14 Apr 2022, 10:10
"ހަގީގީ މުދާވެރިކަމާއި އުފަލާއި ހަމަޖެހުމަކީ މުއުމިންނަށް މި ދުނިޔޭގައި އޮތް ކަމެއް ނޫނެވެ. އެހުރިހާ އެއްޗެއް އޭނައަށް ލިބޭނީ އާޚިރަތް ދުވަހުގައެވެ."
***
އެތައް ގަޑިއިރެއް ފާއިތުވެގެން ދިޔައީ ލަސްލަހުންނެވެ. ފުރަތަމަ ދުވަސްކަމުން ގިނަ އަދަދަކަށް މީސްތަކުން އައެވެ. ބައެއްމީހުން ފޮތްތައް ކިޔަމުން ދާއިރު އަނެއްބަޔަކު އެ މާހައުލުގެ އަމާންކަމާއި ހިމޭންކަމުން އުފާކޮށްލަން އައީއެވެ. ފޮތް ފިހާރައިގެ ތެރޭގައި ހިފާފައި ހުރި މީރުވަހަށް އޭނަ ދަމައިގަންނަގޮތްވިއެވެ. ދުވަސްވީ ފޮތްތަކާއި ހަނދާންތަކުގައެވެ. އަލްވާ ފޮތް ހަރުގަނޑު ކައިރިން ދިޔައިރު އެ ޒުވާނާ ދެނެގަނެވުނީ ކިރިޔާއެވެ. ކަޅުކުލައިގެ ޖިންސަކާއި ހުދު ޓީޝާޓެއްގައި ހުރުމުން ރީތިކަން ވިދައެވެ. އަލްވާގެ އެހާ ވަރުގަދަ ސިކުނޑިއެއް ނެތްނަމަ އެމޫނު މަތިން ހަނދާންނެތުނީހެވެ. އަލްވާއަށް ބުމަ އަރުވައިލެވުނެވެ. އެއީ އޭނައަށް ހުސް ޗެކެއް ދިންމީހާއެވެ. އެހާ މުއްސަދި މީހަކު ފޮތްތަކުން ގަނޑުތައް ވީދަނީ ކީއްވެހެއްޔެވެ؟
އަލްވާ ވަގުތުން އެ ދިމާލަށް ހިނގައިގަތެވެ. އެ ބަރު ފިޔަވަޅުތަކުގެ އަޑުން ޒުވާނާގެ ސަމާލުކަން ނުލިބުމުން އޭނަ ކަރު ކަހާލީ ތަންކޮޅެއް ބާރަށެވެ. އަލްވާއަށް އެ ޒުވާނާގެ ނަޒަރު ހުއްޓުނީ އެއް ބުމަ އަރުވައިލަމުންނެވެ. ކީއްވެހެއްޔެވެ؟ ލަދެއްވެސް ނެތް މީހަކީކަން ނޭގެއެވެ. އެ ނަޒަރުން ގާތްގަނޑަކަށް ބުނާހެން ހީވާފަދައެވެ. އޭނަގެ ކުޑަ ވައްކަމަށް ހުރަސް އަޅަނީ ކީއްވެތޯއެވެ.
"އެކްސްކިއުޒް މީ. ތިގޮތަށް ފޮތަށް ގެއްލުން ދެންޏާ ފައިން ކުރާނެ.." އަލްވާ އެ ފޮތަށް އިޝާރަތްކުރިއެވެ.
"އެހެންތަ؟ ފައިން ކުރާނީ ކިހާވަރަކަށްތަ؟" ސުފިޔާން އެ ފޮތް ލައްޕާލައިފިއެވެ. އެ ސްޓީލް ކުލައިގެ ލޯ އަލްވާގެ މޫނަށް ހުއްޓިފައިވާއިރު ލޮލުގައި ވީ ލާނެތް ވިދުވަރެކެވެ.
"ވެލް....ސަކޭތަ ޑޮލަރު ނޫނީ އެއަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނީ..." އަލްވާ ޖޫރިމަނާގެ އަދަދު ބޮޑުކޮށްލިއެވެ. އޭނަ އެތަނަށް އާ ކަމާއެކު އަދި އެކަންތައް އޮންނަގޮތެއްވެސް އެނގެނީއެއް ނޫނެވެ. އެތާގެ ގަވާއިދުތައްވެސް އޭނައަދި މުޅިން ބަލާފައެއްނުވެއެވެ.
"ސަތޭކަ ޑޮލަރުތަ؟ ތިއީ ހަމަ އެކަށީގެންވާވަރުގެ އަދަދެއް. މިއިން ކޮންމެ ޖުމްލައެއްވެސް ލިޔެފައިވަނީ ތަފްސީލް ލިޔަން އެހާ މަސައްކަތްކޮށްގެން. އެހެންވީމަ މިއިން ސަފުހާއަކަށް ގެއްލުމެއް ދީފިއްޔާ ސަކޭތަ ޑޮލަރަށްވުރެ މަދު ނޫން އަދަދެއް ނަގަންވާނެ. އަދި އެއީ ޚާއްސަކޮށް އެމީހެއްގެ އެއްޗަކަށް ނުވަންޏާ. ނޫންތަ؟" އޭނަގެ އަޑު މަޑުވެފައި ފުންކަމެއްވިއެވެ. އަދި ހިތްތައް މަޑުކޮށްލާފަދަ ގޮތެއްވެސް އެ އަޑުގައިވިއެވެ. އަލްވާއަށް އޭނައާއި ބައިވެރިވެގެން އަދި ބޯ ޖަހާލަން ހުރެފައި ހަނދާންވީ ކުރިމަތީގައި މިހިރީ މި ފޮތުން ސަފުހާތަކެއް ވަގަށް ގެންދަން އުޅުނު މީހާކަމެވެ.
"ލައްބަ. އޭގެ މާނައަކީ ތިޔަބޭފުޅާ މިތަނަށް އޭގެ އަގު ދައްކަވަން ޖެހެއޭ މިސްޓަރ."
"މިހެން ވިސްނާލަބަލަ. މިފޮތަށް ގެއްލުން ވީމަ ތިއަށްވުރެ ބޮޑު އަދަދެއް ނަގަންޖެހޭ. ސަބަބަކީ މި ސްޓޯރުގައި އޮތީ މީގެ އެންމެ ދިހަ ކޮޕީކަމަށް ވާތީ..." އޭނަގެ އަތުގައި އޮތް ފޮތުގެ ބަނޑޭރި ގަނޑަށް ބަލައިލިއެވެ.
"އެންމެ ދިހަ ކޮޕީ؟ ޕަބްލިޝްކުރާއިރު ދިހައަކަށްވުރެ ގިނައިން ނޫންތޯ ކުރާނީ؟"
"މިއީ އެހާ މަޝްހޫރު ލިޔުންތެރިއެއްނޫން. ރޯޒްކްލިފްގެ ރައިޓިން އެޖެންސީތަކުން މި ޕްރިންޓްކޮށް އެންމެ ދިހަ ކޮޕީ ނެރުނީ..." މި ޅަ އަންހެންކުއްޖާގެ ނިމުމެއްނެތް ސުވާލުތަކާއިހެދި ސުފިޔާން ހިނި އަންނަގޮތްވިއެވެ.
"އެކަމަކު އެންމެ ދިހައެއް ކީއްވެ؟" އަލްވާ ޝައުގުވެރިވިއެވެ.
"ބައެއް ލިޔުންތެރިންނަށް ކޮންމެހެން މަޝްހޫރުވުން މުހިއްމެއްނުވާނެ. ބައެއް މީހުން އެހާ ގިނަވަގުތު އެކަމަށް ހޭދަކޮށް ބުރަ މަސައްކަތެއް ކުރުމަށްފަހު އެހެން މީހަކު އެލިޔުންތައް ކިޔާލުމުގެ ފުރުސަތު ދޭން ބޭނުންވެދާނެ. އެނގޭތަ؟ އެމީހަކު ކުރި މަސައްކަތް ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ތިމާ ދުނިޔެއާއި ވަކިވުމަށްފަހުވެސް އެތައް ޒަމާނެއްވާންދެން އެހެން މީހުން އޭގެ ބޭނުން ހިފާގޮތަށް..."
"ތިއީ އެހެންވިއްޔާ ފޮތެއް ޕަބްލިޝްކުރަން ހާދަ ފަސޭހަ ގޮތެކޭ. އަދި އެވެސް މުޅިން ހިލޭ؟" އަލްވާ ދެލޯ ތަންމިނަށް ހުޅުވައިލިއެވެ.
"ހޫމް. ރޯޒްކްލިފުން އެގޮތަށް ފޮތްތައް ހިލޭ ޗާޕްކޮށްދީފައި އަދި އެފޮތް ވިކިއްޖެއްޔާ ލިޔުންތެރިޔާއަށް ޕޭ ކޮށްދޭކަމަށް އަޑުއަހާފައިވަނީ.އެވެސް ވަގުތުން.." އޭނަގެ އަޑުގެ ޖާދޫގައި ޖެހި އަލްވާއަށް ހުރެވުނެވެ. އެ އަޑުގައި ބުއްދިވެރިގޮތެއްވެސް ހުއްޓެވެ. ދުނިޔެއަށް އިންސާނީ މުސީބާތެއް ޖެހުނަސް އެމީހަކަށް އިތުބާރުކުރެވޭވަރުގެ މީހެއްކަމުގައި އަލްދާ ދެކުނެވެ.
އަލްވާގެ ޚިޔާލުތައް ނޫ އުދަރެހުން މައްޗަށް އަރައިގެން ދިޔައެވެ. އޭނަ އަބަދުވެސް ފޮތެއް ލިޔެ ޗާޕްކުރަން ހުވަފެން ދެކުނެވެ. އެކަމަކު ފޮތެއް ލިޔެ ޗެކްކޮށް ޗާޕްކުރާ ކުންފުންޏަކުން އެ ފޮތް ގަބޫލުކޮށް އެންމެ ފޮތެއް ޗާޕްކުރަން އެތަނަށް ދައްކަން ޖެހޭ ފައިސާއާއިހެދި އޭނަގެ ހިތްވަރު އެލުނީއެވެ. އެކަމަކު ރޯޒްކްލިފުން ލިޔުންތެރިންގެ ފޮތްތައް ހިލޭ ޗާޕްކޮށްދެނީއެވެ. އޭނަގެ ހުވަފެން ހަގީގަތަށް ވާން އުޅެނީއެވެ. އަލްވާއަށް ފޮތެއް ލިޔެ މިއިން ހަރެއްގައި އޭނަގެ ފޮތެއް ބޭއްވިދާނެއެވެ. އަލްވާ ކުއްލިއަކަށް ބޯ ހަލުވާލާފައި އޭނަގެ ޚިޔާލީ ދުނިޔެއިން ނުކުމެ ސުފިޔާންގެ އަތުގައި އޮތް ފޮތް ޖަހައިގެންފިއެވެ.
"މިސްޓަރ. އަދި ކިތަންމެ މުއްސަދިވިޔަސް މިގޮތަށް ފޮތުން ގަނޑު ކަނޑައިގެން ނުވާނެ."
ސުފިޔާން މަޑުމަޑުން ހީލިއެވެ. އަދި އޭނަގެ ފަޓުލޫނުގެ ޖީބުން ކަރުދާހެއް ނެގިއެވެ."މިއީ ރެސިޕީ ލިސްޓެއް. ހަނދާންނެތިގެން މި ފޮތުގެ ތެރެއަށް އެ ލިޔުންތެރިޔާއަށް ލެވިފައިވީ..."
އަލްވާ އެ ކަރުދާހަށް ބަލާފައި އަތުގައި އޮތް ފޮތަށް ބަލައިލިއިރު "ޝާހްނާޒްގެ ކިޗަން އާޓް" މަތީގައި ބޮޑުއަކުރުން ލިޔެފައި އޮތެވެ." ބޭނުން ވެއްޖެއްޔާ ފޮތުގެ ސަފުހާތައް ހަމަތޯ ގުނައިލެވިދާނެ.."
ސުފިޔަން ހިނގައިގަންނަމުން އެހެން ބުނެލިއިރު އޭނަގެ ކޮނޑުގައި ނިކަން މަޑުމަޑުން ޖެހިލިހެން ހީވިއެވެ." ގުޑް ވޯކް." އޭރު އަލްވާ ނިކަން އަވަހަށް އެފޮތުގެ ސަފުހާތައް ހަމަޔަށް ހުރިތޯ ބަލާލައިފިއެވެ. އެ ޒުވާނާ ބުނިފަދައިން އެންމެ ސަފުހާއެއްވެސް މަދުވެފައެއް ނެތެވެ. އޭނަ ބުނީ ތެދެކެވެ. އެނބުރި ބަލައިލިއރު އެ ޒުވާނާ ފެންނާކަށްނެތެވެ.
އޭރު ގަޑިން ދޭއްޖަހަނީއެވެ. އޭނަ ގެއަށް ދާން ބާކީ އޮތީ މަދު ވަގުތުކޮޅެކެވެ. ސްޓޯރުގެ ތަޅުންމަތި ފޮހުމުގައި އަވަދިނެތި އުޅެނިކޮށް ފުޅާ ބިއްލޫރިތަކުން މާ ވަރަކަށް މީހަކު އަތް އެއްލާހެން ހީވެފައި ލޯބޮޑުކޮށްފައި ބަލައިލިއެވެ. އޭނައަށް ކޮންމެވެސް މީހަކު ގޮވަނީހެއްޔެވެ؟ އޭނަ ކުޑަދޮރުގެ ކައިރިއަށްގޮސް ލޯ ހަނިކޮށްފައި ބޭރަށް ބަލައިލިއެވެ. ވަގުތުން އެއީ ކޮން ބަޔެއްކަން އެނގި އަނގަމަތީ އަތް އަޅައިލެވުނެވެ. އޭނައާއި ދިމާލަށް ނުރުހުމުގެ ލޮލަކުން ބަލަހައްޓައިގެން ހުރީ އެމީހެއްގެ އަވިއައިނު ނަގައިގެން މައްސަލަ ޖެހުނު ޒުވާނާއެވެ. ދެން ހުރީ ބުޅަލުގެ ވެރިޔާއެވެ. އޭނަ އެކުވެރިޔާގެ ގަމީހުގެ ގިރުވާނުގައި ހިފާ ދަމަމުން މަގު ހުރަސްކުރިއެވެ. އަލްވާ ހިނިގަނޑު ހިންދަން މަސައްކަތް ކުރިއެވެ. އެދެމީހުން ގޮސް ވަނީ މަގުގެ އަނެއް ފަޅީގައި ހުރި ވަޑާން ގެއަށެވެ.
***
"އައިމް ޓެލިން ޔޫ..އަހަރެމެން ދިރިމިއުޅެނީ ބޭއިންސާފުން ފުރިގެންވާ ދުނިޔެއެއްގައި. އިއްޔެ އެހިނގި ކަމެއްވެސް ދެކެބަލަ. އެ އަންހެންކުއްޖާ ޅަ ވީމަ މަގޭ އައިނު ވަގަށް ނަގައިގެންވެސް ރައްކާވެއްޖެ. ހަމައެކަނި އެހެނެއްނޫން. އަދި މުއްސަދި ފިރިހެނަކު އޭނައަށް ފައިސާ ދޭންވެސް ޖައްސައިފި. ހެއްވާއެއްނު..." ލައިލް އަތް ވައިގެ ތެރޭގައި އެއްލަމުން ހަޅޭއްލަވާގޮތަށް ވާހަކަދެއްކިއެވެ."މިފަދަ ކަމެއް ހިނގައިފިކަން ހަގީގަތުގައިވެސް ގަބޫލުކުރެވޭތަ؟"
"އާނ. އެކްޒެކްޓްލީ. އަހަރެމެން މިތިބީ މޫވީއެއްގައެއްނޫން." ނަވޫދުވެސް އެއްބަސްވިއެވެ. އިއްޔެ ހިނގި ހާދިސާ ގަބޫލުކުރަން އޭނައަށްވެސް ފަސޭހައެއް ނޫނެވެ.
"ދެން ކީއްވެ އަހަރެން ދަމާ ކޫއްތަމުން ތި ގެންދަނީ؟ އަހަރެމެން އެކުއްޖާއަށް ލެކްޗާއެއް ދޭކަށް ނުޖެހޭތަ؟" ލައިލް ނަވޫދުގެ އަތް ގިރުވާނުން ނައްޓަން މަސައްކަތްކުރިއެވެ.
"އެކަން ދެން ހަނދާން ނައްތާލާ. އެކުއްޖާއަކީ ބޮލަށް އުދަގޫވާ ޒާތުގެ ކުއްޖެއް. ކުދިންނާއި އަޅައިގަނެގެން އުޅެން ހަދައިގެން އެއްވެސް ކަމެއް ރަގަޅެއްނުވާނެ. ބޮޑެތި މީހުންނަށްވުރެވެސް އެކުދިންގެ ނުރައްކާ ބޮޑު. ޚަބަރު އަޑުއަހާބަލަ.." ނަވޫދު ރޭޑިއޯއަށް އިޝާރާތްކުރިއެވެ. މަސައްކަތު މީހުންވެސް ހުސްވަގުތުކޮޅެއް ހޯދާ ލެމަނޭޑް ބުއިމުގެ އުފާ ހޯދައިގެން ރޭޑިއޯ އަޑުއަހަން ޝައުގުވެރިކަމާއެކު ތިއްބެވެ." ފަނަރަ އަހަރުގެ އަންހެންކުއްޖާވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކުރެވިފައި. ފަންސާސްއަހަރުގެ ސިޔާސީ މީހަކަށް އަނިޔާވެރިކަމާއެކު ހަމަލާދިނުމާއި ގުޅިގެން އެ ކުއްޖާއާއި ފުލުހުން ދަނީ ސުވާލުކުރަމުން. ތަހުގީގުކުރާ މީހުންނަށްވެސް މި ކޭސް އުދަގޫވަނީ މި އަންހެންކުއްޖާއާއި އެ ސިޔާސީ ފަރާތާއި އެއްވެސް ގުޅުމެއްވެސް ނެތީމަ."
"އެކަމެއް ހިނގައިގެން އުޅެނީ ހަގީގަތުގައި މި ހޮލެންޑްގައިތަ؟ ގޯޝް. މި ދުނިޔެއަށް ވެގެން އުޅެނީ ކީއްތަ؟"ލައިލްވެސް ބިރުން ރޫރޫ އަަޅައިގަތެވެ.
" ފަސްއަހަރުގެ ކޭހެއްވެސް ހަނދާނަށް އައިއްސި. ކުއްޖަކު ސްވިސް ވިޔަފާރިވެރިއެއްގެ ގަޔަށް ވަޅި ހަރާ މަރައިލީ އެއަށްފަހު އެންމެ ލަފުޒެއް ދުލުން ބޭރުކުރުމުން މަނާވެގަތް. އެއަށްފަހު އެކުއްޖާ މެންޓަލް އެސައިލަމްއަކަށް ގެންދެވުމަށްފަހު ފަހުން މަރުވެފައި އޮތްވާ ފެނުނީ.." ޚަބަރު ނިމުމުން މަސައްކަތު މީހަކު ރޭޑިއޯ ނިވާލައިފިއެވެ.
"އެ ސަތާރަ އަހަރުގެ ފިރިހެން ކުއްޖާ. އެފަހަރުވެސް އަހަރެން ހަދާންވާ ގޮތުން ވިއްޔާ އެ ޒުވާނާއާއި ވިޔަފާރިވެރިޔާއާއި އެއްވެސް ގުޅުމެއްނެތް. އަޖައިބެއްފަދަ ކަމެއް. ފަސް އަހަރު ކުރީގެ އެ ކޭސް އެމީހުން އެހާ އާދައިގެ ކަމެއް ގޮތަށް ނަގައިގެން ނުވާނެ.." އަނެކަކު ކިޔާލައިފިއެވެ.
"ފުލުހުންނަކީ ބޭނުމެއް ހިފޭ ބަޔެއްނޫން." އަނެކަކު ޗޮކެއް ކަނޑައިިލިއެވެ.
"މަގުމަތިން ދާ ޑޯގެއްގެ ކައިރީ އެހީއަށް އެދި ބުނެފިއްޔާ ފުލުހުންނަށްވުރެ މޮޅަށް ހެކި ހޯދާދޭނެ...."
"ކުދިންނޭ. ފުދޭވަރަކަށް ބޭކާރު ވަގުތުތައް ދުއްވާލެވިއްޖެ. އަވަހަށް މަސައްކަތަށް ދޭ.."ހުމާމު އަތްތިލަ ޖަހަމުން އެތަނަށް ވަނީތީ ދުވަސްވީ މުވައްޒަފުން ހިތްހަމަނުޖެހުނެވެ. އަދި ނުރުހުމުގެ އަޑުތައް ހިމޭންކަން މުގުރައިލިއެވެ. ހުމާމްގެ އުމުރުން ސާޅީހުގެ މެދުތެރޭ އުޅޭއިރު އެތާ މަސައްކަތްކުރާ ދެބައިކުޅަ އެއްބައި މީހުންނަށްވުރެ އޭނަ ޅައެވެ. ދުވަސްވީ މީހުން ހުމާމްގެ ވާހަކަތަކަށް ސަމާލުކަމެއް ނުދެއެވެ. އެމީހުން ހުމާމަށް އަހައްމިޔަތުކަމެއް ނުދެއެވެ. އެހެންވުމުގެ ސަބަބުން ހުމާމްގެ ސަމާލުކަން ގިނަފަހަރު ހުންނަނީ ނަވޫދާއި ލައިލްއަށެވެ. ލައިލް އޭނަގެ ސްޓޭޝަނަށް ހިނގައިގަތީ ލޮލު ތެރޭ ކަޅި ހިންގައިލަމުންނެވެ. ލައިލް ވަކަރުކޮޅެއް ކީހާލަން އިންދާ އެ އަންހެންކުއްޖާ ދައްކައިލީ ދާދި ގާތުންނެވެ. ސިހުނުލެއް ބޮޑުކަމުން ކީސް އަތުން ދޫނުވީ ހަމަ ކިރިޔާއެވެ. ނަވޫދު އެސިކުންތުކޮޅު ހަރަކާތް ނުކުރިނަމަ ލައިލްގެ ކީހުން ނަވޫދުގެ ފައި ޒަޚަމްވީހެވެ.
"ޔޫ.....ކުޑަ މޮޔަގަނޑު.."
"އަހަންނަކީ އަލްވާ." އަލްވާ އަޑަށް ލެވުނުހާ ބާރެއްލާފައި އެންގިއެވެ.ވަކަރުގައި މޮހޮރުތައް ޖަހާ އަޑު ފަދަ އަޑުތަކުގެ ތެރެއިން އޭނަގެ އަޑު މި މީހުން ކަންފަތަށް ވަންނާނީވެސް ބާރަށް ބުނެގެންނެވެ.
"މިއޮތީ..." އޭނަ އާ ކަޅުކުލައިގެ އަވި އައިނެއް ލައިލްގެ އަތަށް ލައްވާދިނެވެ." މިއީ މާފެއްކަމަށް ބަލައިގަނެވޭނެ ދޯ. އަހަރެން ވަގަށް އައިނު ނެގީއެއްނޫން. ތަޅުންމަތީގައި އޮތްވާ ފެނުނީ.."
ލައިލް އެ އަވިއައިނު ޗެކްކޮށްލުމުން އޭނަ އަތުގައި ކުރިން އޮތް އައިނަށްވުރެ މީތި އަގުބޮޑުކަން ވިސްނައިގަނެވުނެވެ.
"އަހަރެންނާއި ދިމާލަށް ވައްކަމުގެ އިނިގިލި ދިއްކުރުވާކަށް ބޭނުމެއްނޫން." އަލްވާ ހަށަން ބަދެލިއެވެ." އަހަރެން ގޭންގްސްޓާއިންނާއި އެއްވެސް މައްސަލަގަނޑެއް އޮންނާކަށް ނޭދެން. އަދި ޖަނަވާރަށް އެބިއުޒްކުރާ މީހުންނާވެސް.."
އަލްވާ އެންމެ ފަހު ލަފުޒުތައް ބުނެލީ ސިއްރުން ބުނާފަދައިންނެވެ. އޭނައަށް ނުސީދާކޮށް ކޮށްލި މަލާމާތް އިވި ނަވޫދު މޫނު ހެދިއެވެ. އެ އަންހެންކުއްޖާއަށް އެއީ އޭނަ ލޯބިން ގެންގުޅޭ އޭނަގެ ބުޅާކަން ރަގަޅަށް އެނގޭނެއެވެ. އަދި އަނިޔާއެއް ނުދޭކަންވެސް ޔަގީންވާނެއެވެ.
"ލުކް ހިއަ ކިޑް. މިތަނުން ގޮސްދާނަންތަ ނޫނީ......"
"ކިޑް؟ އަހަންނަށް އެނގޭ ކަލޭމެން ކުދިންވެސް މަށަށްވުރެ ވަކި އުމުރުން ދުވަސްނުވާނެކަން...." އަލްވާ އެ ވަޑާން ގޭތެރޭގައި މަސައްކަތްކުރާ އެހެން މީހުންނަށްވެސް ނަޒަރު ހިންގައިލިއިރު އެންމެން މާ ދޮށިކަން ޔަގީންވިއެވެ." އަހަންނަށް މި ވީ އަށާރަ އަހަރު. ތިކުދިންގެ އުމުރަކީ ކޮބާ؟"
"ފަންސަވީސް.." ނަވޫދު ގޮސް ހުއްޓުނީ އޭނަ ކުރަހާފައި ހުރި އަލަމާރިއެއްގެ ކައިރީގައެވެ.
"ރިއަލީ؟" އަލްވާއަށްވުރެ ބޮޑަށް ލައިލްއަށް ހައިރާންކަމެއް ލިބުނެވެ."އެހެންވާނީ ކިހިނެއްތަ؟ އަހަރެން ހީކުރީ އަހަރެމެން ދެމީހުން އެއް އުމުރުކަމަށޭ. ނަވޫދްއަށް ވީ ވިހި އަހަރެއްނު؟"
އަލްވާ މޫނު ހަދައިލިއެވެ. އޭނަ ހީކުރިވަރަށްވުރެ މި ޒުވާނުން މާ ޅައެވެ. އޭނަ ކުރީކޮޅު ކޮންމެވެސް ވަރަކަށް ބިރުވެސް ގަތެވެ. އަވިއައިނުގެ މައްސަލަގަނޑުގައި މިމީހުންގެ ފަރާތުން ގޯނާކުރިމަތިވެދާނެކަމަށްވެސް ހީކުރެވުނެވެ. ނަމަވެސް މިވީގޮތުން ބިރުވެރިކަން އެއްކޮށް ހިތުން ފިލައިގެންގޮސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މި ވަޑާންގެއާއި ކައިރީގައި ހުރި ފޮތް ފިހާރައެއްގައި މަސައްކަތްކުރަން ޖެހޭތީ ކަންބޮޑުވާންވީ އެއްވެސް ސަބަބެއްނެތެެ.
"އެނީވޭ. އަލީނާ. ދެން މިތަނުން ދާކަށް ނޫޅެންތަ؟" ލައިލް ބުމަ އެރުވިއެވެ.
"ނަމަކީ އަލްވާ.." އަލްވާ ކުށް ރަގަޅުކޮށްލަދިނީ ވަށައިގެން ހިނގާ ކަންތައްތަަކަށް ނަޒަރު ހިންގައިލަމުންނެވެ. ވަކަރުގެ ހާދަ ގިނަ އެތިކޮޅުތަކެވެ. އޭނަގެ ބައްޕަވެސް ހޮޓަލުގެ އަލަމާރިތަކާއި ހަރުތައް މަރާމާތުކުރަން ބޭނުންވާކަން އޭނަގެ ހަނދާނައަށް އައެވެ. އެހާވަރުން ބާޒެއްގެ ލޯ ފަދައިން އޭނަ ތަނަށް ކަޅި އުކަމުން ނިމިފައިވާ ފަރުނީޗަރުތަކަށްވެސް ވިސްނުންތެރިކަމާއެކު ބަލަނިކޮށް ލައިލް ކުރި ބެއްދިއެވެ.
"ކަލޭގެ ސަބަބުން ނަވޫދުގެ ފައިގެ ދުވަސްވެސް މަގޭ ކީހުން ޖެހި ނުދިޔައީ ހަމަކިރިޔާ.. މިތާ ހުރެގެން އެއްގޮތަކަށްވެސް ނުވާނެ."
"ފަޔާއި ނުލާ ރަގަޅަށް ދިރިއުޅެވިދާނެ. އެއީ ތިމާގެ ލޯ ކަމުގައި ނުވަންޏާ. އަގުހުރި އެއްޗަކީ މީހާގެ ލޯ..." ނަވޫދުގެ މޫނަށް ވެރިވަމުން ދިޔަ ކުލަތަށް ނޭގިހުރެ އަލްވާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ." މިސާލަކަށް އޭނަގެ ފައި ހަށިގަނޑާއި ވަކިވީޔޯ. އެކަމަކު މިތާގައިވެސް ފައި ނެތިމަސައްކަތް ކުރެވިދާނެ. ފަޔަކީ މުހިއްމު އެއްޗެއް ނޫން. ކޮންމެވެސް ގޮތަކަށް އުޅެލެވޭވަރަށް މެޝިންތަކުގެ ސަބަބުން ދުނިޔެ ކުރިއަރައިގެން ހިނގައްޖެ.."
ކުއްލިއަކަށް ނަވޫދު އަލްވާގެ ހެދުމުގެ ކަރުވަޅުގައި ހިފެހެއްޓުމުން އަލްވާ އެފަދަ ކަމަކަށް އުއްމީދުނުކޮށް ހުރުމުން އަރިއަޅާނުލީ ހަމަ ކިރިޔާއެވެ. ނަވޫދުގެ މޫނުން އެހާ ފިނި ނަޒަރެއް ލައިލްވެސް ދުވަހަކު ދެކެފައެއްނެތެވެ.
ނުނިމޭ