08 Apr 2022, 13:37
ހިޔާ ފްލެޓްގައި ބިދޭސީން ހަދައިގެން އުޅޭ ވަގުތީ ގެ އެތަނުން ނަގަން މުއްދަތު ދީފިއެވެ.
ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ބިދޭސީން ހިޔާ ސަރަހައްދުގައި ވަގުތީ ގެއެއް ހަދާފައި ވަނީ ކާބޯތަކެތި ވިއްކުމަށް ހަދާފައިވާ ސްޓޯލްތަކުގައި ކަމަށެވެ.
އެތަނުގައި އުޅެމުން ދިޔައީ ކިހާ ބިދޭސީންނެއްކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެޗްޑީސީން ވަނީ ކަށަވަރު ކޮށްދީފައެވެ.
އެޗްޑީސީން ބުނީ އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ. އަދި އާދިއްތަ ދުވަހުގެ ކުރިން އެ ގެ ނަގަން އަންގާފައިވާ ކަމަށެވެ.
އެ ސަރަހައްދުގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން ދަނީ އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފަށް ކާބޯތަކެތި ވިއްކަމުންނެވެ.
އެހެންކަމުން އެ ސަރަހައްދުގައި ކާބޯތަކެތި ވިއްކުން މަނާކޮށް، އެފަދަ ތަންތަން ނެގުމަށް އެޗްޑީސީން ވަނީ މިދިޔަ އާދީއްތަ ދުވަހު އަންގާފައެވެ. އަދި އަންނަ އާދީއްތައިގެ ފަހުން އެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތް ދޭނަމަ، އެމީހުންނަށް ފިޔަވަޅު އަޅައި، އެތަކެތި ނަގައި ސާފު ކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެތަނުގައި ކާބޯތަކެތި ވިއްކުން މަނާ ކޮށްފައި ވަނީ، އެއީ ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުންދާ ތަނެއް ކަމަށްވާތީ، ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު ދަށްވެފައި، އެ ތަންތަނުން ދޭ ޚިދުމަތްތަކުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބެތީ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.