ އެހާ ހޫނެއްނޫން ހުރިހާ އެއްޗެއް ލައިގެން އުޅުނީމަ މަށަށް ކޮމްފޮޓަބްލް. ކޮންމެ ކަމަކާއި ސުވާލުކުރާއިރު ވިސްނުންތެރިއަކީއެއްވެސް ނޫން..." ސިއާރާ އެންމެ ފަހު ޖުމްލަ ބުނެލީ އަސްލަންގެ ދީނުގެ ސަބަބުންނެވެ. ނުސީދާގޮތުގައި ބުނި އެއްޗެއްކަން އަސްލަންވެސް ދެނެގަތެވެ. އަސްލަން ކޮޅަށް ތެދުވުނެވެ. ލައިގެން ހުރި ޓީޝާޓާއި އަލިފާނުގެ ކުލަ ލޮލަށް އެޅުމުން އެ ލޯވިދައެވެ. އަސްލަން ވެސް އޭނަގެ ކޯޓުނެގިއެވެ. އަދި ސިއާރާގެ ފަހަތުން ދަމުން ޖަހަންނަމަށް ދިޔަސް ފަހަތުން ދާނެކަމުގައި ބުނުމުން ސިއާރާއަށް ލޯ އަޅައިލެވުނެވެ. ދެމީހުންނަށް މަގާއި ހަމަޔަށް ފޯރުނުއިރު ސްނޯވެސް ބޯކޮށްލައިފިއެވެ. ދެމީހުންގެ މޫނުގައި ސްނޯގެ އެތިކޮޅުތައް ބީހެން ފެށިއެވެ.
"ސިއާރާ. އަހަރެން ބޭނުން ސިއްރެއް ބުނަން...."
"ނުބުންޏަސް ހެޔޮ. އަހަންނަކީ ކަލޭގެ ސިއްރުވެރިއެއްނޫން. އެހެންނޫނަސް ތި ސިއްރު ހިފަހައްޓައިގެން ހުންނާނަމޭ މަށެއް ނުބުނާނަން. ޑޯންޓް ޓްރަސްޓްމީ..........." ސިއާރާ އެގޮތަށް އޭނައާއި ވާހަކަދައްކަން ފެށުމުން އަސްލަން ރުޅިއަންނަ ގޮތްވިއެވެ. މީހުންގެ ގަދަރާއި އިއްޒަތް ލިބިގެންވާ ޒުވާނަކަށްވެފައި ސިއާރާ ގަދަރެއްނެތް ގޮތަކަށް ވާހަކަދައްކަން ފެށުމުން ކެތްނުކުރެވުނީއެވެ.
ނުނިމޭ