07 Apr 2022, 21:12
އަލްހާފިޒް އަހްމަދު ނަބީހުގެ މަންމަ އައިމިނަތު މުހައްމަދު (އައިންތު) ދުށް ހުވަފެނަކީ ނަބީހު ހާފިޒަކަށް ހެދުމެވެ. އެ ހުވަފެން އެތައް ދައްޗަކާއި ތުރާލެއް ތަހައްމަލު ކުރުމަށްފަހު މާތްﷲގެ ރަހުމަތްފުޅުން ކާމިޔާބު ކުރެވުނެވެ.
ސިވިއާ އޯޓިޒަމް ހުންނަ ނަބީހު، ހާފިޒަކަށް ހެދުމުގައި އައިންތު އުފުލީ އެތައް ބުރައެކެވެ. އެތައް ތަނަކުން އެ ދަރިފުޅު ބާކީކޮށްލުމުން ވެސް އައިންތު ދުލެއް ނުކުރިއެވެ. އޭނާއަކީ ހިތްވަރުގަދަ ލާމަސީލު މަންމައެކެވެ.
ނަބީހު ހާފިޒަކަށްވުމަށް ދުށް ހުވަފެން ހަގީގަތަކަށް ވުމުން، ދެން އައިންތު ދުށް ހުވަފެނަކީ ނަބީހުއަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުމެވެ. އެކަމަށް އޭނާ ހުރީ ދުއާ ކޮށްލަކޮށްލައެވެ. ފުރުސަތަކަށް ބަލަބަލައެވެ.
މާތްﷲގެ ތަނަވަސް ރަހުމަތާއެކު މިއަދު އެކަން ހަގީގަތަކަށް ވެއްޖެއެވެ. ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022ގައި ބައިވެރިވުމުގެ ފުރުސަތު ނަބީހުއަށް ލިބުނެވެ.
އެ ހިސާބަކުން ނުނިމެއެވެ. އޭނާ ވަނީ އެ މުބާރާތުގެ ފައިނަލުގައި ވެސް ވާދަކޮށް މުޅި ގައުމު ފަހުރުވެރި ކޮށްދީފައެވެ.
ދުބާއީގައި ހުރެ ފޯނުން "ސަން"އާ ވާހަކަ ދައްކަމުން އައިންތު ބުނީ މިއީ އޭނާ އަބަދުވެސް ދުށް ހުވަފެެނެއް ކަމަށެވެ. އަދި 2017ވަނަ އަހަރު ވެސް ނަބީހުއަށް މި ފުރުސަތު ލިބުނު ކަމަށް އޭނާ ކިޔައިދިނެވެ.
"އެކަމަކު އޭރު ނަބީހުއަކީ ވާހަކަ ނުދެއްކޭ ކުއްޖެއް ކަމަށް ބުނެ އެ ފުރުސަތު ކަޓުވައިލީ. އެ ދުވަހު ވެސް ވަރަށް ދެރަވި. އެކަމަކު އުންމީދު ކަނޑައެއް ނުލަން. ވަރަށް އުފާވި މި ފުރުސަތު ލިބުނީމަ،" އައިންތު ބުންޏެވެ.
މި މުބާރާތުގައި އެތައް ގައުމަކުން ބައިވެރިވިއިރު، މުބާރާތުގެ ފައިނަލް ރައުންޑަށް ދެވެނީ ފުރަތަމަ ރައުންޑުގައި އެއްވެސް ކުށަކާނުލައި ކިޔޭ ބައިވެރިންނަށެވެ. އެ ބައިވެރިންގެ ތެރޭގައި ހިމެނި ފައިނަލުގައި ބައިވެރިވުމުގެ ކާޑު ނަބީހުއަށް ވެސް ލިބުނެވެ.
"އަޅުގަނޑަށް ފެނުނު އެ ކާޑު ބައެއް ގައުމުތަކަށް ނުލިބި ދިޔަ ތަން ވެސް. ނަބީހު ކަހަލަ ކުއްޖަކަށް އެ ފަދަ ފުރުސަތެއް ލިބުނީމަ ވަރަށް އުފާވެރިކަމަކަށް ވާނެތާ. އެ ކާޑު ހިފައިގެން ނުކުތް މަންޒަރު އަޅުގަނޑު ހަމަ ދެކުނީ ވަރަށް އުފާވެ ހުރެ،" އައިންތުއަށް އުފަލުން ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮތީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ނަތީޖާއަށް އިންތިޒާރުކޮށްގެން ނަބީހުއާއި އޭނާގެ އާއިލާއިން ތިބީ ފޮނި އުންމީދަކާއެކުގައެވެ.
"ދިވެހި ރައްޔިތުންނަށް ބުނެލަން ބޭނުންވަނީ ތިޔަ އެންމެ ބޭފުޅުން ނަބީހުއަށް ޓަކައި ތިޔަ ކޮށްދެއްވާ ހެޔޮދުއާއާ. ދެން ނޫސްތަކުގައި ހުރި ކޮމެންޓުތައް ވެސް އަޅުގަނޑު ކިޔައިލައިފިން. ވަރަށް ވެސް އުފާވާ ކަހަލަ ކޮމެންޓުތައް ހުންނަނީ ހުރިހާ ބޭފުޅުން ވެސް ލިޔެފައި،" އައިންތު އުފަލުން ހުރެ ބުނެލިއެވެ.
އައިންތު މުޖުތަމައުއަށް ދިން މެސެޖަކީ އޯޓިޒަމް ކުއްޖެއް ލިބުނު ނަމަވެސް ބާކީ ނުކޮށްލުމެވެ. އުންމީދު ކަނޑާނުލުމެވެ.
މި މުބާރާތުގައި ވާދަކުރުމުގެ އިތުރަށް އެހެން އުފަލެއް ވެސް އައިންތުއަށް ވަނީ މި ދަތުރުގައި ލިބިފައެވެ. ދުބާއީގެ ޗެނަލަކުން ނަބީހުގެ ގުރުއާން ރިކޯޑު ކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ.
"ނަބީހު ގުރުއާން ކިޔަވާ ނިމިގެން އެ ރޭގައި، އަޅުގަނޑު ވެސް ބަހަށް އަރަން ދިޔައީ ހަމަ. ދަނިކޮށް އެ ބޭފުޅާ ހަަމަ ދުރުވެ ނަބީހު ހޯދައިގެން، މޯލްޑިވްސްއޭ ކިޔަމުން އެކަހަލަ ގޮތަކަށް އައީ. ދެން އެ ފުރުސަތު ދެއްވީ. ވިދާޅުވި މާޝާއަﷲ ވަރަށް ރީއްޗޭ ނަބީހުގެ ވޮއިސް. ނަބީހުގެ ކިޔެވުން،" އައިންތު ކިޔައިދިނެވެ.
ނަބީހުގެ އަޑުން ގުރުއާން ރިކޯޑު ކުރުމަކީ ވެސް އައިންތުގެ ހުވަފެނެކެވެ. ދުބާއީގެ ހޮލީ ގުރުއާން ޗެނަލުން އެ ފުރުސަތު ދެއްވުމުން އައިންތުގެ ލޮލުން ނީރާލީ އުފާވެރިކަމުގެ ކަރުނައެވެ.
"ހުރިހާ ބޭފުޅުންގެ ދުއާ ބޭނުންވަނީ. ދުއާއަކީ ކަންކަން ބަދަލުކޮށްލުމުގެ އެންމެ ބޮޑު ހަތިޔާރު. އެހެންވީމަ ހުރިހާ ބޭފުޅުން ވެސް ދުއާ ކޮށްދެއްވާށޭ. މިއީ ހަމައެކަނި ނަބީހުއަށް ލިބޭ ޝަރަފެއް ނޫން. މިއީ މުޅި ގައުމަށް ލިބޭ ޝަރަފެކޭ. މި ކުޑަކުޑަ ދިވެހިރާއްޖެ މުޅި ދުނިޔޭގެ ކުރިމަތީގައި ނަން ވިދާލާ މަންޒަރު ފެނުނީމަ ކޮންމެ ދިވެއްސެއްގެ ލޮލުން ވެސް ކަރުނަ އަންނާނެ،" އައިންތު ބުންޏެވެ.
އައިންތު ބުނީ އިސްލާމިކް މިނިސްޓްރީން ވެސް އެ އާއިލާއާމެދު ބަހައްޓަވާ ގާތްކަން ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓަރާއި ގުރުއާނާ ބެހޭ މަރުކަޒުގެ ވެރިން ވެސް އެ އާއިލާގެ ހާލު ގާތުން ބައްލަވާ ކަމުގައި އޭނާ ކިޔައިދިނެވެ.
މީގެ ކުރިން 2017ވަނަ އަހަރު ނަބީހުއަށް މި ފުރުސަތު ނުލިބުނީ ވާހަކަ ނުދެެއްކޭތީއެވެ. އެހެން ނަމަވެސް، މި ފަހަރު އެ ތަފާތުކުރުމެއް ނެތެވެ. ސެލެކްޝަންގައި އެންމެ ގިނަ މާކްސް ލިބުނީ ނަބީހުއަށެވެ. އެހެންކަމުން އެއީ ނަބީހުގެ ހައްގެކެވެ.
އައިންތުއަށް ފޯނުން ގުޅުއްވައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މަރުހަބާ ދަންނަވައިފައެވެ. އަދި ނަބީހުގެ ކިޔެވުމަށް ތައުރީފް ކުރައްވައި ހިތްވަރު ދެއްވިއެވެ.
ނަބީހު ހާފިޒަކަށް ހަދަން އައިންތު ދަތުރުކުރީ، އޮޔެގަދަ ކަނޑެއްގައެވެ. އޮޔާއި ވަޔާ ދެކޮޅަށެވެ. އެހެން ނަމަވެސް، އޭނާ ހިތްވަރުގަދައެވެ. ދުލެއް ނުދެއެވެ. މިއަދު ބައިނަލްއަގުވާމީ މުބާރާތެއްގައި ނަބީހު ރާއްޖެ ތަމްސީލުކުރާ މަންޒަރު އޭނާ ބަލަން އެ ހުރީ އުފަލުން ފޮޅިފައެވެ.