ލިޔުންތެރިޔާ އަޙްމަދު ޝިޔާމްގެ 30 ކުރު ވާހަކަ ހިމަނައިގެން އޭނާ މިދިޔަ ހަފްތާގައި ނެރުނު ވާހަކަ ފޮތް ބުކްޝޮޕްތަކުގައި ވިއްކަން ފަށައިފިއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ގައުމީ ކުތުބުހާނާގައި ބޭއްވި ހަފްލާއެއްގައި އެ ވާހަކަ ފޮތް ނެރެދެއްވީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަޑުލު މުޙައްމަދު ވަހީދެވެ.

ކުރިން ނޫސްތަކަށް ވެސް ލިޔުއްވި ޝިޔާމްގެ ވާހަކަ ފޮތް އަސްރަފީ ބުކްޝޮޕުންނާއި ނޮވެލްޓީ ބުކްޝޮޕުގެ އިތުރުން ކިއާސް ބުކްޝޮޕުން 100 ރުފިޔާއަށް ގަންނަން ލިބޭނެއެވެ.

ޝިޔާމްގެ ފުރަތަމަ ފޮތް ނެރެފައިވަނީ 2017 ވަނަ އަހަރުއެވެ. އެ ފަހަރު ނެރުނީ "އިބްރާހިމްގެ ހުވަފެން" ކިޔާ ވާހަކައެކެވެ.

ޝިޔާމްގެ މިފަހަރު ފޮތުގައި ހިމަނާފައިވާ 30 ކުރު ވާހަކަ ލިޔެފައިވަނީ އާއްމު ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ މައްޗަށެވެ. ލޯބީގެ ހާދިސާތަކާއި އިޖުތިމާއީ މައްސަލަތައް އެ ވާހަކަތަކުގެ ތެރޭގައި ހިމެނެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިހާރު މަސައްކަތް ކުރައްވާ ޝިޔާމް ވަނީ މީގެ ކުރިން ރާއްޖޭގެ ބޮޑެތި ގިނަ ނޫސްތަކަކަށް ލިޔުއްވައިފައެވެ. އޭގެ ތެރޭގައި "ހަވީރު" ނޫހާއި "އާފަތިސް" ނޫސް ހިމެނެއެވެ. އަދި ކުރިން ނެރުނު "ފިއެސް" މަޖައްލާގެ އެޑިޓަރުކަން ވެސް އޭނާ ކުރެއްވިއެވެ.