08 Apr 2022, 10:16
ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ އެއިންޓްރަކްޓް ފްރޭންކްފާޓާއި ބާސެލޯނާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ފްރޭންކްފާޓްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައިވަނީ 1-1ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ފްރޭންކްފާޓުން ލަނޑު ޖަހައި ލީޑު ނަގާފައިވަނިކޮށް ބާސާއިން ވަނީ ފަހަތުން އަރައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
ފްރޭންކްފާޓުން ލަނޑު ޖަހާފައިވަނީ މެޗުގެ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފަށައިގެން މެޗުގެ 48 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަންސްގާ ކްނައޮފްއެވެ. އޭރިޔާ ބޭރު ހުރެ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ބާސާގެ ގޯލްގެ މަތީ ކަނަށެވެ.
ލަނޑާއެކު ބާސާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް މަސައްކަތްކޮށްފައެެވެ. ބާސާއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ 66 ވަނަ މިނެޓުގައެވެ. ފްރެންކީ ޑި ޔޯންގެ އެހީތެރިކަމާއެކު އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒްއެވެ.
ކުއާޓާ ފައިނަލްގައި މިރޭ ކުޅުނު އެހެނިހެން މެޗުތަކަށް ބަލާއިރު، އެސްސީ ބަރަގާ އާއި ރޭންޖާސް ބައްދަލުކުރި މެޗު ކާމިޔާބުކޮށްފައިވަނީ އެސްސީ ބަރަގާއެވެ. އަދި ވެސްޓް ހަަމް ޔުނައިޓެޑާއި ލިޔޯން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.