08 Apr 2022, 13:05
އިސްރާފު ކުރުމަކީ ކޮންމެ ކަމެއްގައިވެސް ހައްދުފަހަނަ އަޅައި ދިއުން ކަމަށާއި ރޯދަވިއްލަން އުކާލާވަރަށް ތަކެތި ތައްޔާރު ކުރުމަކީ ވެސް ބޮޑު އިސްރާފެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ޚުޠުބާ ޚާއްޞަ ކޮށްފައި ވަނީ އިސްރާފު ކުރުމުގެ ނުބައިކަމުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، މިއަދު އިންސާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާއީ އަދި އިޤްތިޞާދީ ބަލިމަޑުކަމުގެ ތެރޭގައި އިސްރާފު ކުރުން ހިމެނޭ ކަމަށެވެ.
ކާބޯތަކެތި ގަނެ، ހެޔޮގޮތުގައި އެ ތަކެތި ބޭނުން ނުކޮށް އުކާލުމަކީ އިސްރާފު ކުރުން ކަމަށާއި، ފޭރާމާއި ސަވާރީއާއި ފަރުނީޗަރު ފަދަ ތަކެތި، ހިސާބަށްވުރެ ގިނަ ކުރުމަކީވެސް އިސްރާފު ކުރުން ކަމަށް ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން، އިންސާނުން ކައިބޮއެ އުޅުމަށާއި، އިސްރާފު ނުކުރުމަށް ކީރިތި ޤުރުއާނުގައި އަންގަވާފައިވާކަން ހަނދާންކޮށްދެމުން ޚުތުބާގައި ބުނީ، އިސްރާފު ކުރާ މީހުން ދެކެ މާތް ﷲ ލޯބިވެވޮޑިގެން ނުވާކަމަށެވެ.
ޚުތުބާގައި ފާހަގަ ކުރި ގޮތުގައި، ދުނިޔޭގެ ފަގީރު ގައުމުތަކުގައި މީސްތަކުން ބަނޑަށް ޖެހި މަރުވަމުން ދާއިރު، ޔޫރަޕްގެ ގައުމުތަކުން 19 ބިލިއަން ޑޮލަރުގެ ކާބޯތަކެތި ގޮނޑަށް އުކާލައެވެ.
މީގެ އިތުރުން، ރަމަޟާން މަހު އިސްރާފު ކުރުން އިތުރުވާ ކަމަށާއި، ރޯދަ ވިއްލަން ތައްޔާރު ކުރާ ބޮޑުބައި ދަނީ އިސްރާފަށް ކަމަށް ޚުތުބާގައި ބުންޏެވެ.
"އިސްރާފު ކުރުމަކީ، އެކަމުގެ ގެއްލުން ޞިއްޚީ ގޮތުންނާއި މާލީގޮތުން މުޖުތަމައަށް ފޯރާނެ ކަމެއް. ރޯދައަކީ، ހަށިގަނޑު ދުޅަހެޔޮ ކޮށްދޭ އަޅުކަމެއް. ރޯދައިން މި މަޤުޞަދު ޙާސިލު ކުރެވޭނީ އިސްރާފު ކުރުމާ ދުރުވެގެން،" ޚުތުބާގައި ބުންޏެވެ.
މުސްލިމުން ކައިބޮއި އުޅެންވަނީ ދިރިއުޅުމަށްޓަކައި ކަމަށާއި، ކެއުމާއި ބުއިމަށްޓަކައި ދިރިއުޅޭ ބަޔަކަށް މުސްލިމުން ވެގެން ނުވާނެކަމަށް ޚުތުބާގައި ބުންޏެވެ.