"ސަން ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ ހަތް ވަނަ ދުވަހު މި ގެނެސްދެނީ ނަޓްސް ރައިސް ތައްޔާރުކުރާނެ ގޮތެވެ. ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހަށްވީތީ، މިރޭގެ ކެއުމުގައި ހިމަނާލަން ޚާއްޞަ ޑިޝްއަކަށް ނަޓްސް ރައިސް ވާނެއެވެ.

ބޭނުންވާނެ ތަކެތި:

  • ބައި ޖޯޑު ކަނަމަދު

  • ބައި ޖޯޑު ކެޝޫ ނަޓް
  • ބައި ޖޯޑު ހިކި މޭބިސްކަދުރު
  • ބައި ޖޯޑު އަލްމަންޑް
  • 1 ފިޔާ
  • 2 ލޮނުމެދު
  • 1 މިރުސް
  • ހިކަނދިފަތާއި ރާނބާފަތް
  • 500 ގްރާމް ބަޓަރު
  • 1 ބޯންލެސް ޗިކަން ބްރެސްޓް
  • އަސޭމިރުސްކޮޅެއް
  • ރަހަލާވަރަށް ލޮނު
  • އޮއިސްޓާ ސޯސްކޮޅެއް
  • 2 މޭޒުމަތީ ސަމުސާ ސޯޔާސޯސް
  • 3 ޖޯޑު ބަތް (ކައްކާފައި)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ، ޗިކަން ބްރެސްޓަށް ލޮނާއި އޮއިސްޓާ ސޯސް އަދި އަސޭމިރުސް އަޅައި އެއްކުރާނީއެވެ. އަދި 30 މިނިޓް ވަންދެން ބަހައްޓާނީއެވެ.

އެއަށްފަހު ނަޓްސްތައް، ފަހަރަކު ވައްތަރެއް ވަކިން، ތެލުލާނީއެވެ. ސަބަބަކީ އެކި ވައްތަރުގެ ނަޓްސް ތެލުލެވޭނީ އެކި ވަރަށް ކަމަށް ވާތީއެވެ. އެގޮތުން، ފުރަތަމަ ބަޓަރު އަޅާފައި މެލްޓް ކޮށްލާނީއެވެ. ބަޓަރުގެ ބަދަލުގައި ތެޔޮ ވެސް ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ރަހަ މީރުވާނީ ބަޓަރު ބޭނުން ކުރުމުންނެވެ.

އެންމެ ފުރަތަމަ އަލްމަންޑެވެ. އެއަށްފަހު ކަނަމަދު ކޮޅެވެ. ކެޝޫނަޓް ނިމުމުން، އެންމެ ފަހުން ހިކި މޭބިސްކަދުރެވެ. އެއީ ހިކި ބޭމިސްކަދުރުގައި ހަކުރު ހުންނާތީ، އަވަހަށް އަނދާނެތީއެވެ.

ނަޓްސްކޮޅު ތެލުލައި ނިމުމުން، ހަމަ އެ ތެލީގައި މަސްގަނޑު ހަދާނީއެވެ. އެއީ ކުރިން ތައްޔާރު ކުރި ރަހަތައް ތެލީގައި ހުންނާނެތީއެވެ.

ތެލީގައި ހުރި ބަޓަރުކޮޅު ނަގާފައި ވެސް ތެޔޮ އެޅިދާނެއެވެ. ނަމަވެސް މީރުވާނީ ނަޓްސް ތައްޔާރުކޮށް ނިމުމުން ހުރި ގޮތަށް ހުއްޓައި ތެޔޮ އެޅީމައެވެ.

ތެއްޔަށް ތެޔޮ ފޮދެއް އަޅައި، ފިޔަލާއި ރާނބާފަތް އަދި ހިކަނދިފަތް އަޅައި މީރުކޮށްލާނީއެވެ. އޭގެ ތެރެއަށް ލޮނުކޮޅެއް އަޅަން ހަނދާން ބަހައްޓަން ވާނެއެވެ.

ފިޔާގަނޑު އިރުކޮޅަކު މީރުކުރުމަށް ފަހު މިރުސް އަޅައި، ރަނގަޅަށް ރަތް ވުމުން، ޗިކަން ބްރެސްޓްކޮޅު އަޅާލާނީއެވެ.

އެއަށްފަހު އަސޭމިރުސްކޮޅަކާއި ލޮނުކޮޅެއް އަޅައި އެއްކޮށްލާފައި މަތިޖަހާނީއެވެ.

ޗިކަން ބްރެސްޓްގެ ރޯ ފިލައި، މަސްތަކަށް ރަނގަޅަށް ރަހަ ވަންނަންދެއް ކެއްކުމަށްފަހު އޮއިސްޓާ ސޯސްކޮޅާއި ސޯޔާސޯސް އަޅާނީއެވެ.

މަސްގަނޑު ރަނގަޅަށް ތައްޔާރު ވުމުން، ނަޓްސްކޮޅު އަޅާލައި އެއްކޮށްލާނީއެވެ. އެއަށްފަހު ބަތް އަޅައި ރަނގަޅަށް އެއްކޮށްލުމުން ނަޓްސް ރައިސް ހުންނާނީ ތައްޔާރު ވެފައެވެ.

ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު

ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް

ރެސިޕީ ތައްޔާރުކުރީ: މަރިޔަމް ޢަލީ

'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.