އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ރަޝިޔާ ސަސްޕެންޑު ކުރުމާ ބެހޭ ގޮތުން އދ.ގެ އާންމު މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ރާއްޖެއިން ވަކި ގޮތަކަށް ވޯޓު ދޭން ދެކޮޅު ހަދައިފިއެވެ.

ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާގެ ފައުޖުތަކުން އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގާ ކަމަށް ބުނެ އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި 93 ގައުމަކުން ވޯޓު ދިނީ ރަޝިޔާ، އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ސަސްޕެންޑު ކުރުމަށެވެ. އެގޮތަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ޖަރުމަނާއި އިސްރާއީލް ހިމެނެއެވެ.

އެ ގަރާރާ ދެކޮޅަށް ވޯޓު ދިން 24 ގައުމުގެ ތެރޭގައި ރަޝިޔާގެ އިތުރުން ޗައިނާއާއި ސީރިއާއާއި އީރާނާއި އުތުރު ކޮރެއާ ހިމެނެއެވެ.

އެ ވޯޓުގައި ވަކި ފަރާތަކަށް ނުޖެހޭ 58 ގައުމުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާއާއި ސައުދީ އަރަބިއާއާއި ސްރީލަންކާއާއި ޕާކިސްތާން ހިމެނެއެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި 47 ގައުމު ހިމެނެއެވެ. އެ މަޖިލީހުގެ މެންބަރަކަށް ރަޝިޔާވީ 2021 ވަނަ އަހަރު، ތިން އަހަރުގެ ދައުރަކަށެވެ.

އެ މަޖިލިސް އުފެއްދުމާ ބެހޭ ގަރާރުގައިވާ ގޮތުން، އެ މަޖިލީހުގެ މެންބަރަކު އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގައިފި ނަމަ އެގައުމެއް ސަސްޕެންޑު ކުރުމުގެ ބާރު އާންމު މަޖިލީހަށް ލިބިގެންވެއެވެ.

އިއްޔެގެ ވޯޓަށް ފަހު ރަޝިޔާއިން ވަނީ އެގައުމުން ދައުރު ނިމުމުގެ ކުރިން ހައްގުތަކާ ބެހޭ މަޖިލީހުން ވަކިވާން ނިންމާފައިވާ ކަމަށް ބުނެފައެވެ.

ރަޝިޔާއިން ބުނި ގޮތުގައި އެ މަޖިލީހުގައި ބާރު ހިންގަނީ އަމިއްލަ ފައިދާއަށް މަސައްކަތް ކުރާ މަދު ގައުމުތަކަކުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24ގައި ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުން ކުށްވެރިކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައި މިދިޔަ މަހުގެ ދެ ވަނަ ދުވަހު އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓަށް ރާއްޖެއިން ތާއިދުކުރިއެވެ.

އެ ވޯޓާ ބެހޭ ގޮތުން މިދިޔަ މަހުގެ 13ގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ޔޫކްރޭން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު ކަމަށެވެ. އެގޮތުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ ކޮންމެ ގައުމެއްގެ ވެސް މިނިވަންކަމާއި ސިޔާދަތަށް ޙުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، ރާއްޖެއިން އެ ވޯޓުގައި ބައިވެރިވެ، ކުދި އަދި ނިސްބަތުން ބާރު ދަށް ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް، ރާއްޖެއިން އުފުލަމުން އަންނަ އަޑު އަނެއްކާވެސް ތަކުރާރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަޝިޔާއާއި ޔޫކްރޭނާ ދެމެދު ހުރި ދެބަސްވުންތަކަށް ހައްލެއް ހޯދުމަށް މަޝްވަރާގެ މޭޒަށް އައުމަށް ވެސް ރައީސް ގޮވައިލެއްވިއެވެ.