ބޭންކު މުއާމަލާތްތަކުގައި ޗެކު ބޭނުންކުރާ މިންވަރު މަދު ކުރުމަށް ޚާއްސަ އެކްޝަން ޕްލޭނެއް އެމްއެމްއޭއިން އިއްޔެ އިއުލާނުކޮށްފިއެވެ.

އެ އޮތޯރިޓީން ބުނީ ރާއްޖޭގައި ޚިދުމަތްދޭ ބޭންކުތަކާއި ގުޅިގެން އެކުލަވާލެވިފައިވާ ދެ އަހަރުގެ އެކްޝަން ޕްލޭނަށް އަންނަ ޖޫން މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ. އަދި، އެމްއެމްއޭގެ އަމާޒަކީ ޗެކު ބޭނުންކުރާ މިންވަރު 2024ވަނަ އަހަރާ ހަމައަށް ވީހާވެސް ބޮޑަށް މަދުކުރުން ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެމްއޭއިން ވަނީ މި ޕްލޭނުގެ އަމާޒުތަކަށް ވާސިލުވުމަށް އަޅާނެ ފިޔަވަޅުތަކާ މެދު ބޭންކުތަކާ އެކު ގިނަ މަޝްވަރާތަކެއް ކުރިކަން ފާހަގަކޮށްފައެވެ.

އެ ގޮތުން ކަނޑައެޅުނު ފިޔަވަޅުތަކުގެ ތެރޭގައި 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 50،000 ރުފިޔާ (3،000 ޑޮލަރު) އިން މަތީގެ މުއާމަލާތްތަކަށް ޗެކު ބޭނުން ނުކުރެވޭ ގޮތް ހެދުމާއި، ޗެކު ކްލިއަރެންސް ހިދުމަތް ދޭ ދުވަސްތައް މަދުކުރުމުގެ އިތުރުން، އެ ހިދުމަތަށް ފީ އެއް ކަނޑައެޅުން ވެސް ހިމެނެއެވެ.

ބޭންކުތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ ހެން ޑިޖިޓަލް އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށާއި، އެ ފަރާތްތައް އެފަދަ ހިދުމަތްތަކަށް ހޭލުންތެރި ކުރުވުމަށް ބޭންކުތަކަށް އަންގާފައިވާނެ ކަމަށް ވެސް އެމްއެމްއޭއިން ބުނެއެވެ.

މީގެ އިތުރުން އެމްއެމްއޭއިން ވަނީ ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކުގައި ޗެކު ބޭނުންކުރާ މިންވަރު މަދުކުރުމަށް އެޅި ފިޔަވަޅުތައް ކާމިޔާބުކަން ވެސް ފާހަގަކޮށްފައެވެ.